އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ފުލަމް އާއި ދެކޮޅަށް ތާވަލުގެ ކުރީގައި އޮތް ލިވަޕޫލް ކުޅުނު މެޗުން 3-2 ގެ ނަތީޖާއަކުން ލިވަޕޫލް ބަލިވެއްޖެ އެވެ.
މި މެޗުން ފުލަމް މޮޅުވުމާއެކު އެ ޓީމަށް ވަނީ ލީގުގައި މިހާތަނަށް ކުޅުނު 31 މެޗުން ލިބިފައިވާ 48 ޕޮއިންޓާއެކު ތާވަލުގެ 8 ވަނަ މަގާމް ލިބިފަ އެވެ. ތާވަލުގެ ކުރީގައި އޮތް ލިވަޕޫލް އަށް 31 މެޗުން ލިބިފައިވަނީ 73 ޕޮއިންޓެވެ.
ފުލަމް އަތުން ލިވަޕޫލް ބަލިވުމާއިއެކު ޕްރިމިއާ ލީގުގައި އެ ޓީމުން ބަލިނުވެ ދަމަހައްޓަމުން އައި ރެކޯޑް ވަނީ 26 މެޗަށްފަހު ނިމުނަކަށް އައިސްފަ އެވެ. ފުލަމް އަތުން ލިވަޕޫލް ލީގުގައި ބަލިވެފައިވާއިރު އެ ޓީމު ވަނީ ދާދި ފަހުން އިނގިރޭސި ލީގު ކަޕްގެ ފައިނަލުން ނިއުކާސަލް އަތުންވެސް ބަލިވެފަ އެވެ. އަދި ޔޫއެފާ ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުން ވަނީ ފްރާންސްގެ ޕީއެސްޖީ އަތުން ބަލިވެ މުބާރާތުން ކަޓާފަ އެވެ.
ފުލަމްގެ ކްރެވަން ކޮޓޭޖްގައި ކުޅުނު މި މެޗުގެ 14 ވަނަ މިނިޓުގައި ލިވަޕޫލްގެ އާޖެންޓީނާ މިޑްފީލްޑަރ އެލެކްސިސް މެކަލިސްޓާ ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
ނަމަވެސް އޭގެ 9 މިނިޓު ފަހުން ފުލަމްގެ ރަޔާން ސެސެގްނަން ވަނީ ލަނޑެއް ޖަހާ މެޗުގެ ނަތީޖާ އެއްވަރުކޮށްފަ އެވެ. އަދި މެޗުގެ 32 ވަނަ މިނިޓުގައި އެލެކްސް އިވޯބީ ވަނީ އިތުރު ލަނޑެއް ޖަހާ މި މެޗުގައި ފުރަތަމަ ފަހަރަށް ލިވަޕޫލްގެ މައްޗަށް ކުރި ހޯދާފަ އެވެ.
ފުލަމް އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ 37 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ރޮޑްރިގޯ މުނީޒް އެވެ.
މި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމުނުއިރު 3-1 ގެ ނަތީޖާއަކުން ފުލަމް ކުރީގައި އޮތުމާއެކު ދެވަނަ ހާފުގައި ލިވަޕޫލްގެ ކޯޗު ސްލޮޓް ވަނީ އެ ޓީމަށް ގިނަ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ލުއިސް ޑިއާޒް އާއި ޑާވިން ނޫނޭޒްގެ އިތުރުން ހާވޭ އެލިއޮޓް ވަނީ ކުޅެން އަރުވާފަ އެވެ.
މި ބަދަލުތަކާއެކު އެ ޓީމުގެ ކުޅުން އިތުރަށް ވަރުގަދަވި ނަމަވެސް ގިނަ ލަނޑު ތަކެއް ޖަހާ މެޗުން ތިން ޕޮއިންޓު ހޯދޭ ގޮތް ލިވަޕޫލް އަށް ވަނީ ނުވެފަ އެވެ.
މި މެޗުގައި ލިވަޕޫލް އިން ޖެހި ދެވަނަ ލަނޑު މެޗުގެ 72 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި ލުއިސް ޑިއާޒް އެވެ.