ޚަބަރު

އީ-ވޯޓިންގ އާއެކު މެނުއަލްކޮށްވެސް ވޯޓު ގުނާނެ- އިލެކްޝަންސް


އަންނަ ޖެނުއަރީ މަހު ބާއްވަވާ ލޯކަލް ކައުންސިލްތަކުގެ  އިންތިޚާބުގައި ވޯޓް ގުނުމަށް އީ-ވޯޓިންގެ ނިޒާމް ބޭނުންކުރެއްވިޔަސް މެނުއަލްކޮށްވެސް ވޯޓް ގުނުމުގެ މަސައްކަތް ކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަޙްމަދު އަކްރަމް ވިދާޅުވީ މި އިންތިޚާބު ވެގެންދާނީ މިހާތަނަށް ބާއްވަވާ އެންމެ ހާމަކަންބޮޑު އިންތިޚާބަށް ކަމަށެވެ.

ރާއްޖެއަށް އީ-ވޯޓިންގެ ނިޒާމް ތަޢާރަފްކުރެއްވުމުގެ މަސައްކަތް އެންމެ ފުރަތަމަ ފައްޓަވާފައިވަނީ 2008 ވަނަ އަހަރުގައެވެ. އަދި އިލެކްޝަންސް ކޮމިޝަނުން ރަސްމީކޮށް އީ-ވޯޓިންގެ ނިޒާމް ތަޢާރަފްކުރެއްވުމަށް ނިންމަވާފައިވަނީ 2011 ވަނަ އަހަރުގައެވެ. ނަމަވެސް ރާއްޖޭގައި ފުރަތަމަ ފަހަރަށް އީ-ވޯޓިންގ ނިޒާމް ބޭނުންކުރަން ފެށުމަށް ނިންމާފައި މިވަނީ އަންނަ ޖެނުއަރީމަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައެވެ. މި އިންތިޚާބުގައި އީވޯޓިންގ ބޭނުންކުރައްވަނީ ސިޔާސީ ހުރިހާ ޕާޓީއަކާއެކު މަޝްވަރާކުރެއްވުމަށްފަހުގައިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އަދި މިއިންތިޚާބުގައި -ވޯޓިން ނިޒާމް  ބޭނުންކުރަންފަށާއިރު މި ނިޒާމް ބޭނުންކުރާނީ 3 ރަށެއްގައިކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރު އަޙުމަދު އަކްރަމް ވިދާޅުވިއެވެ. އަދި މިތިންރަށް ކަޑައަޅުއްވާނީ ސިޔާސީ ޕާޓީތަކާއި މަޝްވަރާކުރެއްވުމަށްފަހުކަމަށްވެސް ވިދާޅުވިއެވެ. އަދި މިތިން ރަށުގައިވެސް މިނިޒާމު ބޭނުން ކުރާނީ ހަމައެކަނި  ވޯޓް ގުނުމަށް ކަމަށް ވެސް އޭނާ  ވިދާޅުވިއެވެ. މި ތިން ރަށުގެ ވޯޓް ގުނުމަށް އީ-ވޯޓިންގެ ނިޒާމް ބޭނުންކުރިނަމަވެސް މި ތިންރަށުގެ ވޯޓުވެސް މެނުއަލްކޮށް ގުނާނެކަމަށާއި މިގޮތަށް ގުނަން ނިންމަވާފައިވަނީ މި ނިޒާމަށް ރައްޔިތުންގެ އިތުބާރު ހޯދުމުގެ ބޭނުމުގައިކަމަށް އަޙުމަދު އަކްރަމް ވިދާޅުވިއެވެ.

އީ-ވޯޓިންގެ ނިޒާމުން ގުނާ ވޯޓް ފޮށިތައް 3 ސިކުންތުގެ ތެރޭގައި ގުނާ ނިންމާލެވޭނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އީ-ވޯޓިން ރާއްޖެއަށް ތަޢާރަފްކުރެއްވުމުގެ ކުރިން މި ނިޒާމަށް އާންމުން ހޭލުންތެރިކުރުމަށް އިލެކްޝަންސް ކޮމިޝަނުން އަންނަނީ ޕްރޮގްރާމްތަކެއް ހިންގަމުންނެވެ. އެގޮތުން މިހާރު އީ-ވޯޓިންގ ނިޒާމާބެހޭ މަޢުލޫމާތު 10 އަތޮޅެއްގައި ދީފައިވާކަމަށާއި ލޯކައުންސިލް އިންތިޚާބުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންނަށް މިމަޢުލޫމާތު ދެއްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން މަޢުލޫމާތުދެއެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ސަރަހައްދުތައް ބައިކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ. މި ޖުލައިމަހުގެ ތެރޭގައި މި އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ޢަދަދާއި ރަށު ކައުންސިލްތަކާއި، އަތޮޅު ކައުންސިލްތަކުން ވާދަކުރެއްވޭނެ ކެނޑިޑޭޓުންގެ އަދަދު އިޢުލާން ކުރައްވާނެކަމަށް ވެސް ކޮމިޝަނުން ވިދާޅުވެއެވެ.