ޚަބަރު

ލިވަޕޫލް-ރާއްޖެ ޕާޓްނާޝިޕް: ކެމްޕެއިން ތެރެއިން އިތުރު 100،000 ފަތުރުވެރިން ގެނެވޭނެ


  • ލިވަޕޫލް އަކީ ދުނިޔޭގެ އެންމެ މަޤުބޫލް އެއް ފުޓުބޯޅަ ކްލަބް

  • އިނގިރޭސިވިލާތުގެ އެކި ސަރަހައްދުތަކުގައި ޑިޖިޓަލް އިޝްތިހާރު ބޭނުންކޮށްގެން ރާއްޖެ އިޝްތިހާރުކުރާނެ

  • ވިޒިޓް މޯލްޑިވްސް ވަނީ ލިވަރޕޫލްގެ އޮފިޝަލް ޓޫރިސްޓް ޑެސްޓިނޭޝަން ޕާޓްނަރަކަށް ހަމަޖައްސާފައި

ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވައިރު، އިޝްތިހާރު ކުރުމަށް އަބަދުވެސް ތަފާތު ހަރަކާތްތައް ހިންގައެވެ. މީގެ ތެރެއިން މިފަހަރު ކުރިއަށް ގެންދެވޭ އެންމެ މުހިންމު ހަރަކާތަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ފުޓްބޯޅަ ކުލަބު ކަމަށްވާ ލިވަޕޫލްއާއެކު ކުރިއަށްގެންދާ ޕްރޮމޯޝަނަލް ހަރަކާތްތަކެވެ.

ފުޓުބޯޅައަކީ ދުނިޔޭގެ އެންމެ ގިނަ ބަޔަކު ބަލާ ކުޅިވަރެވެ. މީގެ ތެރެއިން އިނގިރޭސި ފުޓުބޯޅަ ކްލަބުތަކުން މެޗުތަކަކީ މުޅި ދުނިޔޭގައިވެސް އެންމެ ގިނަ ބަޔަކު ބަލާ މެޗުތަކެވެ. އެމްއެމްޕީއާރްސީން ލިވަޕޫލް އާއިއެކު ސޮއިކޮށްފައިވާއިރު، 2023-2024 ގެ ޕްމިއަރ ލީގުގެ ސީޒަންގައި އެންމެ ގިނަ ބަޔަކު ބެލީ އެ ކްލަބުގެ މެޗުތައް ކަމަށް ތަފާސް ހިސާބުތައް ދައްކައެވެ. ތަފާސްހިސާބުތައް ތައްޔާރުކުރާ "ނިއެލްސަން" އިން ބުނެފައިވާ ގޮތުގައި އެ ސީޒަނުގައި އެ ކްލަބުން ކުޅުނު 38 މެޗު ދުނިޔޭގެ ކަންކޮޅުތަކުން މުޅި އެކު 471 މިލިޔަން މީހުން އެކި މަންސަތައް މެދުވެރިކޮށް ބަލާފައިވެއެވެ.

އެ ކްލަބުގެ ރަސްމީ 316 ސަޕޯޓާސް ފޭން ކްލަބެއް ދުނިޔޭގެ 100 އަށް ވުރެ ގިނަ ޤައުމުގައި އޮވެއެވެ. އިނގިރޭސިވިލާތުގެ އިތުރުން ޔޫރަޕާއި މެދުއިރުމައްޗާއި އިންޑިއާ އަދި ޗައިނާ ފަދަ މުހިންމު ޤައުމުތަކުގައި އޮފިޝަލް ލިވަޕޫލް އެފްސީ ސަޕޯޓާސް ކްލަބްތަކާއެކު ޓާގެޓެޑް ކެމްޕޭންތަކެއް ހިންގުމަށްވެސް އެމްއެމްޕީއާރުސީއިން ވަނީ ނިންމާފައެވެ.

އެމްއެމްޕީއާރްސީން ޤަބޫލުކުރާ ގޮތުގައި މި އެއްބަސްވުމުގެ ސަބަބުން މިއަހަރު ރާއްޖެއަށް އިތުރު 100،000 އަށް ވުރެ ގިނަ ފަތުރުވެރިން އަންނާނެއެވެ. މި މާކެޓިން ކެމްޕެއިނަށް 2.5 މިލިޔަން ޑޮލަރު އިންވެސްޓް ކުރާއިރު، މީގެ ސަބަބުން 200 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބޭނެ ކަމަށް އެމްއެމްޕީއާރްސީން ވިދާޅުވެއެވެ. މިއީ އިންވެސްޓްމެންޓުގެ 20 ގިނަ އިތުރު އަދަދަކަށްވާއިރު މީގެ ސަބަބުން ރާއްޖެ ވަރަށް ބޮޑަށް އިޝްތިހާރު ވެގެންދާނެއެވެ.

