ޚަބަރު

ކަނޑު ދަތުރުފަތުރު ކުރުމުގައި މޫސުމަށް ސަމާލުކަން ދިނުން މުހިންމު


ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރާނެ ކަމަށާއި، 50  މޭލަށް ވައިގަދެވެ، ކަނޑުތައް ގަދަވެފައިވާތީ އެކަމަށް ސަމާލުވުމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން އިލްތިމާސްކުރައްވައިފިއެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ، މި ވިއްސާރަ ހޮނިހިރު ދުވަހާ ހަމައަށް ކުރާނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި، ބޯކޮށް ވާރޭ ވެހޭ އިރު، އާންމުކޮށް ފެންބޮޑުވާ ރަށްތަކުގައި ފެންބޮޑުވުން އެކަށީގެންވާ ކަމަށެވެ. އަދި އުތުރާއި މެދުރާއްޖޭގެ ކަނޑުތައް ގަދަވެފައިވާތީ ކަނޑުދަތުރު ކުރުމުގައި މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން އިލްތިމާސްކުރައްވައެވެ. މިހާރުވެސް އުތުރާއި މެދުރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހެމުންދާކަން އެ އިދާރާއިން ފާހަގަކުރައްވައެވެ.

މާލެ ސަރަހައްދުގައި މޫސުން ގޯސްވުމުގެ ސަބަބުން ފުލުހުން މިހާރު ދަނީ ފެރީގެ ދަތުރުތައް މޮނިޓަރ ކުރަމުންނެވެ. ފުލުހުން ވިދާޅުވީ ހުޅުމާލެއަށް ދަތުރުކުރާ ފަރާތްތަކުން ސައިކަލް ގެންދިއުން ވަގުތީގޮތުން ހުއްޓާލައިފައިވާ ކަމަށެވެ. އަދި ކަނޑުދަތުރުކުރާ ހުރިހާ ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ.

މިހާރު ކުރަމުންދާ ވިއްސާރައިގައި ކަނޑުމަތީގެ އެއްވެސް ހާދިސާއެއް މިހާތަނަށް ހިނގާފައިވާ ނުވާ ކަމަށްވެސް ފުލުހުން ވިދާޅުވެއެވެ.