ކުޅިވަރު

ރަނގަޅަށް ކުރެވޭ އެއްވެސް ކަމެއް ނެތް: ޕޮސްޓެކޮގްލޫ


ޓޮޓްނަމް ހޮޓްސްޕަރއާ ދޭތެރޭ ސަޕޯޓަރުންގެ ވިސްނުންހުރީ ވަރަށް ނެގެޓިވްކޮށް ކަމަށް އެ ޓީމުގެ ކޯޗު އާންޖް ޕޮސްޓެކޮގްލޫ ބުނެފިއެވެ. މިގޮތުން ޓީމުން ކުރާ އެއްވެސްކަމެއް ސަޕޯޓަރުން ބަލައިނުގަންނަކަމަށާ ޓީމު ރަނގަޅު ނަތީޖާތައް ނެރޭ މެޗުތަކުންވެސް ކޮންމެވެސް ގޯހެއް ހޯދޭތޯ ސަޕޯޓަރުން މިހާރު ފާރަލާކަމަށް އޭނާ ބުންޏެވެ. އޭނާ މިހެން ބުނެފަވަނީ ޔޫރޮޕާ ލީގުގެ ކުއާޓަރ ފައިނަލުގައި ފްރެންކްފާރޓްއާ ބައްދަލުކުރުމުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ.

ޓޮޓްނަމަށް މި ސީޒަނާ ކުރިމަތިލާންޖެހިފަވަނީ ގިނަ ގޮންޖެހުންތަކަކާއެކުއެވެ. މިގޮތުން ޓީމަށް އަނިޔާގެ މައްސަލަތައް އިންތިހާއަށް ދިމާވެފައިވާއިރު، ޓީމުގެ އަސްލު ކުޅުންވެސް މިހާތަނަށް އަދި ދެއްކިފައެއް ނުވެއެވެ. ޕްރިމިއަރ ލީގުގަ ކުޅުނު 31 މެޗާއެކު އެޓީމަށް ލިބިފަވަނީ ޕޮއިންޓު ތާވަލުގެ ސާދަ ވަނައެވެ. ޕްރެޝަރަށް ވެއްޓިފައިވާ ޓޮޓްނަމާ ގުޅޭގޮތުން ޕޮސްޓެކޮގްލޫ ބުނެފަވަނީ އާންމުންގެ އިތުބާރުވެސް އޭނާއާމެދު މިހާރުވަނީ ގެއްލިފައިވާކަމަށެވެ. އޭނާއަށް ރަނގަޅަށް އެއްވެސްކަމެއް ކުރެވޭކަމަށް މީހުން ގަބޫލުނުކުރާއިރު، ޔޫރޮޕާ ލީގު ތަށި ޓީމުން އުފުލާލި ނަމަވެސް، އޭނާގެ މަސައްކަތް އާންމުން ދެން ބަލައިގަންނާނެކަމަށް ގަބޫލުނުކުރެވޭކަމަށް އޭނާ ބުންޏެވެ.

ނޫސްވެރިންނާ ވާހަކަދައްކަމުން ޕޮސްޓެކޮގްލޫ ބުނީ މިއީ އޭނާ ވަރަށް ކަންބޮޑުވާކަމެއްކަމަށެވެ. އަދި ޓީމުން ކުއާޓަރ ފައިނަލުގައި ވާދަކުރުމަށް މިރޭ ނުކުންނައިރު، ސަޕޯޓަރުން ޓީމާމެދު ގެންގުޅެނީ ވަރަށް ނެގެޓިން އެޖެންޑާއެއްކަމަށް އޭނާވަނީ ތުހުމަތުކޮށްފައެވެ.

އިނގިރޭސި ޕްރިމިއަރ ލީގުގައި އާދިއްތަ ދުވަހުގެރޭ ވާދަކުރި މެޗުން ޓޮޓްނަމް ހޮޓްސްޕަރ ވަނީ 3-1 ގެ ނަތީޖާއަކުން ސައުތެމްޓަން ބަލިކޮށްފައެވެ. މިމެޗުގައި ފެނިގެންދިޔަ ލަނޑުތަކުގެ ތެރެއިން ދެ ލަނޑަކީ ޓޮޓްނަމުގެ ބްރެނަން ޖޯންސަން ކާމިޔާބުކޮށްދިން ދެ ލަނޑެވެ. އެޓީމުގެ ތިންވަނަ ލަނޑު މަތީސް ޓެލްގެ ފަރާތުން ފެނިގެން ދިޔައިރު، ސައުތެމްޕްޓަންގެ ސުން ކަނޑުވާލާފައިވަނީ މަތިއުސް ފެނާންޑޭޒް ޖެހި ލަނޑުންނެވެ.

