ޚަބަރު

ކުށުގެ ވެއްޓަށް ވަންނަ ކުދިން އިޞްލާހުކުރުމަށް ހަދާ "ހޯޕް އައިލެންޑް" ގިރާވަރު އުތުރުފަޅަށް


  • ކުރިން މިތަން ތަރައްޤީކުރުމަށް ނިންމާފައިވަނީ ދ. ވާނީގައި

  • ގިރާވަރު އުތުރުފަޅުގައި އެތަން ތަރައްޤީކުރަނީ 700 މީހުންގެ އާބާދީއަކަށް

  • އެތަން ތަރައްޤީކުރާނީ ބެލެނިވެރިންނަށްވެސް އެތަނަށް ދެވޭގޮތަށް

ކުށުގެ މާޙައުލަށް ހުށައެޅޭ ކުދިން ރީހެބިލިޓޭޓްކުރުމަށް ހަދާ "ހޯޕް އައިލެންޑް" ގިރާވަރު އުތުރުފަޅަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެ ވުޒާރާއިން މީގެ ކުރިން ނިންމާފައި އޮތީ ދ. ވާނީގައި "ހޯޕް އައިލެންޑް" ހެދުމަށެވެ. ނަމަވެސް ބައެއް ސަބަބުތަކާ ހުރެ އެހެން ރަށަކަށް އެތަން ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛް އަޙްމަދު ސިއްދީޤު ވިދާޅުވީ "ހޯޕް އައިލެންޑް" ދ. ވާނީގައި ތަރައްޤީކުރުމަށްޓަކައި ކުރެހުންތަކާއި ކޮންސެޕްޓްތައްވެސް ތައްޔާރުކޮށް ނިންމާފައިވާކަމަށެވެ. އެހެންނަމަވެސް އެރަށުގައި އެތަން ތަރައްޤީކޮށްފިނަމަ ޚަރަދުގެ ގޮތުންވެސް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވާނެތީވެ "ހޯޕް އައިލެންޑް" މާލެއާ ކައިރި ރަށަކަށް ބަދަލުކުރުމަށް ނިންމާފައިވާކަމަށެވެ. އެގޮތުން މާލެ ކައިރި ގިރާވަރު އުތުރުފަޅަށް "ހޯޕް އައިލެންޑް" ބަދަލުކުރުމަށް ސަރުކާރުން މިހާރު ނިންމާފައިވާކަމަށް ސިއްދީޤް ވިދާޅުވިއެވެ.

ސިއްދީޤް ވިދާޅުވީ އެތަން ހެދުމާއެކު ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދެވެނެކަމަށެވެ. އެތަން ތަރައްޤީކުރާނީ 700 އެއްހާ މީހުންގެ ޖާގައަށް ޚާއްސަކޮށްގެންކަމަށެވެ. އަދި އެތަނުގައި މުދައްރިސުންނާއި ފުލުހުންގެ އިތުރަށް ކުޅިވަރުތައް ކުޅޭއިރު ބޭނުންވާ އިންސްޓްރަކްޓަރުންނަށް ބޭނުންވާނެ ވަޞީލަތްތައް ހުންނާނެކަމަށް ސިއްދީޤް ވިދާޅުވިއެވެ.

ދާޚިލީ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ސިއްދީޤު ވިދާޅުވީ އެތަން ތަރައްޤީކުރަނީ ކުދިންނަށް ކިޔަވައިދޭނެ ސްކޫލާއި ސިއްޙީ ޚިދުމަތް ދޭނެ ތަންތަނާވެސްއެކުކަމަށެވެ.

"ވާނީގައި އެތަން ތަރައްޤީކޮށްފިނަމަ މާލެއިން ވައިގެ މަގުން ދާން މިޖެހެނީ ކުޑަހުވަދޫއަށް. ކަނޑުމަގުން ދާނަމަ އެތަކެއް ގަޑިއިރެއް އެބަ ހޭދަވޭ. ޚަރަދުގެ ގޮތުން ބަލާނަމަ އެފޯޑް ކުރެވޭވަރަށްވުރެ ބޮޑު ޚަރަދެއް ހިނގާނެ." ސްޓޭޓް މިނިސްޓަރ އަހްމަދު ސިއްދީޤު ވިދާޅުވިއެވެ.

ސިއްދީޤު ވިދާޅުވީ ހޯޕް އައިލޭން ތަރައްޤީކުރާނީ އެތަނުގައި ތިބި ކުދިންގެ ގާތަށް ބެލެނިވެރިންނަށްވެސް ޒިޔާރަތް ކުރެވޭނެ ގޮތަށެވެ.

ކުށަށް އަރައިގަތުމުގެ ނުރައްކަލުގައިވާ ކުދިންނަށް ބޭނުންވާ ފަރުވާ ފޯރުކޮށްދިނުމަށާއި އިޞްލާޙީ އަދި ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމަށްޓަކައި ޤާއިމުކުރުމަށް ހަމަޖެހިފައިވާ "އުއްމީދު ނުވަތަ ހޯޕް އައިލެންޑް" މަޝްރޫޢަށް ބޭނުންވާ 15 ހެކްޓަރުގެ ބިން، ގިރާވަރު އުތުރުފަޅުން ހިއްކުމަށް ވަނީ ނިންމާފައެވެ. އަދި "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" މަޝްރޫޢަށް ބޭނުންވާ 30 ހެކްޓަރުގެ ބިން ހިއްކައި، "ސެންޓްރަލް ޕްރިޒަން ކޮމްޕްލެކްސް" ތަރައްޤީކުރުމަށްވެސް ވަނީ ނިންމަވާފައެވެ.

ހޯޕް އައިލޭންޑްގައި ތިބޭ ކުޑަކުދިންނަށް އަސާސީ ތަޢުލީމާއި ދީނީ ތަރުބިއްޔަތު ދެވޭނެއެވެ. އަދި ސައިކޯ ސޯޝަލް އިންޓަވެންޝަން ޕްރޮގުރާމު ނުވަތަ ތެރަޕީ ދިނުމުގެ ޕްރޮގުރާމުތަކާއި، ކޮންޓެކްޓް ސްޕޯޓްސް ޕްރޮގުރާމުތައްވެސް ކުދިންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވެއެވެ.

ހޯޕް އައިލެންޑަށް ގެންދާކުދިން ޢުމުރުން ކުދިން 18 އަހަރު ވަންދެން އެތަނުގައި އުޅޭނެކަމަށް މީގެ ކުރިން ސަރުކާރުން ވިދާޅުވެފައެވެ. އެއަށްފަހު ދިވެހި ފުލުހުން ނުވަތަ ދިވެހި ސަފައިންގެ ޚިދުމަތުންކުރެ ތަނެއްގައި ވަކި މުއްދަތެއް ވަންދެން އެކުދިން ޚިދުމަތް ކުރަންޖެހޭނެކަމަށް ވަޒީރު އިޙްސާން ވަނީ ވިދާޅުވެފައެވެ. އެއަށްފަހު އެކުދިން ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިއުމަށް ފުރުޞަތު ދެވޭނެކަންވެސް ދާޚިލީ ސަލާމަތާބެހޭ ވަޒީރު ވިދާޅިވެފައިވެއެވެ.