ޚަބަރު

ހުއްޓިފައި އޮތް ހަނިމާދޫ މިސްކިތް ތަރައްޤީކުރުމުގެ މަސައްކަތް އެމްޓީސީސީއަށް


  • މަޝްރޫޢަކީ 9.44 މިލިއަން ރުފިޔާގެ މަޝްރޫއެއް

  • މަސައްކަތް ޙަވާލުކޮށްފައިވަނީ 360 ދުވަސްތެރޭ ނިންމާގޮތަށް

ހދ. ހަނިމާދޫގައި ބިނާކުރަމުންދާ މިސްކިތުގެ ނުނިމިހުރި މަސައްކަތް ނިންމުމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާ ޙަވާލުކޮށްފިއެވެ. އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން އެމްޓީސީސީއާ އެކު އެކުލަވާލި މި އެއްބަސްވުމުގެ ދަށުން ހަނިމާދޫގައި މިހާރު މަސައްކަތް ހުއްޓިފައިިވާ މިސްކިތުގެ ނުނިމިހުރި ހުރިހާ މަސައްކަތްތަކެއް ނިންމުން ހިމެނެއެވެ.

ހަނިމާދޫގައި މިސްކިތް ތަރައްޤީކުރަނީ 7933 އަކަ މީޓަރުގެ ސަރަހައްދެއްގައެވެ. އެއީ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިމަޝްރޫޢު ޙަވާލުކޮށްފައިވަނީ 9.44 މިލިއަން ރުފިޔާއަށް 360 ދުވަސްތެރޭ ނިންމުމަށެވެ.

މި މަޝްރޫޢު އެމްޓީސީސީއާ ޙަވާލުކުރުމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާގައި ބޭއްވި ރަސްމިއްޔާތުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ، އެ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ އަޙްމަދު ސަޢުދީއެވެ. އަދި އެ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރުގެ ނައިބު އިބްރާހީމް އާސިމެވެ.

2645 މީހުންގެ ބޮޑު އާބާދީއެއް ދިރިއުޅޭ ހަނިމާދޫއަކީ އެއަރޕޯޓެއް ޤާއިމްކުރެވިފައިވާ ރަށެއްކަމުން ގިނަ އަދަދެއްގެ ބަޔަކު އެރަށަށް ޒިޔާރަތްކުރެއެވެ. ވޭތުވެދިޔަ 44އަހަރުތެރޭ އެމްޓީސީސީންވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ގިނަ މަޝްރޫޢުތަކެއް ކުރިއަށްގެންގޮސްފައެވެ.