 
										
			މިއަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުން ޖުލައި މަހުގެ 26ވާ އަންގާރަ ދުވަހުގެރޭ ބާއްވަވާ ގޮތަށް ހަމަޖައްސަވައިފިއެވެ.
 
މި ބައްދަލުވުން އޮންނާނީ އިސްލާމީ މަރްކަޒު މައިދާނުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލުމާތުދެއްވައެވެ.
 
ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ބާއްވަވާ މި ރަސްމީ ބައްދަލުކުރެއްވުމަށް ވަރަށްގިނަ އަދަދެއްގެ ބޭފުޅުންނަށް ދަޢުވަތު އަރުވާގޮތަށް ނިންމަވާފައިވާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލޫމާތުދެއްވައެވެ.  މިއީ 2007 ވަނަ އަހަރަށްފަހު މިހާ ގިނަ ޢަދަދެއްގެ ބޭފުޅުންނަށް ދަޢުވަތު އަރުވައިގެން ބާއްވަވާ މިފަދަ ފުރަތަމަ ރަސްމީ ބައްދަލުކުރެއްވުންކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މަޢުލުމާތުދެއްވައެވެ.
 
ރަސްމީ ބައްދަލުކުރެއްވުމަށް ދަޢުވަތު އަރުވާ ބޭފުޅުންނަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދަޢުވަތު ކާޑު ފޮނުއްވަން މިހާރުވަނީ ފަށްޓަވާފައެވެ.