ޔުއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލް ފުރަތަމަ ލެގުގައި ރޭ ބޮރޫޝިޔާ ޑޯޓްމުންޑާ ދެކޮޅަށް ކުޅުނު މެޗު 4-0 ގެ ނަތީޖާއަކުން ބާސެލޯނާއިން ކާމިޔާބުކޮށްފިއެވެ.
ބާސެލޯނާގެ ދަނޑުގައި ސާޅީސް ނުވަ ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ބާސެލޯނާއިން ޖެހި ހަތަރު ލަނޑުގެ ތެރެއިން ދެ ލަނޑު ޖަހައިގެން ބާސެލޯނާގެ ފޯވަޑް ރަފީނިއާ ވަނީ ލިއޮނެލް މެސީ ހަދާފައިވާ ރެކޯޑާއި އެއްވަރުކޮށްފަ އެވެ.
ރަފީނިއާ ވަނީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި ޖުމްލަ 19 ލަނޑު ޖެހުމުގައި ބައިވެރިވެފަ އެވެ. މިއީ 2011-12 ވަނަ ސީޒަނުގައި ލިއޮނެލް މެސީ ހަދާފައިވާ ރެކޯޑެކެވެ. އެހެންކަމުން މި ރެކޯޑް މުގުރާލުމުގެ ފުރުސަތު ރަފީނިއާއަށް އަދި އެބައޮތެވެ.
ބާސެލޯނާގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވާ މި މެޗުގައި އެ ޓީމުން ކުރި ހޯދާފައިވަނީ މެޗުގެ 25 ވަނަ މިނިޓުގައި ރަފީނިއާ ކާމިޔާބުކޮށްދިން ލަނޑުންނެވެ. މިއީ މި ސީޒަނުގެ ޗެމްޕިއަންސް ލީގުގައި އޭނާ ޖެހި 12 ވަނަ ލަނޑެވެ.
މި މެޗުގެ ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ޑޯޓްމަންޑަށް ކުރިން ކުޅުނު ރޮބަޓް ލެވަންޑޯސްކީ ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ. އަދި މެޗުގެ 66 ވަނަ މިނިޓުގައި އޭނާ ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 3-0 އަށް ބަދަލުކޮށްފަ އެވެ. މިއީ އޭނާ ބާސެލޯނާއަށް ޖަހައިދިން 99 ވަނަ ލަނޑެވެ.
ބާސެލޯނާއިން މި މެޗުގައި ޖެހި ހަތަރުވަނަ ލަނޑު މެޗުގެ 77 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ރަފީނިއާ ދިން ޕާހަކުން ލަމީން ޔަމާލް އެވެ. މި މެޗުގެ ފުރަތަމަ 11 ގައި ހިމެނުމާއިއެކު ލަމީން ޔަމާލް ވެފައިވަނީ ޗެމްޕިއަންސް ލީގުގެ 20 މެޗުގެ ފުރަތަމަ ޓީމުގައި ހިމެނިގެން ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާއަށް ވެފަ އެވެ.
މި ދެ ޓީމުގެ ދެވަނަ ކުރިމަތިލުން އޮންނާނީ އަންނަ ހަފްތާގައި ޖަރުމަނުގަ އެވެ.