އއ. ރަސްދޫގައި ހިނގި އަލިފާނުގެ ހާދިސާގައި ފިހުނު އަންހެން މީހާ ނިޔާވެއްޖެއެވެ. މި އަލިފާނުގެ ހާދިސާގައި 2 މީހުން ވަނީ ފިހިފައެވެ.
އައިޖީއެމްއެޗުން ވިދާޅުވީ މިރޭ ގާތްގަނޑަކަށް 7:17 ހާއިރު އެ އަންހެން މީހާ ނިޔާވެފައިވާކަމަށެވެ. އޭނާ ނިޔާވިއިރުވެސް އޮތީ ވެންޓިލޭޓަރުގައެވެ. އަންހެން މީހާގެ ހަށިގަނޑުގެ %83 ފިހިފައިވާކަމަށް ހޮސްޕިޓަލުން މައުލޫމާތުދެއެވެ.
އެ ހާދިސާގައި ދެން ފިހުނީ އޭނާގެ ފިރިމީހާއެވެ. އޭނާގެ ހަށިގަނޑުގެ %78 ފިހިފައިވާކަމަށް މައުލޫމާތުލިބެއެވެ. އޭނާގެ ހާލުވެސް ސީރިއަސް ކަމަށާއި ފަރުވާދެމުންދަނީ ވެންޓިލޭޓަރުގައިކަމަށް އައިޖީއެމްއެޗުން މައުލޫމާތުދެއެވެ.
މިދިޔަ ހުކުރު ދުވަހު ވަނީ ރާއްޖޭން ބޭރުން 'ބާން ސްޕެޝަލިސްޓު' ޑޮކްޓަރެއްވެސް ގެނެސްފައެވެ.
އެނގިފައިވާގޮތުގައި އަލިފާނުގެ ހާދިސާ ހިނގީ އެ ދެމަފިރިންގެ ނިދާ ކޮޓަރީގައެވެ. އަލިފާނުގެ ހާދިސާ ހިނގަން މެދުވެރިވި ސަބަބު އަދި އެއްވެސް ފަރާތަކުން ހާމަކޮށްފައެއް ނުވެއެވެ.
މިހާދިސާ ތަހުގީގްކުރަމުން އަންނަކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.