ޚަބަރު

ރާއްޖެއިން ގެންގުޅެނީ ހަމަހަމަ ޚާރިޖީ ސިޔާސަތެއް- ޚާރިޖީ ވަޒީރު


ދިވެހިރާއްޖެއިން އަބަދުވެސް ގެންގުޅެނީ ބައިނަލްއަޤުވާމީ މަސްރަޙްގައި ހަމަހަމަ އުޞޫލުގެ މައްޗަށް ޢަމަލުކުރާ ޚާރިޖީ ސިޔާސަތެއްކަމަށާއި، އިސްކަންދެއްވަނީ އެ ސިޔާސަތު ބޭރު ދުނިޔެއަށް އަންގައިދެއްވުމަށްކަމަށް ޚާރިޖީވަޒީރު ޑރ. މުޙައްމަދު ޢާޞިމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިހެން ވިދާޅުވީ، ޚާރިޖީވަޒީރުކަމާއި ޙަވާލުވެވަޑައިގަތުމަށްފަހު ސަރުކާރުގެ ޚާރިޖީ ސިޔާސަތާގުޅޭގޮތުން މީޑިއާއަށް މަޢުލޫމާތުދެއްވަމުންނެވެ.

ރައިސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު މަޤްޞަދަކީ ރާއްޖޭގެ މިނިވަންކަމާއި މި ސަރަޙައްދުގެ ރައްކާތެރިކަން ދަމަހައްޓަވައި، ރާއްޖޭގެ ޤައުމީ ސިޔާދަތު ޙިމާޔަތްކުރައްވައި، ކުރިއެރުއްވުމެވެ. އަދި ރާއްޖެއަށް ހެޔޮއެދޭ ޤައުމުތަކާ ގުޅުން އިތުރަށް ބަދަހިކުރައްވައި، ރާއްޖެއަށް ލިބިފައިވާ އެހެން ޤައުމުތަކުގެ އިޙްތިރާމް ދެމެހެއްޓުމަށް މަސައްކަތް ކުރުމާއި، ރާއްޖޭގެ ދާޚިލީ ކަންތައްތަކުގެ ތެރެއަށް ވަނުމަށް ބޭރުގެ ފަރާތްތަކަށް ފުރްޞަތު ދެއްވުމުގެ ބަދަލުގައި، އެފަރާތްތަކާ ގުޅިވަޑައިގެން މައްސަލަތައް ޙައްލުކުރެއްވުމަށް މަސައްކަތް ކުރެއްވުމެވެ.

ޚާރިޖީވަޒީރު ޑރ.މުޙައްމަދު އާސިމް މީޑިއާ ވާހަކަފުޅު ދައްވަމުން ވިދާޅުވީ، ރާއްޖެއިން އަބަދުވެސް ގެންގުޅެނީ ހުރިހާ ޤައުމުތަކާއެކުވެސް ހަމަހަމަ އުޞޫލުން ޢަމަލުކުރެއްވުމުގެ ޚާރިޖީ ސިޔާސަތެއްކަމަށެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަމާމެދު ސުވާލު އުފައްދައި، ނޫސްވެރިއަކުދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން، މިނިސްޓަރ ވިދާޅުވީ ސަރުކާރާއި ސަރުކާރުގެ މުއައްސަސާތަކުގެ ނިންމުންތައް ބޭރު ދުނިޔެއާއި ޙިއްޞާކުރެއްވުމުގެ މުހިންމުކަން ބޮޑުކަމަށާއި އެކަން ކުރަންޖެހޭކަމަށެވެ. އަދި ރާއްޖޭގައި ސިޔާސަތު އެއްވެސްވަރަކަށް ފެއިލްވެފައި ނުވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި ކުރިއަށްއޮތްތަނުގައިވެސް ސަރުކާރުގެ ނިންމުންތައް، އދ.އާއި އެހެންވެސް ޖަމްޢިއްޔާ ޖަމާޢަތްތަކާއި ދޭދެ ޤައުމުތަކާ، ދައުލަތުގެ ފަރާތުން ޙިއްޞާކުރެއްވުމުގެ މަސައްކަތް ޚާރިޖިއްޔާއިންކުރައްވަމުން ގެންދަވާނެކަމަށް ޚާރިޖީވަޒީރު ވިދާޅުވިއެވެ. އެގޮތުން އދ.އާއި ކޮމަންވެލްތުފަދަ ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާ ރާއްޖެއިން ބާއްވާ ގުޅުން ހަރުދަނާކުރެއްވުމަށް ކުރައްވާ މަސައްކަތް ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ، އަންނަ އޮގަސްޓްމަހުގެ ކުރީކޮޅު ކޮމަންވެލްތުގެ ޚާއްޞަ މަންދޫބަކު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވާކަމަށެވެ.

ރާއްޖޭގެ ޚާރިޖީ ސިޔާސަތާއި ރާއްޖޭގެ ޚާރިޖިއްޔާއާ ގުޅޭ ބައެއް ކަންކަމުގައި، ޙަޤީޤަތާ ޚިލާފަށް ފެތުރޭ ބައެއް ވާހަކަތައް ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް ބޭއްވެވި ޕްރެސް ކޮންފަރެންސްގައި ފޮރިންގސެކްރެޓަރީ ޑރ.ޢަލީ ނަޞީރު މުޙައްމަދު ވިދާޅުވީ، ބޭރުގެ ޤައުމުތަކާއި ޖަމްޢިއްޔާތަކުން ރާއްޖެއަށް އަންގާ އެންގުންތަކާއި ދެކެވޭ ވާހަކަތަކަކީ ފަހަރެއްގައި ސަރުކާރަށް އޮންނަ ޕްރެޝަރެއްނޫންކަމަށާއި، ރާއްޖެއިން ދައްކާ ވާހަކަތައް ރައްދުވާ ޤައުމުތަކަށްވެސް އެއްވެސްވަރަކަށް ޕްރެޝަރުކޮށްފައިނުހުންނާނެކަމަށެވެ.

ރާއްޖޭގެ ޚަރިޖީ ސިޔާސަތުގެ އެންމެ މުހިންމު އެއް މަސްޢޫލިއްޔަތަކީ، ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތައް ކުރިއެރުއްވުމާއި، ރާއްޖެއަކީ އެ ޙައްޤުތަކަށް އިޙްތިރާމްކުރާ ޤައުމަކަށް ހެއްދެވުމެވެ. އެގޮތުން ރާއްޖެ ބައިވެރިވެފައިވާ ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކާބެހޭ މުޢާހަދާތަކުގެ ދަށުން ރާއްޖެއިން ކުރަންޖެހޭ ކަންތައްތަކާއި، އުފުލަންޖެހޭ ޒިންމާތައް އުފުއްލެވުމަށް ބާރުއެޅުއްވުމަކީ ޚާރިޖީ ސިޔާސަތުގެ މުހިންމު ބައެކެވެ.

ޑރ. މުޙައްމަދު ޢާޞިމް ޚާރިޖީ ވަޒީރުކަމާ ޙަވާލުވެވަޑައިގަތުމަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި ވަނީ މި ސިޔާސަތު ސާބިތުކަމާއެކު ތަންފީޒްކުރައްވަމުން ގެންދަވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.