ދުނިޔެ

ކެމަރަން ދިޔަޔަސް ލެރީއެއް ނުދާނެ!


ދުނިޔޭގެ މީޑިއާތަކުގެ ފަލަ ސުރުޚީތަކުން އެންމެ ބޮޑު ސަމާލުކަމެއް މިހާރު ހޯދާފައިވަނީ އިނގިރޭސި ވިލާތުގެ ސިޔާސީ މަސްރަޙަށެވެ. ބޮޑުވަޒީރުކަމުގެ މަޤާމުން އިސްތިޢުފާދެއްވައި ޑޭވިޑް ކެމަރަން "ނަމްބަރ ޓެން ޑައުނިންގ ސްޓްރީޓް: އިން ފޮށި ތަންމަތި ބަންދު ކުރައްވައި ނުކުމެވަޑައިގެންފައިވާއިރު، އާ ބޮޑުވަޒީރަށް މަރްޙަބާ ދެންނެވުމަށް އިނގިރޭސި ބޮޑުވަޒީރުގެ ގެކޮޅު ތައްޔާރުކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. 

އެއް ވެރިކަމުން އަނެއްވެރިކަމަށް ބަދަލުވާ ދަނޑިވަޅަކީ ހަލަބޮލި ދަނޑިވަޅެކެވެ. ނަމަވެސް ބޮޑުވަޒީރުގެ ގެކޮޅުގައި އެއްވެސް ހާސްކަމެއް ފިކުރެތް ނެތް އެކަކު ވެއެވެ. އެއީ ލެރީއެވެ. ނުވަތަ ގެކޮޅުގެ ފާރަވެރި ވަފާތެރި ކުޑަކުޑަ ބުޅަލެވެ. މުށި ކުލައާއި ހުދުކުލައިގެ މި ބުޅާ ނަމްބަރ ޓެން ޑައުނިންގ ސްޓްރީޓަށް ގެންދިޔައީ 2011 ވަނަ އަހަރުއެވެ. އެއީ ބީބީސީން ލައިވްކޮށް ދެއްކި އިވެންޓެއްގެ ތެރެއިން ކަޅުކުލައިގެ ބޮޑު މީދަލެއް ދެކޮޅަށް ދުވެއުޅެނިކޮށް ފެނުމާ ގުޅިގެންނެވެ.

ކެބިނެޓް އޮފީހުގެ ތަރުޖަމާނު ވިދާޅުވީ ކެމަރަން ވަޑައިގެންނެވި ކަމުގައިވިޔަސް ލެރީ އޮންނާނީ ގެކޮޅުގައި ކަމަށެވެ. އެއީ ކެމަރަން ގެންގުޅުއްވާ ބުޅަލެއް ނޫންކަމަށާއި، އެއީ ނަމްބަރ ޓެން ޑައުނިންގ ސްޓްރީޓްގެ ބުޅަލެއް ކަމަށެވެ.

މި ދަނޑިވަޅު، ސޯޝަލް މީޑިއާގައި ލެރީގެ އިޙްސާސްތައް ވެސް ދަނީ ބަންޑުން ކުރަމުންނެވެ. "ލެރީ ދަ ކެޓް"ގެ ނަމުގައި ހަދާފައިވާ ޓްވިޓަރ އެކައުންޓްގައި ބުނެފައިވަނީ ބުޅަލެއް ރީތިކޮށްދޭނެ ފަރާތެއް ބޭނުންވާ ކަމަށެވެ. އެއީ ޚާއްޞަ ބޭފުޅަކު ވަޑައިގަންނަވަންވާއިރަށް އެ ޝަޚްޞިއްޔަތުގެ ރުހުން ހޯދަން ބޭނުންވާތީ ކަމަށެވެ.

tw:https://twitter.com/Number10cat/status/752546838725754880

އަދި ތެރެސާ މޭ "ނަމްބަރ ޓެން ޑައުނިން ސްޓްރީޓް" އަށް ވަޑައިގެންނެވި ވަގުތެއްގައި ލެރީ އެކަމަނާއަށް ވަރަށް ހުޝިޔާރު ގޮތަކަށް ބަލަން އޮތް މަންޒަރު ދައްކައިދޭ ފޮޓޯއެއްވެސް މީޑިއާތަކުގައި ޖަހާފައިވެއެވެ.

tw:https://twitter.com/MirrorPolitics/status/752865441131921409

 އިނގިރޭސިވިލާތް އީޔޫއިން ވަކިވެ، ރައްޔިތުންގެ މެދުގައިވެސް ހާސްކަން އުފެދިފައި އޮތް ދަނޑިވަޅެއްގައި އަދި ހަމަ އެހެންމެ އިނގިރޭސި ބޮޑުވަޒީރު މަޤާމުންވަކިވެވަޑައިގެން، އާ ބޮޑުވަޒީރަކު ވަޑައިގަތުމުގެ އަނގޮޅިއަށް އައިސްފައިވާއިރު، ފެންޑާތެރެއިން ބާރުބާރަށް ދުވަމުން މޭޒުތައްމަތިން ޗާލާކީ ގޮތަކަށް ފުންމަމުން ދުވެ، ނަށަމުންދަނީ ހަމައެކަނި ނަމްބަރ ޓެން ޑައުންނިންގ ސްޓްރީޓްގެ ޗީފް މައުސަރ "ލެރީ ދަ ކެޓް" އެވެ.

tw:https://twitter.com/Number10cat/status/753182392496644096