އަންނަ އަހަރުގެ ކުލަބު ވޯލްޑް ކަޕް ބާއްވާ ސިޓީތަކަށް ދުނިޔޭގެ ފުޓްބޯޅައިގެ މައި ޖަމުއިއްޔާ، ފީފާއިން 1 މިލިޔަން ޑޮލަރުގެ އެހީއެއް ދޭން ނިންމާފައިވާ ކަމަށް އެ އިދާރާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވެއްޖެއެވެ. އިންފަންޓީނޯ މިހެން ވިދާޅުވެފަވަނީ އެމެރިކާގެ މޭޖަރ ލީގު ސޮކަރ (އެމްއެލްއެސް) ގެ ކުލަބެއް ކަމަށްވާ ނޭޝްވިލް ސްޕޯޓްސް ކުލަބަށް މިދިޔަ އަންގާރަ ދުވަހު ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ.
މި ޒިޔާރަތުގައި ފީފާ ފައުންޑޭޝަނުގެ ސީއީއޯ ޔޫރީ ޖޯކައެފްގެ އިތުރުން ފީފާގެ ޗީފް ފުޓްބޯލް އޮފިސަރުކަމަށްވާ ޖިލް އެލިސް ވެސް ބައިވެރިވެވަޑައިގަތެވެ.
އެމެރިކާގެ އެގާރަ ސިޓީއެއްގައި މިއަހަރުގެ ފީފާ ކުލަބު ވޯލްޑްކަޕް ބާއްވާގޮތަށް ހަމަޖެހިފައިވާއިރު، މީގެން ކޮންމެ ސިޓީއަކަށް ފީފާގެ އެހީ ލިބިގެންދާނެއެވެ. މިއެހީ ފީފާއިން ދިނުމުގެ މަގްސަދަކީ ފުޓުބޯޅަ ކުރިއަރުވާ، ފުޓުބޯޅަ ކުޅުމަށް ޝައުގުވެރިކަންހުރި ޒުވާނުންނަށް ކުޅެވޭނެ މަގުފަހިކޮށްދިނުމުގެ ގޮތުން އައު ދަނޑުތަކެއް ބިނާކުރުމެވެ.
މިއެހީއަކީ ކްލަބް ވޯލްޑް ކަޕަށް ފީފާއިން ކަނޑައަޅާފައިވާ 1 ބިލިއަން ޑޮލަރުގެ ބަޖެޓާ ގުޅިގެން ދޭގޮތަށް ހަމަޖެއްސި އެހީއެކެވެ. މިދިޔަ މާރޗްމަހުގެ ތެރޭގައި މި ބަޖެޓު އިއުލާންކޮށްފަވާއިރު، އޭގެ ތެރެއިން 475 މިލިއަން އެމެރިކާ ޑޮލަރު ބެހިގެންދާނީ ކުލަބުތަކުގެ މެދުގައެވެ. މީގެ އިތުރުން މިއަހަރުގެ ކުލަބު ވޯލްޑްކަޕު ކާމިޔާބުކުރާ ޓީމަކަށް ފައިސާގެ ގޮތުގައި 125 މިލިޔަން އެމެރިކާ ޑޮލަރު ދޭގޮތަށްވެސް ފީފާއިންވަނީ ނިންމާފައެވެ.
އަންނަ ޖޫން މަހުގެ 14 އިން ޖުލައި މަހުގެ 13 ގެ ނިޔަލަށް އެމެރިކާގައި ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ކުލަބު ވޯލްޑް ކަޕްގައި މި އަހަރު ދުނިޔޭގެ އެކި ބައްރުތަކުން 32 ޓީމަށް ފުރުސަތުދޭގޮތަށްވަނީ ހަމަޖައްސާފައެވެ.
އެމެރިކާގެ އެގާރަ ސިޓީއެއްގެ ބާރަ ދަނޑުގައި މުބާރާތުގެ ކުޅުން ރާވާފަވާއިރު، އެތަނުން އެއް ދަނޑަކީ ނޭޝްވިލްގެ ޖިއޯޑިސް ޕާރކެވެ. ތިރީސް ހާސް މީހުންނަށް ކުޅިބަލަން ތިބެވޭގޮތަށް ބިނާކޮށްފައިވާ މި ދަނޑަކީ އެމެރިކާގެވެސް އެންމެ ބިޔަ ދަނޑުތަކުގެ ތެރޭގައި ހިމެނޭ އެއް ދަނޑެކެވެ. މުބާރާތުގެ ތިން ގްރޫޕެއްގެ މެޗުތައް މި ދަނޑުގައި ކުޅުމަށްވަނީ ހަމަޖެހިފައެވެ.
ކުލަބު ވޯލްޑްކަޕުގެ ފައިނަލް މެޗުކުޅުމަށް ހަމަޖެހިފައިވަނީ ނިއު ޖާރޒީގެ މެޓްލައިފް ސްޓޭޑިއަމްގައެވެ. އެމެރިކާގެ އެންމެ ބޮޑެތި ދަނޑުތަކުގެ ތެރޭގައި ހިމެނޭ މި ދަނޑަކީ އަށްޑިހަ ދެހާސް މީހުންގެ ޖާގައިގެ ދަނޑެކެވެ. ކުރިއަށް މިއޮތް 2026 ވަނަ އަހަރުގެ ފީފާ ވޯލްޑްކަޕުގެ ފައިނަލް މެޗުވެސް ފެނިގެންދާނީ މި ދަނޑުންނެވެ.