ކުޅިވަރު

ވީއޭއެމް ކަޕް: ޕޮލިސް ކުލަބުން ފެށުން ރަނގަޅުކޮށްފި


ޕޮލިސް ކުލަބާއި ޖީޖީ ސްޕޯޓްސް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ: ވީއޭއެމް

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ކަޕް 2025 ގައި ޕޮލިސް ކުލަބުން ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ.

ޒުވާނުންގެ މަރުކަޒުގެ އެތޭރޭ ކޯޓުގައި މިރޭ ކުޅުނު މެޗު ޕޮލިސް ކުލަބުން ކާމިޔާބުކުރީ ޅ. ނައިފަރު ގުޑް ގޭމްސް ސްޕޯޓްސް އެކެޑަމީ (ޖީޖީ ސްޕޯޓްސް) ވާދަކޮށް ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.

މި އަހަރު ވީއޭއެމް ކަޕް ކުރިއަށްދަނީ ދެ ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމު ހިމެނޭ ގޮތަށެވެ. އެ ގޮތުން މުބާރާތުގައި ޕޫލް އޭގައި ހިމެނެނީ ޕޮލިސް ކުލަބާއި، ޖީޖީ ސްޕޯޓްސް އާއި، ވޮލީބޯލް ޔޫތް ނިއުޖަނަރޭޝަން އަދި ކ.ހުރާގެ ހުރާ ކޮމިއުނިޓީ ކުލަބެވެ.

މެޗުގެ ސެޓުތައް ޕޮލިހުން ކާމިޔާބު ކުރީ 25-17، 25-15 އަދި 25-13 އިންނެވެ. މެޗުގައި ޖީޖީ ސްޕޯޓްސް ކުލަބުން ވަނީ ޕޮލިހާ ދެކޮޅަށް ރަނގަޅު ވާދައެއް ކޮށްފައެވެ. މިމެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ޕޮލިސް ޓީމުގެ ގްރީސް ކުޅުންތެރިޔާ ސޯފިއާ ކްރެކާއެވެ.

ވީއޭއެމް ކަޕް ނިމުމުން ރާއްޖޭގެ ގައުމީ ވޮލީ ލީގަށް ކޮލިފައިވާ ޓީމުތައް އެނގިގެންދާނެއެވެ. އެގޮތުން ވީއޭއެމް ކަޕުގައި ކުޅޭ 8 ޓީމުގެ ތެރެއިން އެންމެ މޮޅު 6 ޓީމު ގައުމީ ލީގަށް ކޮލިފައިވާނެއެވެ. ގައުމީ ވޮލީ ލީގަށްފަހު ދެން އޮންނާނީ ގައުމީ މުބާރާތެވެ.

ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް އިން މިއަހަރު ފިރިހެން އަދި އަންހެން ލީގު ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ވަކިވަކިންނެވެ. އެގޮތުން އެންމެ ފުރަތަމަ ކުރިޔަށްދާނީ އަންހެން މުބާރާތްތަކެވެ.