ޚަބަރު

ބީއެމްއެލްއިން މަސައްކަތްކުރަނީ މާލީ ދާއިރާގެ ތަޖުރިބާކާރުންގެ ޖީލެއް ބިނާކުރުމަށް: ޝަރީފް


  • ސަރުކާރުގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބީއެމްއެލްއިން ދަނީ އެހީތެރިކަން ފޯރުކޮށްދެމުންކަން ބީއެމްއެލްގެ ސީއީއޯ ފާހަގަކުރެއްވި

ބެންކް އޮފް މޯލްޑިވްސްއިން ގައުމުގެ އިގްތިސާދީ އަދި އިޖްތިމާއި ތަރައްގީއަަށް ދޭ އެހީތެރިކަމުގެ ތެރެއިން މާލީ ދާއިރާގެ ތަޖުރިބާކާރުންގެ ޖީލެއް ބިނާކުރުމަަކީ އަމާޒެއްކަމަށް ބީއެމްއެލްގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވީ ބީއެމްއެލްގެ އިސްލާމިކް ޔުނިވަރސިޓީ އޮފް މޯލްޑިވްސްގެ ސަނާބިލް އިމާރާތުގެ މަސައްކަތް އަމަލީ ގޮތުން ފެށުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބީއެމްއެލްގެ ސީއީއޯ ވިދާޅުވީ އެ ބޭންކުން މަސައްކަތް ކުރަމުންދާ އަމާޒުތަކާއި ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ ތަރައްގީގެ ތަސައްވުރާއި ބީއެމްއެލްގެ އަމާޒުތައް ވަނީ ގުޅިލާމެހިފައިކަމަށެވެ. އެހެންކަމުން ސަރުކާރުގެ މުހިއްމު ލަނޑުދަނޑިތައް ހާސިލްކުރުމަށް ހިންގާ މަޝްރޫއުތަކުގައި ބީއެމްއެލްއިން ބައިވެރިވެ، އެހީތެރިކަން ފޯރުކޮށްދޭނެކަަމަަށް ޝަރީފް ފާހަގަކުރެއްވިއެވެ.

"އެކައުންޓުން ފެށިގެން ފައިނޭންސިންއާ ހަމައަށް ފުރިހަމަ އިސްލާމީ ބޭންކެއްގެ އުފެއްދުންތަކާއެކު ބީއެމްއެލްއިން މިދަނީ މުޅި ގައުމުގައި މާލީ ބާރުވެރިކަން އިތުރުކުރަމުން. ހުރިހާ އެންމެން ޝާމިލުވާ ދެމެހެއްޓެނިވި އިގްތިސާދެއް ބިނާކޮށް، މާލީ ބާރުވެރިކަން އިތުރުކުރުމަށް ބީއެމްއެލްއިން މިދަނީ މުޙިއްމު ދައުރެއް އަދާކުރަމުން. .ރައީސުލްޖުމްހޫރިއްޔާ ޑރމުހައްމަދު މުއިއްޒު ގައުމީ ތަރައްގީއަަށް ކަނޑައަޅުއްވާފައިވާ ވިސްނުންފުޅާއި ލީޑަރޝިޕް ބީއެމްއެލްގެ މިޝަންއާ ވަރަށް ބޮޑަށް ގުޅިލާމެހިފައި" ޝަރީފް ވިދާޅުވިއެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ސަނާބިލް އިމާރާތް ބިނާކުރުމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އިގްތިސާދީގޮތުން ވަރުގަދަ ދިވެހިރާއްޖެއެއް ބިނާކުރުމަށް ކުރެވޭ އިންވެސްޓެއްކަމަށް ދެކެވަޑައިގަންނަވާކަމަަށް ޝަރީފް ވިދާޅުވިއެވެ. އަދި ބޭންކުގެ އިޖްތިމާއި ޒިންމާގެ ދަށުން ތައުލީމީ ދާއިރާ ކުރިއެރުވުމަަށް ގިނަ މަސައްކަތްތަކެއް ބީއެމްއެލްއިން މިހާރުވެސް ކުރަމުންދާކަން ޝަރީފް ފާހަގަކުރެއްވިއެވެ.

"މިއީ ހަމައެކަނި މާލީ އެހީއެއްކަމަށް ނުދެކެން. އެއީ ގައުމުގެ ކުރިމަގަށް ކުރެވޭ އިންވެސްޓްމަންޓެއް. އެހެންކަމުން އެ ދަރިވަރުން ހިދުމަތްކުރާނީ ދިވެހިރާއްޖެއަށް" ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ޒުވާން ހުނަރުވެރިން ބިނާކުރުމުގެ މަސައްކަތުގެ ތެރެއިން މާލީ ދާއިރާ ކުރިއަރުވާނެ މަގު ދައްކާނޭ ޖީލެއްގެ ބޭންކަކުން، މާހިރުން، އަދި ލީޑަރުން އުފެއްދުމަށް ބީއެމްއެލްއިން އިސްކަންދެއްވާކަމަށެެވެ. އެގޮތުން މަތީ ތަޢުލީމް ހާސިލުކުރުމަށް ބީއެމްއެލްއިން ފޯރުކޮށްދޭ ސްކޮލަޝިޕްގެ ދަށުން މިހާރުވެސް އޮސްޓްރޭލިޔާއާއި އިނގިރޭސިވިލާތުގުގައި ދަރިވަރުން މަތީ ތައުލީމް ހާސިލްކުރަމުންދާކަމަށެވެ.

އައިޔޫއެމްގެ ސަނާބިލް މަޝްރޫއަށް އަލިއަޅުއްވާލައްވަމުން ޝަރީފް ވިދާޅުވީ އެމަޝްރޫއުގެ ތެރެއިން ބީއެމްއެލްއިން މި އިންވެސްޓްކުރަނީ ތައުލީމީ، އަހްލާގީ. އަދި އިގްތިޞާދީގޮތުން ވަރުގަދަ ދިވެހިރާއްޖެއެއް ބިނާކުރުމަށް އެހީތެރިވެދޭނެ އިލްމުވެރިންނާއި ލީޑަރުންނާއި ޕްރޮފެޝަނަލުން އުފައްދާނެ މުއައްސަސާއަކަށް ކަމަށެވެ. އަދި މި މަޝްރޫއުގައި ބައިވެރިވުމަކީ ބީއެމްއެލްއަށް ލިބޭ ޝަރަފެއްކަމަށްވެސް ޝަރީފް ވިދާޅުވިއެވެ.