ޕޮސްޓެކޮގްލޫ ބުނެފަވަނީ ޔޫރޮޕާ ލީގު ކާމިޔާބުކުރެވުނު ނަމަވެސް، އޭނާއާ ދޭތެރޭ މީހުން ގަބޫލުކުރާގޮތް ބަދަލެއްނުވާނެކަމަށެވެ. އޭނާއަކީ އެފަދަ ޓީމެއް ހިންގުމަށް އެކަށީގެންވާ މީހެއްނޫންކަމަށް މީހުންދެކޭކަމަށާ، މިކަމުގެ ސަބަބުން ހިތްވަރު އެލޭކަމަށް އޭނާ ބުންޏެވެ. އަދި އެފަދަ ނަޒަރަކުން ދެކޭ ނަމަ ދުވަހަކުވެސް ކާމިޔާބީއެއް ނުލިބޭނެކަމަށް އޭނާވަނީ ބުނެފައެވެ. މިހާރު ވިސްނަންވީ ކުރިއަށް އޮތް މެޗާ މެދުކަމަށާ ޓީމުން ގުނަމުންދަނީ އުނދަގޫ ދުވަސްތަކެއްކަމަށް އޭނާ ބުންޏެވެ. އެހެންނަމަވެސް ޓީމުގެ ނަތީޖާ ރަނގަޅުކުރުމަށް ދެން އޮތް ވަގުތުގެވެސް ބޭނުން ހިފަަންވީކަމަށް އޭނާވަނީ ބުނެފައެވެ.

ކޯޗާ ދޭތެރޭ ޓޮޓްނަމްގެ ސަޕޯޓަރުން ނުރުހުން ފާޅުކުރަމުންދާއިރު، އެމީހުންވަނީ ޓީމުގެ ޗެއަރމަން ޑެނިއަލް ލެވީގެ އިސްތިއުފާއަށްވެސް ގޮވާލާ އަޑު އުފުލާފައެވެ. ޓީމުގެ ސަޕޯޓަރުން ބުނެފަވަނީ ލެވީ ޓީމާ ހަވާލުވުމަށްފަހު ޓީމުވަނީ އަޑިއަޅާލާފަކަމަށެވެ. އަދި މިއީ ޓީމަށް ބަދަލެއްގެންނަންވީ ވަގުތުކަމަށާ، އެކަންވާން އޮތީ ލެވީ އެމަގާމުން އިސްތިއުފާދިނުމުންކަމަށް އެމީހުންވަނީ ބުނެފައެވެ.

ސެލްޓިކާއެކު ލީގުގެ ދެ ތަށި އުފުލާލުމަށްފަހު ޓޮޓްނަމް ހޮޓްސްޕަރއާ ޕޮސްޓެކޮގްލޫ ގުޅިފަވަނީ 2023 ވަނަ އަހަރުގެ ޖޫންމަހުގެ ތެރޭގައެވެ. އެއަށްފަހު މިދިޔަ ސީޒަނުގެ ޕްރިމިއަރ ލީގުގައި ޓޮޓްނަމުންވަނީ ތާވަލުގެ ފަސްވަނަ މަގާމު ހޯދާފައެވެ. އެހެންނަމަވެސް 2008 ވަނަ އަހަރަށްފަހު ޓޮޓްނަމަށް އަދި މިހާތަނަށް ބޮޑު މުބާރާތެއް ކާމިޔާބުކުރެވިފައެއްނެތެވެ.

ޔޫރޮޕާ ލީގުގެ ކުއާޓަރ ފައިނަލުގައި ޓޮޓްނަމް ހޮޓްސްޕަރ ނިކުންނާނީ ފްރޭންކްފާރޓާ ދެކޮޅަށެވެ. މިމެޗު ކުޅުމަށް ހަމަޖެހިފައިވަނީ ރާއްޖެ ގަޑިން މިރޭ މެންދަމު 12:00ގައެވެ.