ފިޠުރު ޢީދުގެ ހަރަކާތްތައް އިންތިޒާމްކޮށް ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމަށް އެހީތެރިވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޝުކުރު އަދާކުރައްވައިފިއެވެ.
މިއަހަރު ފިޠުރު ޢީދުގެ ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވަނީ ވުޒާރާތަކާއި، ސަރުކާރު ހިއްސާވާ ކުންފުނިތައް ގުޅިގެންނެވެ.
ރާއްޖޭގެ ކަންކޮޅުތަކުގައި 1446 ވަނަ އަހަރުގެ ފިޠުރު ޢީދު ކުލަގަދަކޮށް ފާހަގަކޮށްފައިވާއިރު، މިފަހަރުވެސް ޢީދުގެ އުފަލުގައި ހުރިހާ ރައްޔިތުން ބައިވެރިކުރުމަށް ސަރުކާރުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ. މިމަސައްކަތްތަކުގައި ބައިވެރިވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުވަނީ ޝުކުރު އަދާކުރައްވާފައެވެ.
— Dr Mohamed Muizzu (@MMuizzu) April 1, 2025
މީސްމީޑިއާގައި ރައީސުލްޖުމްހޫރިއްޔާ ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1446 ވަނަ އަހަރުގެ ފިޠުރު ޢީދުގެ މުނާސަބަތު ކުލަގަދަކޮށް ފާހަގަކުރުމުގެ އިންތިޒާމުތައް ކުރައްވައި، ކުޑަކުދިންނާއި ޢާއިލާތަކަށް އުފާވެރިކަން ގެނެސްދިނުމުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.
އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި 4 ވުޒާރާއަކާއި، ދިވެހި ފުލުހުންގެ ޚިދުމަތުގެ އިތުރުން ސިފައިން ހިމެނެއެވެ. މީގެ އިތުރުން ޕީއެސްއެމް ހިމެނޭހެން ސަރުކާރު ހިއްސާވާ 10 ކުންފުންޏެއް ހިމެނެއެވެ.
މިއަހަރު ފިޠުރު ޢީދު ފާހަގަކުރުމަށް، ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކުގެ ތެރޭގައި މުޅި ރާއްޖެ ޢީދަށް ދިއްލާލުން ހިމެނެއެވެ. މިމަސައްކަތުގެ ތެރެއިން 64 ރަށެއް ޢީދަށް ވަނީ ދިއްލާލާފައެވެ. މީގެ ތެރޭގައި ރާއްޖޭގެ އާބާދީ ބޮޑެތި ރައްތަކާއި ސިޓީތައް ހިމެނެއެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިސްނެންގެވުމުގެ މަތިން ކޮންމެ ޢީދަކާއި ދިމާކޮށް، މިހާރު ކުރަމުން އަންނަ މަސައްކަތެކެވެ.
މީގެ އިތުރުން ރާއްޖޭގައި ޢީދު ފާހަގަކުރުމުގެ ސަޤާފަތް ދައްކާލަން، ހިއްޗަށް ވަޑައިގަތުމުގެ ހަރަކާތުގެ ތަމްސީލެއް ވަނީ މާލޭގެ މަގުތަކުގައި ކުރިއަށް ގެންގޮސްފައެވެ.
މާލެ ސަރަހައްދުގައި ޢީދު ކުލަގަދަކޮށް ފާހަގަކުރުމަށް، ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ އަދި ޖުމުހޫރީ މައިދާނުގައި ވަނީ ކުޑަކުދިންގެ ޢާއިލީ ހަވީރެއް ބާއްވާފައެވެ. ޤައުމީ ދިފާޢީ ބާރުން އިސްވެ ކުރިއަށް ގެންދިޔަ މި ހަވީރުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދެކަނބަލުން ބައިވެރިވެވަޑައިގެން ކުދިންނާއި ސަލާމްކުރެއްވުމާއި ފޮޓޯ ނެންގެވުމުގައި ވަގުތު ހޭދަކުރެއްވިއެވެ.
މި ހަވީރުގައި ބައިވެރިވުމަށް އެތައް ސަތޭކަ ބަޔަކު ޚާއްސަކޮށް ގިނަ އަދަދެއްގެ ކުޑަކުދިން މިސަރަހައްދުތަކަށް އެއްވުމުން، އާންމުން މިފަދަ ކަމަކަށް ބޭނުންވެފައި ތިބި މިންވަރު ވަރަށް ބޮޑަށް އެނގިގެންދިޔައެވެ. އެހެންކަމުން ޢީދު ހަވީރު އިތުރު ދެދުވަހަށް ކުރިއަށް ގެންދަން ސަރުކާރުން ނިންމެވިއެވެ.
ޢީދުފަދަ މުނާސަބަތުތަކުގައި އުފާފާޅުކުރުމުގެ ފުރުސަތު ރައްޔިތުންނަށް ފަހިކޮށްދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ޚާއްޞަ އަހަންމިއްޔަތުކަމެއް ދެއްވާ ކަމެކެވެ. އަދި މިފަދަ އިސްލާމީ މުނާސަބަތުތައް އިޙުތިފާލުކުރުމުގެ ސަބަބުން ކުޑަކުދިން އިސްލާމް ދީނަށް ލޯބިކުރުމަށް ބާރުއެޅި، ދީނަށް ލޯބިޖެހި، ދީނުގެ ކަންކަން އުނގެނުމަށްވެސް ބާރުއެޅިގެންދާނެކަމަށް ސަރުކާރުން ދެކެވަޑައިގަންނަވައެވެ.