ޚަބަރު

ލެގިއާ އަތުން ޗެލްސީއަށް ފަސޭހަ މޮޅެއް


ޔުއެފާ ކޮންފަރެންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ ލެގިއާ ވާސޯއާ ދެކޮޅަށް ކުޅުނު މެޗު 3-0 ގެ ނަތީޖާއަކުން ޗެލްސީން ކާމިޔާބުކޮށްފިއެވެ.

ޕޮލެންޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ހާފުގައި އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވިފައިނުވި ނަމަވެސް ޗެލްސީން ވަނީ ރަގަޅު ކުޅުމެއް ދައްކާ ނުރައްކާތެރި ގިނަ ހަމަލަތަކެއް އުފައްދާފަ އެވެ.

މި މެޗުގެ ދެވަނަ ހާފުގެ ކުޅުމަށް ޓީމުތައް ނިކުތްއިރު ޗެލްސީގެ ކޯޗު އެންޒޯ މަރެސްކާ ވަނީ އެ ޓީމަށް ދެ ބަދަލެއް ގެނެސްފަ އެވެ.

އެގޮތުން ކޯލް ޕާމާ އާއި އަޑަރަބިއޯޔޯގެ ބަދަލުގައި ނޮނީ މަޑުއެކޭ އަދި ކޮލްވިލް ވަނީ ކުޅެން އަރުވާފަ އެވެ. އަދި މި ބަދަލުތަކާއެކު އެ ޓީމުގެ ކުޅުން ވަނީ އިތުރަށް ވަރުގަދަ ވެފަ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ހަތަރުވަނަ މިނުޓުގައި ޗެލްސީގެ ޒުވާން ފޯވަޑް ތައިރިގް ޖޯޖް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ. ޗެލްސީގެ އެކަޑަމީއިން އުފެދިގެން އައި އުމުރުން 19 އަހަރުގެ ޖޯޖް ޕްރިމިއާ ލީގުގެ މެޗެއްގެ ފުރަތަމަ ޓީމުގައި ހިމެނިގެން ކުޅެފައިނުވި ނަމަވެސް އޭނާ ވަނީ ކޮންފަރެންސް ލީގުގައި ޗެލްސީއަށް 10 މެޗު ކުޅެދީފަ އެވެ.

މި މެޗުގައި ޗެލްސީ އިން ޖެހި ދެވަނަ ލަނޑު މެޗުގެ 57 ވަނަ މިނިޓުގައި މަޑުއެކޭ ކާމިޔާބުކޮށްދިން އިރު އޭނާވަނީ އޭގެ 17 މިނިޓު ފަހުން އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ. މަޑުއެކޭ ގެ މި ދެ ލަނޑު ޖަހަންވެސް ފުރުސަތު ތަނަވަސްކޮށްދީފައިވަނީ ޖޭޑަން ސަންޗޯ އެވެ.

ޔޫއެފާގެ ތިންވަނަ ފަންތީގެ މި މުބާރާތް ކާމިޔާބު ކުރާނެކަމަށް އެންމެ ގިނަ ބަޔަކު ގަބޫލުކުރާ ޗެލްސީއަށް އެކަން ކާމިޔާބުވެއްޖެނަމަ ކުރިއަށް އޮތް ފުޓްބޯޅަ ސީޒަނުގައި ޔޫރޮޕާ ލީގުގެ ޖާގައެއް އެ ޓީމަށް ލިބިގެންދާނެ އެވެ. ނަމަވެސް ޕްރިމިއާ ލީގުގެ ގަދަ ފަހެއްގައި ހިމެނިއްޖެނަމަ ޗެމްޕިއަންސް ލީގަށް އެ ޓީމު ކޮލިފައިވާނެ އެވެ.

މި މުބާރާތުގެ ކުއާޓަރ ފައިނަލަށް ޗެލްސީ ކޮލިފައިވެފައިވާއިރު އެ ޓީމުން ވަނީ މުބާރާތުގެ ފުރަތަމަ ބުރުގެ ލީގު ބުރުގައި ކުޅުނު ހަ މެޗުގައި 26 ލަނޑު ޖަހާ ހުރިހާ މެޗަކުން މޮޅުވެފަ އެވެ.

ކުއާޓަރ ފައިނަލުގެ ދެވަނަ ލެގުގައި އަންނަ ހަފްތާގައި މި ދެ ޓީމު ބައްދަލުކުރާނީ ޗެލްސީގެ ސްޓެމްފަޑް ބްރިޖްގަ އެވެ. އަދި މި މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ 28 ވަނަ ދުވަހު ޕޮލެންޑްގެ ރޮކްލޯ ސްޓޭޑިއަމްގަ އެވެ.