ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ ވީއޭއެމް ކަޕް 2025 ގައި ކުޅުނު ފުރަތަމަ މެޗުން އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯ މޮޅުވެއްޖެއެވެ. މުބާރާތުގެ ގްރޫޕް ބީގައި ހިމެނޭ ވެމްކޯއިން ކުޅުނު ފުރަތަމަ މެޗުގައި ވާދަކުރީ އަސްދިގަ ސްޕޯޓްސް ކުލަބާއެވެ.
މިއަދު ހަވީރު ކުޅުނު މި މެޗު ފަސޭހަ ކަމާއެކު ވެމްކޯއިން ކާމިޔާބު ކުރީ ސީދާ ތިން ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓް ބޮޑު ތަފާތަކުން ވެމްކޯ ކާމިޔާބުކުރީ 25-05 ގެ ނަތީޖާއިންނެވެ. ދެވަނަ ސެޓް ވެމްކޯއިން ގެންދިޔައީ 25-14 އިންނެވެ. ފަހު ސެޓުގައި ވެމްކޯއިން ކާމިޔާބުކުރީ 25-07 ގެ ނަތީޖާއިންނެވެ.
މިއަހަރު ވީއޭއެމްކަޕް ކުރިއަށްދާނީ ދެ ގުރޫޕަކަށް ބަހާލައިގެން ކޮންމެ ގުރޫޕެއްގައި ހަތަރު ޓީމު ހިމެނޭ ގޮތަށެވެ.
މިމެޗުގައި ވެމްކޯގެ ތަޖުރިބާކާރު ކުޅުންތެރިންނާ އެކު ތަފާތުކުޅުމެއް ދެއްކިއިރު މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އެޓީމުގެ އައިޝަތު މާޖިދާއެވެ. މުބާރާތުގެ ގްރޫޕް ބީ ގައި ހިމެނެނޭ ވެމްކޯ އާއި އަސްދިގައިގެ އިތުރުން ފްލެކްޒޯ ސްޕޯޓްސް ކުލަބުގެ އިތުރުން ސިޓީ ފްރެންޑްސް ކުލަބެވެ.
ވީއޭއެމް ކަޕް ނިމުމުން ރާއްޖޭގެ ގައުމީ ވޮލީ ލީގަށް ކޮލިފައިވާ ޓީމުތައް އެނގިގެންދާނެއެވެ. އެގޮތުން ވީއޭއެމް ކަޕުގައި ކުޅޭ 8 ޓީމުގެ ތެރެއިން އެންމެ މޮޅު 6 ޓީމު ގައުމީ ލީގަށް ކޮލިފައިވާނެއެވެ. ގައުމީ ވޮލީ ލީގަށްފަހު ދެން އޮންނާނީ ގައުމީ މުބާރާތެވެ.
ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މިއަހަރު ފިރިހެން އަދި އަންހެން ލީގު ކުރިޔަށް ގެންދިއުމަށް ހަމަޖައްސާފައިވަނީ ވަކިވަކިންނެވެ. އެގޮތުން އެންމެ ފުރަތަމަ ކުރިޔަށްދާނީ އަންހެން މުބާރާތްތަކެވެ.