ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޝާމިލްކުރަނިވި މާހައުލެއްގައި ތަމްރީން އަދި ހުނަރު ދަސްކޮށްދިނުމަށް ތަރައްޤީކުރާ "އެމްޕަވަރމަންޓް ހަބް" ތަރައްޤީކުރުމަށް ޒަކާތު ހައުސްއާއެކު މަޝްވަރާކުރައްވައިފިއެވެ.
މި މަޝްވަރާތައް ކުރައްވާފައިވަނީ ދިވެހިރއްޖޭގެ ޒަކާތު ހައުސްއާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާއި ފަހި ދިރިއުޅުން ކޯޕަރޭޝަނާއެކުގައެވެ. މި ބައްދަލުކުރެއްވުގައި ވަނީ ދިވެހިރާއްޖޭގެ ޒަކާތު ހައުސްއާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާއާއި ފަހި ދިރިއުޅުން ކޯޕަރޭޝަން ގުޅިގެން ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ 'އެމްޕަވާމަންޓް ހަބް'ގެ މަސައްކަތްތަކާއި ގުޅޭ ގޮތުން މަޝްވަރާކޮށްފައެވެ.
އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގައި ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދާއި، އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވަޒީރު ޑރ. ޢައިޝަތު ޝިހާމްގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވަނީ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ޒަކާތު ހައުސްގެ ޑިރެކްޓަރ ޖެނެރަލް ޢިއްޒުދީން ޢަދުނާންއާއި ޒަކާތު ހައުސްގެ ބައެއް އިސްވެރިންނާއި އިޖުތިމާއީ އަދި އާއިލީ ތަރައްގީއާ ބެހޭ ވުޒާރާގެ އިސްވެރިންގެ އިތުރުން ފަހި ދިރިއުޅުން ކޯޕަރޭޝަންގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
"'އެމްޕަވަރމަންޓް ހަބް" ގެ ޚިދުމަތް އަމާޒުކޮށްފައިވަނީ 40-18 އަހަރާއި ދެމެދުގެ އުމުރުފުރާގެ މީހުންނަށެވެ. މި ހަބްގެ އަމާޒަކީ ސްކޫލްގެ މަރުހަލާ ފުރިހަމަކުރުމަށްފަހުގައި މުޖުތަމަޢުގެ ނުކުންނަ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބޭނުންތައް ދެނެގަނެ، އެފަރާތްތަކުގެ ހުނަރު ތަރައްޤީކުރުމާއި، މަސައްކަތުގެ ތަޖުރިބާއާއި، އިޤްތިޞާދީ މިނިވަންކަމަށް މަގުފަހިކޮށްދޭ ފުރުޞަތުތައް ހޯދައިދިނުންކަމަށް އިޖްތިމާޢީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
މީގެ އިތުރުން މިނިވަންކަމާއެކީ، އެފަރާތްތަކަށް މާނަހުރިގޮތެއްގައި މުޖުތަމަޢުގައި ބައިވެރިވާނެ ފުރުޞަތުތައް ހޯދައިދިނުމަކީވެސް މި ހަބްގެ މުހިއްމު އެއް މަޤްޞަދެވެ.
ޖުމްލަ 5500 އަކަފޫޓުގެ ޖާގައެއްގައި ހުޅުމާލެ ފޭސް 2 ގައި ހުޅުވާ މި ހަބްގައި ހުންނާނެ ބައިތަކުގެ ތެރޭގައި ހޮސްޕިޓަލިޓީ އަދި ކަލިނަރީ ތަމްރީނާއި މަސައްކަތުގެ ތަޖުރިބާ ފޯރުކޮށްދިނުމަށްޓަކައި އިންކްލޫސިވް ކެފޭ އަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް އުފައްދާ ތަފާތު ތަކެތި މާކެޓްކޮށް ވިއްކުމަށް ޢާންމުންނަށް ހުޅުވާލެވިފައިވާ ފިހާރަ އެއް ހިމެނެއެވެ.
ހަބްގެ ހަރަކާތްތަކުގައި ބައިވެރިވާ ފަރާތްތަކުގެ ޝައުޤުވެރިކަމާއި ގުޅުންހުރި އަދި ހުނަރު ތަރައްޤީ ކުރުމަށް ތަފާތު ޕްރޮގްރާމްތައް ހިންގުމަށް ހަބްގައި 3 ވޯރކްޝޮޕް ޖާގައެއްގެ އިތުރުން، ކޮމްޕިއުޓަރާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ތަމްރީން ދޭ ތަނެއް ހިމެނެއެވެ. މީގެއިތުރުން ހަބްގައި އިޖްތިމާޢީ ގުޅުން ބަދަހި ކުރުމަށް ތަފާތު ހަރަކާތްތައް ހިންގުމަށް އެކްޓިވިޓީ ރޫމް އަދި މަލްޓި މީޑިއާ ރޫމެއް ހުންނާނެކަމަށްވެސް އިޖްތިމާޢީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ހާމަކުރައްވައެވެ.
މިއަހަރު ތެރޭގައި ހުޅުވުމަށް ރޭވިފައިވާ ހަބްގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އެކްސެސިބިލިޓީއަށް ޚާއްޞަ އަހަންމިއްޔަތުކަމެއް ވަނީ ދީފައެވެ.
އިޖްތިމާޢީ އަދި ޢާއިލީ ތަރައްގީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، އެމްޕަވަރމަންޓް ހަބްގެ ކާމިޔާބު ގުޅިފައިވަނީ މަދަނީ ޖަމިއްޔާތަކާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދްމަތްދޭ ތަންތަނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުމާއި އެއްބާރުލުމަށްކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި މި މަޝްރޫޢާ ބެހޭ މަޝްވަރާއާއި މަޢުލޫމާތު ދިނުމުގެ ސެޝަންތައް ކުރިއަށްގެންދެވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.