އެއްބަސްވުމުގެ ތެރެއިން ލިވަޕޫލްގެ އެންޕީލްޑް ސްޓޭޑިއަމްގައި ރާއްޖޭގެ އިޝްތިހާރުތައް ފެންނަން ހުންނާއެވެ. އަދި ޕްރިމިއާ ލީގުގެ އެ ކްލަބުން އަމިއްލަ ދަނޑުގައި ކުޅޭ މެޗުތަކުގައި އެލްއީޑިން ނިޝާން ފެންނަން ހުންނާނެއެވެ. މިިއާއެކު އެ ކްލަބުގެ އެކި މަންސަތަކުގައި އިޝްތިހާރުކޮށް ކްލަބަށް ނިސްބަތްވާ މަޝްހޫރު ކުޅުންތެރިންނާއި އެކު އިޝްތިހާރު ކުރުމުގެ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދާނެއެވެ.

އަދި ޕްރިމިއަރ ބްރޭންޑިން ޕްރޮމޯޝަން އަދި ޑައިރެކްޓް އެންގޭޖްމަންޓް މެދުވެރިކޮށް މީޑިއާ ރިޗް ކޮންމެ ސީޒަނަކަށް 397 މިލިޔަނަށް ވުރެއް މައްޗައް އަރާކަމަށާއި އަހަރެއްގެ މައްޗައް 17 މިލިޔަން ޑޮލަރައް ވުރެއް މަތީގައި މީޑިއާ ވެލިއު ލިބޭނެކަމަށް ބެލެވޭކަމަށް އެމްއެމްޕީއާރްސީން ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން ރާއްޖެ އިޝްތިހާރު ކުރުމަށް، 3 މަސް ދުވަހުގެ އައުޓްޑޯރ ކެމްޕެއިނެއް ވަނީ ފަށާފައެވެ. މި ކެމްޕެއިނަކީ އެ ކްލަބުގެ މަޤްބޫލުކަމުގެ ބޭނުންހިފައި ގިނަ ބަޔަކު ރާއްޖެއަށް ދަތުރުކުރުމަށް ބާރުއެޅުމުގެ މަޤްސަދުގައި އެމްއެމްޕީއާރްސީން ކުރިއަށް ގެންދާ ހަރަކާތެކެވެ. މި ކެމްޕެއިންގެ ދަށުން 100 އަށްވުރެ ގިނަ ޓެކްސީގެ އިތުރުން ބަސްތަކުގައިވެސް ރާއްޖޭގެ ރީތި މަންޒަރުތައް ދައްކާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ހަރަކާތުގެ ތެރެއިން ބޮޑެތި އެއާޕޯޓުތަކާއި ބިޒްނަސް ކްލާސް ލައުންޖުތަކުގައިވެސް ރާއްޖޭގެ ރީތިކަން ދައްކާލުމަށް އިޝްތިހާރުތައް ހަރުކުރެވިގެންދާނެކަމަށްވެސް އެ ކުންފުނިން މައުލޫމާތުދެއްވައެވެ.

އެމްއެމްޕީއާރްސީއިން ވިދާޅުވީ މި ގުޅުމުގެ ސަބަބުން ވިޒިބިލިޓީ ދުނިޔޭގެ މައިގަނޑު ހުރިހާ ގައުމެއްގައި އިތުރުވެ ފަތުރުވެރިން އިތުރުވެ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އިގްތިސޯދީ ގޮތުން ބޮޑެތި ފައިދާތަކެއް ލިބިގެންދާނެކަމަށެވެ. އަދި މި ޕާޓްނާރޝިޕް ރަސްމީކޮށް އިފްތިތާހުކުރާނީ އޭޕްރީލްމަހުގެ 2 ވަނަ ދުވަހު ލިވަޕޫލް އެފްސީ އެވަޓަންއާ ދެކޮޅަށް ކުޅޭ މެޗުގައިއެވެ.

އިނގިރޭސިވިލާތުގެ މަޝްހޫރު ފުޓުބޯޅަ ކްލަބާއި ގުޅިގެން ރާއްޖެ އިޝްތިހާރު ކުރުމުގެ މަސައްކަތް ފަށާފައިވާއިރު، އެ ޤައުމަކީ މިއަހަރު ރާއްޖެއަށް 3 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނ މާކެޓެވެ.