ޚަބަރު

ޖޫނިއާ ޓީ20 ޗެންޕިއަންޝިޕްގެ ޓީމުތަކާއި ޖަރޒީ ހަވާލުކޮށްފި


  • ޖޫނިއާ ޓީ20 ޗެންޕިއަންޝިޕްގަ ވާދަކުރަނީ ހެލެނބެލި، ފުނަ، މަދޮށި އަދި ކާނި

  • މުބާރާތުގެ ކުޅުން ކުރިއަށްދާނީ މިމަހުގެ 10 އިން 20 އަށް

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް)ގެ ދަށުން ހިންގަމުން އަންނަ ކްރިކެޓް އެކަޑަމީ އޮފް މޯލްޑިވްސް އިން ކުރިއަށްގެންދާ ނެޝަނަލް ޖޫނިއާ ޓީ20 ޗެންޕިއަންޝިޕްގައި ވާދަކުރާ ޓީމުތަކާ ޖާޒީ ހަވާލުކޮށްފިއެވެ.

މާފަންނު ކުޅިވަރު އެކުވެނީގެ އިންޑޯ ކްރިކެޓް ހޯލުގައި ކުރިއަށްދިޔަ މިރަސްމިއްޔާތުގައި ޓީމުތަކާ ޖާޒީ ހަވާލުކޮށްދެއްވީ ކުރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު ފައިސަލްއާއި ނައިބު ރައީސް އަހްމަދު އިސްހާގެވެ. މިރަސްމިއްޔާތުގައި ސީބީއެމްގެ އިސްވެރިންވެރިންނާއި ޓީމުތަކުގެ ކޯޗުންގެ އިތުރުން ބެލެނިވެރިންވެސް ވަނީ ބައިވެރިވެފައެވެ.

ނެޝަނަލް ޖޫނިއާ ޓީ20 ޗެންޕިއަންޝިޕްގެ ކުޅުން ކުރިއަށްދާނީ މިމަހުގެ 10 އިން 20 އަށް މާފަންނު ކުޅިވަރު އެކުވެނީގެ އެއް ނަމްބަރު ދަނޑުގައެވެ.

ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ވާދަކުރާގޮތަށް ކުރިއަށްގެންދާ މިމުބާރާތުގެ ކުޅުން ފަށާނީ ފުނަ އަދި ކާނި ޓީމުންނެވެ. މުބާރާތުގެ ސެމީ ފައިނަލުގެ މެޗުތައް ތާވަލުކޮށްފަވަނީ މިމަހުގެ 16 އަދި 17 އަށެވެ. 18 ވަނަ ދުވަހު ތިންވަނަ ހޮވާ މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު ފައިނަލު މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އޭގެ އެއް ދުވަސް ފަހުން މިމަހުގެ 20 ވަނަ ދުވަހުއެވެ.

16 އަހަރުންދަށުގެ އުމުރުފުރާއަށް ޚާއްސަކޮށްގެން ކުރިއަށްގެންދާ މިމުބާރާތުގައި ހަތަރު ޓީމަކުން ވާދަކުރެއެވެ. އެއީ ހެލެނބެލި، ފުނަ، މަދޮށި އަދި ކާނި ޓީމެވެ. މުބާރާތުގައި ޖުމްލަ 10 މެޗު ކުޅުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގެ ކުޅުން ކުރިއަށްދާނީ ކޮންމެ ދުވަހަކު މެންދުރުފަހު 01:30 އިން ހަވީރު 5:00 އަށެވެ.

މިމުބާރާތަށްފަހު ރާއްޖޭގެ 16 އަހަރުންދަށުގެ ޓީމުގެ 20 ކުޅުންތެރިޔަކު ސްރީލަންކާއަށް ފުރުމަށްވަނީ ހަމަޖެހިފައެވެ. މިދަތުރުގެ މަގްސަދަކީ ޒުވާން ޓީމަށް އިތުރު ތަމްރީނުތައް ހޯދައިދީ މެޗު ތަޖުރިބާ ހޯދައިދިނުމެވެ. ރާއްޖޭގެ ޒުވާން ޓީމު ލަންކާއަށް ފުރާނީ މިމަހުގެ 21 ވަނަ ދުވަހުއެވެ. އަދި އެނބުރި ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މިމަހުގެ 30 ގައެވެ.