ތިމާވެށި

ގައްދޫގެ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި


ގދ. ގައްދޫ ގޮނޑުދޮށް ޙިމާޔަތްކުރެއްވުމަށް ސަރުކާރުން ހިންގަވަން ހަމަޖެއްސި 18 މިލިއަން ރުފިޔާގެ މަޝްރޫޢުގެ މަސައްކަތް ކޮންޓްރެކްޓަރަކާ ޙަވާލުކުރައްވައިފިއެވެ.

އެންވަޔަރަމަންޓް މިނިސްޓްރީގައި ބޭއްވެވި ރަސްމިއްޔާތެއްގައި މިމަސައްކަތް ޙަވާލުކުރައްވާފައިވަނީ ހެވީފޯސް ޕްރައިވެޓް ލިމިޓެޑާއިއެވެ.

މިއެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެންވަޔަރްމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމްއެވެ. އަދި ހެވީފޯސް ޕްރައިވެޓް ލިމިޓެޑްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހީމް ޒަމީރުއެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރްމަންޓް މިނިސްޓަރ ތާރިޤް އިބްރާހީމް ވިދާޅުވީ ރާއްޖޭގެ ގިނަ ސަރަޙައްދުތަކުގައި ރަށްގިރުމުގެ މައްސަލަތައް ދިމާވަމުންދާތީ، ރަށްގިރުމުގެ މައްސަލަ ބޮޑުރަށްރަށުގެ މައްސަލަތައް ޙައްލުކުރެއްވުމުގެ މަސައްކަތް ސަރުކާރުން ކުރަމުން ގެންދަވާކަމަށެވެ. އެގޮތުން ގދ. ގައްދޫގެ ގޮނޑުދޮށް ޙިމާޔަތްކުރެއްވުމުގެ މަޝްރޫޢުގެ ދަށުން 970 މީޓަރުގެ ބޮޑު ހިލައިގެ ތޮށި އެރަށުގެ ހުޅަނގު ދެކުނު ސަރަޙައްދުގައި ލެވޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ގައްދޫގެ ގޮނޑުދޮށް ޙިމާޔަތްކުރެއްވުމުގެ މަސައްކަތް ސަރުކާރުގެ ފަރާތުން މި ޙަވާލުކުރެއްވީ 170 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ. މިނިސްޓަރ ވަނީ މަސައްކަތްކުރުމުގައި އަޅަންޖެހޭ ސަލާމަތާއި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އިލްތިމާސްކުރައްވާފައެވެ.