ދެކުނުއިރުމަތީ އޭޝިޔާގެ ބައެއް ޤައުމުތަކަށް މާރިޗު 28ވަނަ ދުވަހު އައި ބާރުގަދަ ބިންހެލުމުގައި މިޔަންމާއިން މަރުވި މީހުންގެ އަދަދު 2,000އާ ގާތަށް އުފުލިފައިވާއިރު، ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުންގެ ތެރެއިން ދިރިތިބި މީހުން ފެންނަމުންދާ ކަން ހާމަކޮށްފިއެވެ. އެ ޤައުމުގެ މެދުތެރޭގައި އޮތް މަންދަލީއާއި ނީޕީޓޯއަށް ބޮޑެތި ގެއްލުންތަކެއް ލިބުނު ބިންހެލުމުގެ އަސަރު ތައިލެންޑުގެ ވެރިރަށް ބެންގކޮކާއި ޗައިނާގެ ޔުންނާން ޕުރޮވިންސަށް ވެސް ފޯރިއެވެ.
މިޔަންމާގެ އަސްކަރީ ސަރުކާރުގެ އިދާރާތަކާ ޙަވާލާދީ ޗައިނާގެ ޝިންހުއާ ނޫސް އޭޖެންސީން ބުނީ، މަންދަލީއާއި ނީޕީޓޯގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުންގެ ތެރެއިން ގިނަ އަދަދެއްގެ ބަޔަކު ދިރިތިއްބާ ސަލާމަތް ކޮށްފައިވާ ކަމުގައެވެ. މަންދަލީން އެންމެ ފަހުން ސަލާމަތް ކުރެވުނު ހަތަރު މީހުންގެ ތެރޭގައި މާބަނޑު އަންހެނަކާއި ކުޑަ އަންހެން ކުއްޖަކު ހިމެނެއެވެ. ބިންހެލުމުގައި މިޔަންމާއިން ގިނަ އަދަދެއްގެ އިމާރާތްތައް ވެއްޓުނެވެ. އޭގެ ތެރޭގައި ޢާންމުންގެ ގެދޮރާއި، މަދަރުސާތަކާއި، ހަސްފަތާލުތަކުގެ އިތުރުން މިސްކިތްތަކާއި ފައްޅިތައް، އަދި އެހެނިހެން ޢުމްރާނީ ވަސީލަތްތައް ހިމެނެއެވެ.
ބިންހެލުމުގައި ބެންގކޮކަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. އަދި، ބިނާ ކުރުމުގެ މަސައްކަތް ކުރަމުން ދިޔަ ބޮޑު އިމާރާތެއް ވެއްޓި، ގިނަ އަދަދެއްގެ ބަޔަކު އެ ތަނުގެ ދަށުގައި ތާށިވިއެވެ. ބިންހެލުމާ ގުޅިގެން އެ ޤައުމުން ވެސް 18 މީހަކު މަރުވެފައިވާ ކަން ކަށަވަރު ކުރެވިފައިވާއިރު، ވެއްޓިފައިވާ އިމާރާތުގެ ދަށުގައި ތާށިވެފައިވާ މީހުންގެ ތެރެއިން ބައެއް މީހުން ދިރިތިބި ކަން ވަނީ ކަށަވަރު ކުރެވިފައެވެ.
ބެންގކޮކުގެ ގަވަރުނަރުގެ ނައިބު ތާވިޑާ ކަމޮންވޭދް ވިދާޅުވީ އެ އިމާރާތުގެ ދަށުގައި ތާށިވެފައި ތިބި މީހުންގެ ތެރެއިން ދިރިތިބި މީހުންގެ ހާލަތު ވަޒަން ކުރުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ. އަދި، ވީ އެންމެ އަވަހަކަށް އެ މީހުން ސަލާމަތް ކުރުމަށް މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުންދާ ކަމުގައެވެ. ނަމަވެސް، 72 ގަޑިއިރަށް ފަހު އެ މީހުންގެ ފުރާނަ ސަލާމަތް ކުރެވޭނެ ކަމުގެ އުންމީދު ފަނޑުވެފައިވާ ކަމުގައި ޞިއްޙީ މާހިރުން ބުނެފައިވާ ކަން އޭނާ ފާހަގަ ކުރެއްވިއެވެ.
"މަސައްކަތް ހަލުވި ކުރަން ޖެހޭ. 72 ގަޑިއިރު ފާއިތުވީ ނަމަވެސް މަސައްކަތް ހުއްޓައެއް ނުލާ ނަން،" އޭނާ ވިދާޅުވިއެވެ. ތައިލެންޑުގެ ވެއްޓިފައިވާ އިމާރާތުގެ ދަށުގައި އަދިވެސް 58 މީހުން ތިބި ކަމުގައި އެ ޤައުމުގެ އިދާރާތަކުން ޤަބޫލު ކުރެއެވެ. އެ މީހުން ހޯދައި، ސަލާމަތް ކުރުމަށް ބިމުގެ އަޑި ސްކޭން ކުރުމަށް ބޭނުން ކުރާ އާލާތްތައް ބޭނުން ކުރަމުންދާ ކަމުގައި އެ ޤައުމުގެ އިދާރާތަކުން ހާމަކުރިއެވެ.
