"ގްލޯބަލް ގަވަރމެންޓް ސަމިޓް-ޝޭޕިންގ ދަ ފިއުޗަރ އޮފް ސޯޝަލް އިނޮވޭޝަން"ގެ ނަމުގައި ކުރިއަށްދާ ސަމިޓްގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވުޒާރާއިން ބައިވެރިވެއްޖެއެވެ.
ލަކްސްއެމްބަރގްގައި ކުރިއަށްދާ މި ސަމިޓްގައި މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު އަދި ސްޓޭޓް މިނިސްޓަރ ޑރ. އަބްދުﷲ ނަޒީރު ވަނީ ބައިވެރިވެވަޑައިގަންނަވާފައެވެ. އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުން ސަރުކާރުގެ އިސް މަޤާމުތަކުގައި މަސައްކަތްކުރަމުންދާ ބޭފުޅުންވެސް ވަނީ މި ސަމިޓްގައި ބައިވެރިވެވަޑައިގަންނަވައިފައެވެ.
މި ސަމިޓްގެ މަޤްސަދަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުން ސަރުކާރުގެ އިސް މަޤާމުތަކުގައި މަސައްކަތްކުރަމުންދާ ބޭފުޅުން ބައިވެރިވެ، ދަޢުލަތްތަކުގެ ހިންގުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމެވެ.
މިފަހަރުގެ ގްލޯބަލް ގަވަރމެންޓް ސަމިޓްގައި ސަރުކާރު ހިންގުމުގައި ދިމާވާގޮންޖެހުންތަކާއި، ސަރުކާރުގެ ހިންގުންތެރިކަން އިތުރުކުރުމާއި، އިޖުތިމާޢީ އުފެއްދުންތެރިކަން ކުރިއެރުވުން ފަދަ މުހިންމު މަޢުލޫތަކުގެ މައްޗަށް މަޝްވަރާކުރުމަށްވަނީ ހަމަޖެހިފައެވެ. އަދި ދަޢުލަތްތަކުގެ ހިންގުންތެރިކަން އިތުރުކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މީގެއިތުރުން ވަޒީރުޑރ. ޢަލީ ހައިދަރުގެ ފަރާތުން ދިވެހިރާއްޖޭ ތަމްޞީލްކުރައްވައި ނޭޝަނަލް ޕޮލިސީ އަދި އިޖުތިމާޢީ އުފެއްދުންތެރިކަމާއި ގުޅޭ ޚިތާބެއްދެއްވުމަށްވެސް ވަނީ ހަމަޖެހިފައިކަމަށް މަތީ ތަޢުލީމާބެހޭ ވުޒާރާއިން ވިދާޅުވިއެވެ.