ޚަބަރު

ނާއިބް ރައީސް، ޗައިނާގެ ސަފީރާއި ބައްދަލުކުރައްވައިފި


ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޢަބްދުﷲ ޖިހާދު، ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު މިސްޓަރ ވަންގް ފުކާންއާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުން ބޭއްވެވީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

ބައްދަލުކުރެއްވުމުގައި، ރާއްޖެއާއި ޗައިނާއާ ދެޤައުމުގެ ދެމެދުގައި ޤާއިމްކުރެވިފައިވާ ޚާރިޖީ ގުޅުން އެކި ދާއިރާތަކުން އިތުރަށް ބަދަހިކުރެއްވުމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި، ޗައިނާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރާ ދެބޭފުޅުން މަޝްވަރާ ކުރެއްވިއެވެ. އަދި ވިޔަފާރިއާއި، ގެދޮރު ޢިމާރާތްކުރުމާއި، ރާއްޖޭގެ އުމްރާނީ ވަޞީލަތްތައް ތަރައްޤީކުރުމަށް ޗައިނާ ސަރުކާރުގެ އެހީގައި މިހާރު ކުރިއަށް ގެންދާ މަޝްރޫޢުތަކާއި ބެހޭގޮތުންވެސް ދެބޭފުޅުން ވާހަކަފުޅުދައްކަވާ މަޝްވަރާ ކުރައްވާފައިވެއެވެ.

މިބައްދަލުކުރެއްވުމުގައި، ޗައިނާ ސަރުކާރުން ‏ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދަށް ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ކަމުގެ މަޤާމު ލިބިވަޑައިގަތުމާއި ގުޅިގެން މަރްޙަބާ ވިދާޅުވެފައިވެއެވެ.