ޚަބަރު

މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް ޑިރެކްޓަރ ޖެނަރަލެއް ހޯދަނީ


  • މީގެ ކުރިން ވަގުތީ ގޮތުން އެ މަޤާމަށް މަޢުޞޫމް ވަނީ އައްޔަންކޮށްފައި

  • ޑިރެކްޓަރ ޖެނަރަލްގެ މަޤާމަށް ހުށައެލުމުގެ ފުރުޞަތު މިމަހުގެ 17 އާ ހަމައަށް ވަނީ ހުޅުވާލާފައި

ތެލެސީމިއާ ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތީން، މޯލްޑިވިއަން ބްލަޑް ސަރވިސަސްއަށް ޑިރެކްޓަރ ޖެނެރަލެއް އައްޔަންކުރުމަށްޓަކައި އިއުލާނުކޮށްފިއެވެ. މި މަޤާމަށް ޝައުގުވެރިވާ ފަރާތްތަކަށް މިމަހުގެ 17 ވަނަ ދުވަހާހަމައަށް ވަނީ ހުޅުވާލާފައެވެ.

މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ މަސައްކަތް އިތުރަށް ހަރުދަނާކޮށް ދެވޭ ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އިދާރީ އާ މެނޭޖްމަންޓެއްގެ ބޭނުންތެރިކަން ވަނީ ބޮޑުވެފައެވެ. އަދި އެކަން އަވަސްކޮށް ވަގުތުން ކުރަންޖެހިފައިހުރި މަސައްކަތްތަކަށް މަޑުޖެހުމެއް އަޔަނުދިނުމަށްޓަކައި، މިދިޔަ މަހުގެ 24 ވަނަ ދުވަހު ވަނީ ވަގުތީ ގޮތުން ޑިރެކްޓަރ ޖެނަރަލްގެ މަޤާމަށް އަޙްމަދު މަޢުޞޫމް އައްޔަންކުރައްވާފައެވެ. އަދި މަޢުޞޫމްގެ ބެލުމުގެ ދަށުން ކުރަންހުރި މަސައްކަތަށް ކުރިޔަށްގެންދަން ވަނީ ފަށާފައެވެ.

ނަމަވެސް ތެލަސީމިއާ ޤާނޫނުގައި ބުނާ ފަދައިން މޯލްޑިވިއަން ބްލަޑް ސަރވިސަސް އަށް ފަންނީ ޑިރެކްޓަރ ޖެނެރަލެއް ހަމަޖައްސަންޖެހެއެވެ. މިއީ ވަކި އިޖުރާއަތުތަކަކާއި އުޞޫލުތަކެއްގެ ތެރެއިން ޤާނޫނާ އެއްގޮތަށް ފުރިހަމަކުރަންޖެހޭ ކަމެކެވެ. އަދި މިއީ ވަގުތު ހޭދަވާ އިޖުރާއަތެއްވެސްމެއެވެ.

އެހެންކަމުން މިހާރު ވަނީ ތެލަސީމިއާ ޤާނޫނުގައި ބަޔާންކުރާ ގޮތުގެ މަތީން، އެމް.ބީ.އެސް އަށް ޑިރެކްޓަރ ޖެނެރަލެއް އައްޔަންކުރުމަށްޓަކައި އިއުލާނުކޮށްފައެވެ. މި މަޤާމަށް ކުރިމަތިލެވޭނީ މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 10ގެ ސަނަދެއް ހާސިލްކޮށްފައިވާ މީހުންނެވެ. އަދި މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 4 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުމާއި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ ފަރާތަކަށްވެސް ވާންޖެހެއެވެ.

މީގެ އިތުރުން މަގާމުގެ މަސައްކަތާ ގުޅުންހުރި ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 9 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، މަގާމުގެ މަސައްކަތުގެ ދާއިރާއެއްގައި 8 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވާމީހުންނަށްވެސް އެ މަޤާމަށް ކުރިމަތިލެވޭނެއެވެ. އަދި އެ މުއްދަތުގެ ތެރެއިން މަދުވެގެން 2 އަހަރު ދުވަހު ހިންގުމުގެ ދާއިރާއެއްގައި މަސައްކަތްކޮށްފައިވާ މީހަކަށްވެސް ވާންޖެހެއެވެ.

ތެލަސީމިއާ ކުދިންނަށް ދެވޭ ފަރުވާ އަދި ޚިދުމަތް ރަނގަޅުކުރުމަށްޓަކައި މޯލްޑިވިއަން ބްލަޑް ސަރވިސަސްގެ ޚިދުމަތް ރަނގަޅުކޮށް، ހޮސްޕިޓަލެއްގެ ގޮތުގައި އެ ތަން ހިންގުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. އެހެންނަމަވެސް މިހާރު ދެމުންދާ ޚިދުމަތްތައް ރަނގަޅު ކުރުމުގެ ގޮތުން ހުޅުމާލޭ އޮރެންޖް ހިޔާއަށް ތެލަސީމިއާ ސެންޓަރު އަންނަ މަހުގެ 8 ވަނަ ދުވަހު ބަދަލުކުރަން ރައީސް ވަނީ ނިންމަވާފައެވެ. އެގޮތުން ތެލެސީމިއާ ސެންޓަރު އެތަނަށް ބަދަލުކުރުމަށް ޤައުމީ ދިފާއީ ބާރާ ވަނީ ހަވާލުކުރައްވާފައެވެ.

އޮރެންޖް ހިޔާއަށް ތެލަސީމިއާ ސެންޓަރު ބަދަލުވާއިރު ތުއްތުކުދިންނާއި ބޮޑެތި ކުދިންނަށްވެސް ލޭއެޅުމަށް ހިތްފަސޭހަ މާހައުލެއް ޤާއިމްވެގެންދާނެކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އަދި ހުޅުމާލެއަށް ތެލަސީމިއާ ސެންޓަރު ބަދަލުވާއިރު އިތުރު ވަސީލަތްތައްވެސް ހަމަޖެއްސެވުމަށް އަންގަވާފައިވާކަމަށާއި ޑީއެންއޭ ޓެސްޓުކުރާނެ މެޝިނެއް ހޯދުމަށްވެސް ވަނީ އަންގާފައެވެ.

ތެލަސީމިއާ ސެންޓަރުގައި ސީނިއަރ ފިޒީޝަނެއްވެސް މިހާރު ފުލްޓައިމްކޮށް މަސައްކަތްކުރަން ފަށާފައިވާއިރު އިތުރު 5 ނަރުހުން ހޯދަން ވެސް ވަނީ އިޢުލާންކޮށްފައެވެ.