ރާއްޖޭގެ 18 ރަށެއްގެ ސްކޫލްތަކުގައި ނުނިމިހުރި މަސައްކަތްތައް ކުރަން ތިން ކުންފުންޏަކާ ހަވާލުކޮށްފިއެވެ. މިމަސައްކަތް ކުރުމަށް ހަވާލުކުރީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ، އެމްޓީސީސީއާއި، ފެނަކަ ކޯޕަރޭޝަނާއި، ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއާއެވެ.
ރަށްރަށުގެ ސްކޫލްތަކުގައި ނުނިމިހުރި މަސައްކަތްތައް ނިންމުމަށް ސަރުކާރު ދަނީ އެކި ކުންފުނިތަކާ ހަވާލުކުރަމުންނެވެ. އެގޮތުން 18 ރަށެއްގެ ސްކޫލްތަކުގެ ނުނިމިހުރި މަސައްކަތް ކުރުމަށް މިއަދުވަނީ 3 ކުންފުންޏަކާ ހަވާލުކޮށްފައެވެ.
މީގެ ތެރެއިން 15 ރަށުގެ ސްކޫލްތަކުގައި ނުނިމި ހުރި މަސައްކަތް ނިންމުމަށް ހަވާލުކުރީ އެމްޓީސީސީއާއެވެ.
* ހއ. މޮޅަދޫ
* ހދ. ނޮޅިވަރަންފަރު
* ހދ. ނޭކުރެންދޫ
* ށ. ބިލެތްފަހި
* ރ. އިންނަމާދޫ
* ރ. ދުވާފަރު
* ބ. ކުޑަރިކިލު
* އއ. މަތިވެރި
* ތ. ގާދިއްފުށި
* ގދ. ވާދޫ
* ހއ. މާރަންދޫ
* ކ. ގުޅި
* ތ. މަޑިފުށި
* ހދ. ނައިވާދޫ
* ލ. މާވަށް
ސުކޫލްގެ ނުނިމި ހުރި މަސައްކަތްތަކެވެ.
އާރްޑީސީއާ ހަވާލުކޮށްފައިވަނީ އއ. މާޅޮހާއި، އދ. ފެންފުށި ސްކޫލްގައި ނުނިމި ހުރި މަސައްކަތް ކުރުމަށެވެ. ފެނަކައާ ހަވާލުކޮށްފައިވަނީ މ. ވޭވަށު ސްކޫލުގައި ނުނިމިހުރި މަސައްކަތް ކުރުމަށެވެ.
މިކުންފުނިތަކާ މަސައްކަތް ހަވާލުކުރުމަށް ތައުލީމީ ވުޒާރާގައި ބޭއްވި ރަސްމިއްޔާތެއްގައި އެވުޒާރާގެ ފަރާތުން އެއްބަސްވުންތަކުގައި ސޮއިކުރެއްވީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢުއެވެ.
ފެނަކަ ކޯޕަރޭޝަންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ (ރިޓަޔަރޑް) މުޙައްމަދު ނަޖާޙްއެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އަލީ ޒުހައިރެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ (ރިޓަޔަރޑް) ޑީސީޕީ އަޙްމަދު ސައުދީއެވެ.
ތައުލީމީ ވުޒާރާއިން ވިދާޅުވީ މިމަޝްރޫޢުތަކުގެ ޖުމްލަ އަދަދު 114.9 މިލިއަން ރުފިޔާއަށް އަރާކަމަށެވެ.