މިޔަންމާގެ އަސްކަރީ ސަރުކާރާ ޙަވާލާދީ އެމެރިކާގެ ނޫސް، ދި ވޯލް ސްޓްރީޓް ޖަރނަލުން ބުނީ، މިިޔަންމާގައި މަރުވެފައިވާ މީހުންގެ އަދަދު 2,028އަށް އުފުލިފައިވާ ކަން ކަށަވަރު ކުރެވިފައިވާ ކަމުގައެވެ. ނަމަވެސް، މިޔަންމާގެ ދައުލަތުގެ މީޑިޔާއިން ބުނީ، ބިންހެލުމުގައި މަރުވެފައިވާ ކަމަށް މިހާތަނަށް ކަށަވަރު ކުރެވިފައި ވަނީ 1,700އެއްހާ މީހުން ކަމުގައެވެ.
މިޔަންމާގައި ވެއްޓިފައިވާ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ މީހުން ސަލާމަތް ކުރުމުގެ މަސައްކަތުގައި އެހީތެރި ކަން ފޯރުކޮށްދިނުމަށް ބޭރު ޤައުމުތަކުން ވަނީ ޓީމުތައް ފޮނުވާފައެވެ. އޭގެ ތެރޭގައި ޗައިނާ، އިންޑިޔާ އަދި ތައިލެންޑު ހިމެނެއެވެ. މީގެ އިތުރުން މެލޭޝިޔާއާއި، ސިންގަޕޫރާއި ރަޝިޔާއިން ވެސް ވަނީ ޓީމުތަކާއި އިންސާނީ އެހީގެ ސާމާނު ފޮނުވާފައެވެ.
އެކުވެރި ދައުލަތްތައް (އދ)ން ވެސް ވަނީ މިޔަންމާގައި ހާލުގައި ޖެހިފައިވާ މީހުންނަށް ބޭނުންވާ ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް މަސައްކަތް ކުރަމުންދާ ކަން ހާމަކޮށްފައެވެ. "މަންދަލީގައި ތިބި އަޅުގަނޑުމެންގެ ޓީމުގެ މުވައްޒަފުންނަށް ކާރިސާގައި އަސަރުތަކެއް ކުރި ނަމަވެސް އެ މީހުން ވެސް ދަނީ އިންސާނީ އެހީގެ ހަރަކާތްތަކުގައި ބައިވެރިވަމުން،" މިޔަންމާގައި ހުންނަ އދގެ ރެފިއުޖީންނާ ބެހޭ އިދާރާގެ މަންދޫބު ނޮރިކޯ ތަކާގީ ވިދާޅުވިއެވެ.
އެމެރިކާއިން ވެސް ވަނީ މިޔަންމާގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރި ކަން ފޯރުކޮށްދިނުމަށް 2 މިލިޔަން އެމެރިކާ ޑޮލަރުގެ އެހީ ފޮނުވާނެ ކަން ހާމަކޮށްފައެވެ. މީގެ އިތުރުން، ބޭރު ޤައުމުތަކަށް އެހީތެރި ކަން ފޯރުކޮށްދޭ އެމެރިކާގެ އިދާރާ (ޔޫއެސްއޭއައިޑީ)ގެ ޓީމެއް އެ ޤައުމަށް ފޮނުވުމަށް މަސައްކަތް ކުރަމުންދާ ކަމުގައި ވެސް ވައިޓް ހައުސުން ބުންޏެވެ.
މިޔަންމާއަކީ 55 މިލިޔަން މީހުންގެ އާބާދީއެއް އޮތް ޤައުމެކެވެ. މިޔަންމާގެ އަސްކަރިއްޔާގެ އަމަލުތަކާ ގުޅިގެން ބިންހެލުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އިންސާނީ އެހީތެރި ކަން ފޯރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތްތަކަށް ވަނީ ހުރަސް އެޅިފައެވެ. ބިންހެލުމަށް ފަހު ވެސް މިޔަންމާގެ އަސްކަރިއްޔާއިން، ސަރުކާރާ ދެކޮޅު ޖަމާޢަތްތައް ހަރަކާތްތެރިވަމުންދާ ސަރަޙައްދުތަކަށް ޙަމަލާ ދެމުންދާ ކަމުގައި ހަތިޔާރު އެޅި ޖަމާޢަތެއް ކަމުގައިވާ ކަޔީން ނޭޝަނަލް ޔޫނިއަން (ކޭއެންޔޫ)ން ވަނީ ތުހުމަތު ކޮށްފައެވެ. މިޔަންމާގެ އަސްކަރީ ސަރުކާރުން މި ތުހުމަތުތަކަށް ރައްދު ދީފައެއް ނެތެވެ.