ޚަބަރު

ފަހު މެޗަށް، ޓިމޯ ލެސްޓޭ ޓީމު ރާއްޖެއަށް


  • ފުރަތަމަ މެޗުގައި ޓިމޯ ލެސްޓޭއިން ވަނީ ރާއްޖެ ބަލިކޮށްފައި

  • މިއީ ދެ ޓީމުން ވެސް ކޮލިފައިންގައި ކުޅޭނެ ފަހު މެޗު

އޭއެފްސީ އޭޝިއަން ކަޕް ކޮލިފިކޭޝަނުގެ ކޮލިފައިންގައި ދިވެހިރާއްޖެއާ ދެކޮޅަށް ކުޅެން ޓިމޯ ލެސްޓޭ ޓީމު ރާއްޖެ އަތުވެއްޖެއެވެ.

ކޮލިފައިންގައި ރާއްޖެއާއި ޓިމޯ ލެސްޓޭ ބައްދަލުކުރާ މެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުގެ 15:30 ގައެވެ. މިއީ ކޮލިފިކޭޝަންގައި މި ދެ ޓީމު ވެސް ކުޅޭނެ ފަހު މެޗެވެ.

މި މެޗަށް ޓިމޯ ލެސްޓޭ ޓީމު ރާއްޖެ އައިސްފައި ވަނީ ހޮނިހިރު ދުވަހުގެރެއެވެ.

ކޮލިފައިންގައި ރާއްޖެއާއި ޓިމޯ ލެސްޓޭ ހިމެނެނީ ފިލިޕީންސްއާއި ތަޖިކިސްތާނާ އެކު ގްރޫޕް އޭގައެވެ.

ކޮލިފައިންގައި މި ދެ ޓީމުގެ ކުރިމަތިލުމެއް މީގެކުރިން ވެސް ފެނިގެން ގޮސްފައިވާއިރު މިދިޔަ އަހަރުގެ ޖޫން މަހުގެ 10 ވަނަ ދުވަހު، ޓިމޯ ލެސްޓޭގައި ކުޅުނު އެ މެޗުން ރާއްޖެ ވަނީ 0-1 އިން ބަލިވެފައެވެ. މިއީ ކޮލިފިކޭޝަންގައި ޓިމޯ ލެސްޓޭ މޮޅުވި ހަމައެކަނި މެޗެވެ.

ޓިމޯ ލެސްޓޭއިން ކޮލިފައިންގައި ފުރަތަމަ މެޗުގައި ތަޖިކިސްތާނާ ދެކޮޅަށް ކުޅުނުއިރު އެ މެޗުން ޓިމޯ ލެސްޓޭ ބަލިވީ 0-1 އިންނެވެ. ދެވަނަ މެޗުގައި ރާއްޖެ އަތުން މޮޅުވިއިރު ތިންވަނަ މެޗުގައި ފިލިޕީންސް އަތުން ބަލިވީ 1-4 އިންނެވެ. ހަތަރުވަނަ މެޗުގައި އަނެއްކާވެސް ފިލިޕީންސްއާ ދެކޮޅަށް ކުޅުނުއިރު އެ މެޗުން ޓިމޯ ލެސްޓޭ ބަލިވީ 1-3 އިންނެވެ. އަދި ފަސްވަނަ މެޗުގައި އަނެއްކާވެސް ތަޖިކިސްތާނާ ދެކޮޅަށް ނުކުތްއިރު އެ މެޗު 0-5 އިން ކާމިޔާބުކުރީ ތަޖިކިސްތާނެވެ.

ޓިމޯ ލެސްޓޭ ޓީމުން މި މެޗަށް ފަރިކުރުންތައް ކުރިއަށް ގެންގޮސްފައި ވަނީ ޕޯޗުގަލް ފުޓުބޯޅައިގެ ތަޖުރިބާކާރެއް ކަމަށްވާ ހޯސޭ ޕެޑްރޯ އަލްވޭޒް ސަލަޒާރު (ޒީ ޕެޑްރޯ) ގެ އިރުޝާދުގެ ދަށުންނެވެ.

ކޯޗު ހޯސޭ ޕެޑްރޯ އެ ޓީމުގެ ކޯޗުކަމާ ހަވާލުވެފައި ވަނީ މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައެވެ. އޭގެކުރިން އެ ޓީމުގެ ކޯޗަކަށް ހުރީ ޗިލީގެ ސިމޯން އެލިސީޗް އެވެ. ރާއްޖެއާ ދެކޮޅަށް، އޮސްޓްރޭލިއާގައި މިދިޔަ އަހަރު ކުޅުނު ކޮލިފައިންގެ ފުރަތަމަ މެޗުގައި ކޯޗަކަށް ހުރީ ސިމޯން އެލިސީޗް އެވެ.

މި މެޗަށް ތައްޔާރުވުމުގެ ގޮތުން ރާއްޖެއިން ވަނީ 26 ކުޅުންތެރިންގެ ސްކޮޑެއް އިއުލާނުކޮށް، ފަރިތަކުރުންތައް ފަށާފައެވެ. ރާއްޖެއިން މެޗާ ކުރިމަތިލާނީ ހަންގޭރީގެ އިސްޓަވާން އުރުބާނީގެ އިރުޝާދުގެ ދަށުންނެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗުގައި ރާއްޖޭގެ ކޯޗަކަށް ހުރީ އަލީ ސުޒެއިން އެވެ.