ކުޅިވަރު

338 މެޗުން ނުޖެހުނު ލަނޑު އެ ވައްދާލީ ރެއާލް މެޑްރިޑް ކޮޅަށް


ކެރިއަރުގައި މިހާތަނަށް ކުޅުނު 338 މެޗުގައި ހިލޭ ޖެހުމަކުން އޭނާއަށް ގޯލެއް ނުޖެހެ އެވެ. އެކަމަކު 339 މެޗުގައި ރޭ ޗެމްޕިއަންސް ލީގުގައި ރެއާލް މެޑްރިޑް އަތުން އާސެނަލް 3-0އިން މޮޅުވި މެޗުގައި އާސެނަލްގެ ޑިކްލައިން ރައިސް މެޗުގެ ފުރަތަމަ ދެ ގޯލު ވެސް ޖެހީ ހިލޭ ޖެހުމަކުންނެވެ.

މީގެ ކުރިން ދުވަހަކު ވެސް އޭނާ އަށް ނުކުރެވި އޮތް ކަންތައްތައް މޮޅަށް ކޮށްލެވުނުކަން ރައިސް އަށް އިހުސާސްވީ މެޗަށް ފަހު ފޯނުން އެ ގޯލުތަކުގެ ވީޑިއޯ ބަލާލުމުންނެވެ.

"އަހަރެން މި ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފައި. ފުރަތަމަ ފްރީކިކް ޖެހުމުގެ ކުރިން އަހަރެން ސަކާ ގާތު ބުނިން ކީޕަރު ކޯޓުއާ ހުރި ޕޮޒިޝަން ފެނުމުން ރެއާލްގެ ދިފާއީ ފާރު ތެރެއިން އަހަރެންނަށް ޖާގަ އެބަފެނެއޭ. ބުނީމަ އޭނާ ބުނީ ބުނީ އެހެންވިއްޔާ ޖަހަން ދާށޭ. އަހަރެން ހިޔެއް ނުކުރަން އެކަހަލަ ގޯލެއް ޖެހިދާނެ ކަމަށް،" ރައިސް ބުންޏެވެ.

ޕެނަލްޓީ އޭރިޔާގެ ބޭރުން އޭނާ ފޮނުވާލި ބާރު ބޯޅަ ކަތިވެގެން ގޯލަށް ދުރަށްދަމުން އެނބުރިގެންދިޔައީ ރެއާލް މެޑްރިޑްގެ ގޯލުގެ ތެރެއަށެވެ. ރެއާލްގެ މޮޅު ގޯލްކީޕަރު ތިބައޫ ކޯޓުއާ ވެސް ބޯޅަ އަށް ހަރަކާތްކުރެވުނީ މާ ފަހުންނެވެ. މީގެ ކުރިން މި ފަދަ ގޯލެއް ޖެހި އެއް ކުޅުންތެރިއަކީ ހިލޭ ޖެހުމުގެ އެފަދަ ނެތް ކުޅުންތެރިއެއް ކަމަށްވާ ބްރެޒިލްގެ ވާތު ބެކް ރޮބާޓޯ ކާލޮސް އެވެ. އެއީ ފްރާންސް ކޮޅަށެވެ. އެކަމަކު ރެއާލް މެޑްރިޑަށް 10 އަހަރު ކުޅުންތެރިޔާ ރޭގެ ރައިސް ޖެހި ގޯލު ބަލާފައި އިނީ ހައިރާންވެފައި ކަމަށް އިނގިރޭސި މީޑިއާތަކުން ބުނެ އެވެ.

ކާލޮސް މިގޯލާމެދު ވާހަކަ ނުދެއްކި ނަމަވެސް ރެއާލް މެޑްރިޑަށް ކުރިން ކުޅުނު ކްލަރެންސް ސީޑޯފް އާއި އިނގިރޭސި ކުރީގެ ކެޕްޓަން އެލަން ޝިއަރާ ފަދަ ކުޅުންތެރިން ވަނީ ރައިސް އަށް ތައުރީފް އޮއްސާލައިފަ އެވެ.

މެޗުގެ ދެ ވަނަ ގޯލު ވެސް ރައިސް ޖެހި ހިލޭ ޖެހުމަކުންނެވެ. މި ފަހަރު ބޯޅަ ވައްދާލީ ދިފާއީ ފާރު ފަޅާލައި ގޯލުގެ މަތީ ކަނަށެވެ. ކީޕަރު ކޯޓުއާ ހަރަކާތްކުރި ނަމަވެސް އަތުވާހާ މަތިންނެވެ.

"އަހަރެން އާއްމުކޮށް ޕްރެކްޓިހުގައި ވޯލް (ދިފާއީ ފާރަށް) ޖަހަން. އެކަމަކު ކާމިޔާބެއް ނުވޭ. މާ މަތިން ދަނީ. އެކަމަކު މި މެޗުގައި އަހަރެންނަށް ވަރަށް އިތުބާރު ލިބުނު ފުރަތަމަ ގޯލަށް ފަހު. އަހަރެން މި ހުރީ ބުނާނެ އެއްޗެއް ވެސް ނޭނގިފައި ވީޑިއޯއިން ގޯލުތައް ބަލާފައި. މީގެ ކުރިން އަހަރެންނަކީ ހިލޭ ޖެހުން ޖަހާ މީހެއްނޫން. މިއީ ވަރަށް ތާރީހީ ރެއެއް،" ރައިސް މެޗަށް ފަހު ބުންޏެވެ.

މެޗަށް ފަހު އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ވެސް ވަނީ ރައިސް އަށް ތައުރީފް ކޮށްފަ އެވެ.

ރެއާލް އާއި އާސެނަލް ކުޅޭ ކުއާޓާ ފައިނަލްގެ ފަހު މެޗު އޮންނާނީ އޭޕްރީލް 16 ވަނަ ދުވަހު ރެއާލް މެޑްރިޑްގެ ދަނޑުގަ އެވެ. މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް އަށް ސެމީ ފައިނަލަށް ދެވޭނީ އެ މެޗުން ހަތަރު ލަނޑުން އާސެނަލް ބަލިކޮށްގެންނެވެ.