ޚަބަރު

ޝަރީއަތް ނިމެންދެން ޝަމްޢާން ބަންދުކޮށްފި


  • ޝަމްޢާން ހައްޔަރުކުރީ ޚިޔާނާތުގެ މައްސަލައެއްގައި

  • ޝަމްޢާން ހައްޔަރުކުރީ މިދިޔަ މަހުގެ 21ވަނަ ދުވަހު

މޯލްޑިވްސް އިމިގްރޭޝަންގެ ކުރީގެ ކޮންޓްރޯލަރ ޖެނެރަލް މުޙައްމަދު ޝަމްޢާން ވަޙީދު، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކޯޓުން ހުކުމްކޮށްފިއެވެ.

ކޮންޓްރޯލަރ ޖެނެރަލްގެ މަގާމުން ވަކިކޮށް ޝަމްޢާން ހައްޔަރުކޮށްފައިވަނީ މޯލްޑިވްސް އިމިގްރޭޝަންގެ ބައެއް މުވައްޒަފުން މަޤާމުގެ ނުފޫޒު ނަހަމަ ގޮތުގައި ބޭނުންކޮށް ބިދޭސީ މަސައްކަތްތެރިންގެ އަތުން ނާޖާއިޒް މަންފާ ހޯދަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައަކާއި ގުޅިގެންނެވެ. ކޯޓު އަމުރެއްގެ ދަށުން ޝަމްޢާން ހައްޔަރުކޮށްފައިވަނީ މިދިޔަ މަހުގެ 21ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައެވެ.

ޝަމްޢާން ހައްޔަރުކުރުމަށްފަހު ފުރަތަމަ ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 15 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ. އެމުއްދަތު ހަމަވުމާ ގުޅިގެން މުއްދަތު އިތުރު ކުރުމަށް ކޯޓަށް ހާޒިރުކުރުމުން ޝަރީޢަތް ނިމެންދެން ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވިއެވެ.

ފުލުހުން ވިދާޅުވީ މިދިޔަ މަހުގެ 12ވަނަ ދުވަހު ގަވާއިދާއި އުސޫލުތަކާ ޚިލާފަށް މާފަންނުގެ ގެއެއްގައި އުޅުނު ބިދޭސީންތަކަކަށް އަމާޒުކޮށް އިމިގްރޭޝަނުން އޮޕަރޭޝަނެއް ހިންގީ ޝަމްޢާނަށް އެނގިވަޑައިގެން ކަމަށް ތަހުގީގަށް އެނގިފައިވާ ކަމަށެވެ. އަދި އެ ރޭ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ބިދޭސީންގެ ތެރެއިން އެކަކު ދޫކޮށްލީ ޝަމްޢާންގެ އިރުޝާދުގެ ދަށުން "އަރޖެންޓް" ކަމެއް ގޮތުގައި ބަލައިގެން ކަމަށާއި އޭނާ ދޫކޮށްލުމަށްފަހު އިމިގްރޭޝަންގެ އެހެން އޮފިސަރަކު ބިދޭސީ މީހާގެ އަތުން ނެގި ފައިސާ ޝަމްޢާންގެ ގެއަށް ގެންގޮސްފައިވާ ކަމަށްވެސް ފުލުހުންގެ ތަހުގީގާ ގުޅޭގޮތުން ނެރުނު ބަޔާނުގައި ވިދާޅުވިއެވެ.

ކޯޓު އަމުރެއްގެ ދަށުން ޝަމްޢާންގެ ގެ ބަލައި ފާސްކުރިއިރު 257،475 ރުފިޔާ އާއި 10،000 އެމެރިކާ ޑޮލަރު އަދި އެހެން ބައެއް ޤައުމުތަކުގެ ފައިސާ ފެނިފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.