ކުޅިވަރު

ލަންކާ ޓީމާ ވާދަކޮށް ރާއްޖެއަށް ދެވަނަ މޮޅު


ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) ގެ ދައުވަތަކަށް ރާއްޖެ އައިސްގެން އުޅޭ ސްރީ ލަންކާގެ ކެންޑީގެ އަކުރާނާ ފްރެންޑްސް ކްރިކެޓް ކުލަބާ ދެކޮޅަށް ރާއްޖޭގެ ގައުމީ ކުރިކެޓް ޓީމުން ކުޅުނު ދެވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ. މިއަދުގެ މެޗު ރާއްޖެއިން ޓީމުން ކާމިޔާބުކުރީ 39 ލަނޑުންނެވެ.

މި ދެޓީމު ވާދަކުރި ފުރަތަމަ މެޗުން ރާއްޖެ މޮޅުވީ 11 ލަނޑުންނެވެ.

ކުޅިވަރު އެކުވެނީގެ ކުރިކެޓް ދަނޑުގައި މިއަދު ހެނދުނު ފެށި މެޗުގެ ގުރު ދިމާވުމުން ލަންކާ ޓީމުން ގަސްތަކުރީ ހޮވުމަށެވެ. ރާއްޖޭގެ ޓީމުން ކުޅެން އަރާ ފުރަތަމަ 20 އޯވަރުގެ ތެރޭގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ވަނީ 135 ލަނޑު ހަދާފައެވެ. ރާއްޖޭގެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 52 ބޯޅައިން 54 ލަނޑު ހެދި ހާޒިގް ހަސަން ރަޝީދުއެވެ.

ޖަވާބުގައި ލަންކާގެ އަކުރާނާ ޓީމުން ކުޅެންއަރާ 19 އޯވަރުގައި ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދިފަވަނީ 96 ލަނޑެވެ. ލަންކާ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ 27 ބޯޅައިން 25 ލަނޑު ހެދި މުހައްމަދު އަޒީރެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފަވަނީ 4 އޯވަރު 12 ލަނޑަށް 3 ވިކެޓް ނެގި ރާއްޖޭގެ ޓީމުގެ މުހައްމަދު މިއުވާން ސިފާއުއެވެ.

ހަތަރު މެޗު ކުޅުމަށް ތާވަލުކޮށްފައިވާ އެކުވެރިކަމުގެ މެޗުތަކުގެ ފުރަތަމަ ދެ ދުވަހު ކުރިއަށްދާނީ ޓީ20 ދެ މެޗު ކަމަށާއި، އެއަށްފަހު ކުރިއަށްދާނީ 50 އޯވަރުގެ ދެ މެޗު ކަމަށް ކުރިކެޓް ބޯޑުން މައުލޫމާތުދެއެވެ.

މާދަމާ އޮންނާނީ މި ދެޓީމު ވާދަކުރާ ފުރަތަމަ އޯޑީ މެޗެވެ. 50 އޯވަރަށް ކުޅޭ މި މެޗު ފަށާނީ މާދަމާ ހެނދުނުއެވެ.