ޚަބަރު

އެންމެއަލިގަދަ ތަރިއަށް ފުލުހުން މަރުޙަބާ ކިޔައިފި


ޕީއެސްއެމްގެ އެންމެ އަލިގަދަތަރި ޕްރޮގްރާމުން މިއަހަރު ފަޚުރުވެރި އެއްވަނަ ހޯދި އާދަމް ނަސީމުގެ ކާމިޔާބީ ފާހަގަކުރައްވައި، ފުލުހުންގެ ފަރާތުން ހަނދާނީ ފިލައަކާއި ފައިސާގެ އިނާމެއް އެނާއާ ޙަވާލުކުރައްވައިފިއެވެ.

ހަނދާނީ ފިލައާއި ފައިސާގެ އިނާމު ޙަވާލުކުރެއްވީ މިއަދު އިސްކަންދަރު ކޮށީގައި އާދަމް ނަސީމްގެ ޝަރަފްގައި އޭނާއާއި އޭނާގެ ޢާއިލާއަށް ފުލުހުންގެ ފަރާތުން ދެއްވި މެންދުރުގެ ފަރިއްކޮޅެއްގައެވެ.

ފައިސާގެ އިނާމާއި ހަނދާނީ ފިލާ އާދަމް ނަސީމާ ޙަވާލުކޮށްދެއްވީ ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޢަރީފެވެ.

އާދަމް ނަސީމަކީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ މިސްކިތްތަކުގައި ބަންގިގޮވުމާއި، އިމާމުވެ ނަމާދުކުރއްވުމާއި އަދި ފުލުހުންގެ މިސްކިތްތަކުގެ ކަންކަން ބެލެހެއްޓެވުމުގެ މަސައްކަތްކުރައްވާ، މޯލްޑިވްސް ޕޮލިސް ސާވިސްގެ މުވައްޒަފެކެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ކޮމިޝަނަރ ޢަރީފް ވަނީ ފުލުހުންގެ ތެރޭގައި ދީނީ ރޫޙް އާލާކުރެއްވުމަށް މަސައްކަތްތަކެއް ފަށްޓަވާފައިވާކަން ފާހަގަކުރައްވާފައެވެ. އަދި ފުލުހުންގެ މިސްކިތުގައި ބަންގިގޮވުމާއި ފުލުހުންގެ މިސްކިތްތައް ބެލެހެއްޓުމުގައި އާދަމް ނަސީމް ކުރަމުންދާ މަސައްކަތް ފާހަގަކޮށް ކޮމިޝަނަރ ވަނީ އޭނާއަށް ޝުކުރު އަދާކުރަވާ އޭނާ ހޯއްދެވި ކާމިޔާބީއަށް މަރުޙަބާ ވިދާޅުވެފައެވެ.

މިރަސްމިއްޔާތުގައި އާދަމް ނަސީމްދެއްކި ވާހަކައިގައި އޭނާ މިމުބާރާތުގައި ކުރިޔަށްދިޔައިރު، ފުލުހުންގެ މުއައްސަސާގައި އޭނާ އަދާކުރައްވަމުން ގެންދަވާ ވަޒީފާގައި ލުއިދެއްވައި، ފުލުހުންގެ ފަރާތުން ދެއްވަމުން ގެންދެވި ތާއީދާއި އެއްބާރުލެއްވުމަށްޓަކައި ފުލުހުންގެ މުއައްސަސާގެ ވެރިންނާއި ހުރިހާ ފުލުހުންނަށް ޝުކުރު އަދާކުރެއްވިއެވެ.