އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސައުތެމްޓަން އާއި ދެކޮޅަށް ޓޮޓްނަމް ހޮޓްސްޕަރ ކުޅުނު މެޗުން 3-1 ގެ ނަތީޖާއަކުން ސައުތެމްޓަން ބަލިވެ ޕްރިމިއާ ލީގުން އެ ޓީމު ރެލިގޭޓް ވެއްޖެ އެވެ.
މި މެޗުން ސައުތެމްޓަން ބަލިވިއިރު ޕްރިމިއާ ލީގުގައި މި ސީޒަނުގައި އެ ޓީމުން މިހާތަނަށް ކުޅުނު 31 މެޗުން އެ ޓީމަށް ލިބިފައިވަނީ އެންމެ 10 ޕޮއިންޓެވެ. މިއީ ޕްރިމިއާ ލީގުގެ ތާރީޚުގައިވެސް އެންމެ އަވަހަށް ޓީމެއް ރެލިގޭޓްވި ފަހަރެވެ. އަނެއްކޮޅުން ޓޮޓްނަމް ހޮޓްސްޕަރ މި މެޗުން މޮޅުވުމާއެކު އެ ޓީމަށް ވަނީ 37 ޕޮއިންޓާއެކު ތާވަލުގެ 13 ވަނައަށް އަރާފަ އެވެ.
ލަންޑަނުގެ ޓޮޓްނަމް ހޮޓްސްޕަރ ސްޓޭޑިއަމްގައި ފަސްދޮޅަސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެންގޮސްފައިވަނީ ދާދި ހަމަހަމަ ކުޅުމެކެވެ. މެޗުގެ ފުރަތަމަ ހާފުގައި ޓޮޓްނަމް އިން ގިނައިރު ބޯޅަ ހިފަހައްޓައިގެން ކުޅުނު ނަމަވެސް ދެވަނަ ހާފުގައި ސައުތެމްޓަން އިން ވަނީ އެ ޓީމުގެ ކުޅުން ރަގަޅު ކޮށްފަ އެވެ.
މި މެޗުގެ 13 ވަނަ މިނިޓުގައި ބްރެނަން ޖޯންސަން ވަނީ ލަނޑެއް ޖަހާ ޓޮޓްނަމް ހޮޓްސްޕަރ އަށް ކުރި ހޯދަދިފަ އެވެ. އަދި މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ތިން މިނިޓަށް ވެފައިވަނިކޮށް ވޭލްސްގެ ފޯވަޑް ޖޯންސަން ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
މެޗުގެ ދެވަނަ ހާފުގައި ސައުތެމްޓަން އިން އެ ޓީމަށް ގެނައި ބަދަލުތަކާއިއެކު އެ ޓީމުން ވަނީ ލަނޑެއް ކާމިޔާބުކޮށްފަ އެވެ. މި ލަނޑު މެޗުގެ 90 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ މަތިއުސް ފެނާންޑޭޒް އެވެ.
ޓޮޓްނަމް ހޮޓްސްޕަރ އިން މި މެޗުގައި ޖެހި ތިންވަނަ ލަނޑު މެޗުގެ އިތުރު ވަގުތުގެ ކުޅުމުގެ ހަވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށްދީފައިވަނީ މަތީސް ޓެލް އެވެ. މިއީ ޕްރިމިއާ ލީގުގައި އޭނާ ޓޮޓްނަމް އަށް ޖަހައިދިން ފުރަތަމަ ލަނޑެވެ.
މި މެޗުގެ ކުޅުން ފެށުމުގެ ކުރިން ޓޮޓްނަމް ހޮޓްސްޕަރގެ ސަޕޯޓަރުން ވަނީ އެ ޓީމުގެ ޗެއަރމަން ޑެނިއަލް ލެވީ އާއި ދެކޮޅަށް މުޒާހަރާކޮށްފަ އެވެ. ޑެނިއަލް ލެވީގެ އެނިކް ގްރޫޕް އިން ޓޮޓްނަމް ހޮޓްސްޕަރ ގަނެފައިވަނީ 2001 ވަނަ އަހަރު އެވެ. އަދި އޭގެ ފަހުން ފާއިތުވެދިޔަ ގިނަ ދުވަސްތަކުގައި އެ ޓީމަށް އެދެވޭ ކާމިޔާބީތަކެއް ހޯދިފައިނުވާތީ ސަޕޯޓަރުން ވަނީ ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ.
މި ސީޒަނުގައި އެދެވޭ ނަތީޖާތަކެއް ޓޮޓްނަމް އަށް ހޯދިފައިނުވާއިރު ލީގުގައި އެ ޓީމުން އަމިއްލަ ދަނޑުގައި އެންމެ ފަހުން ކުޅުނު 10 މެޗުގެ ތެރެއިން މޮޅުވެފައިވަނީ އެންމެ މެޗަކުންނެވެ.
ޓޮޓްނަމްގެ ސަޕޯޓަރުން ބުނެފައިވާ ގޮތުގައި ފާއިތުވެދިޔަ ހަތަރު އަހަރުގެ ތެރޭގައި އެ ޓީމަށް ހެޔޮ ބަދަލުތަކެއް ލެވީއަށް ގެނެސްދެވިފައެއް ނުވެއެވެ. އަދި މިއީ ބަދަލުތަކެއް ގެންނަން ޖެހޭ ވަގުތު ކަމަށާއި އެހެންކަމުން ލެވީ އެ މަގާމުން އިސްތިއުފާ ދިނުމަށް ސަޕޯޓަރުން ވަނީ ގޮވާލާފަ އެވެ.