ސްޕެއިންގެ ގައުމީ ފުޓްބޯޅަ ޓީމު ބޭނުންކޮށްގެން އަމިއްލަ މަންފާ ހޯދާފައިވާތީވެ އެ ގައުމުގެ ފުޓްބޯޅަ ފެޑެރޭޝަނުގެ ކުރީގެ ރައީސް އެންހެލް މާރިއާ ވިޔާ 15 އަހަރަށް އަދި އޭނާގެ ދަރިފުޅު 7 އަހަރަށް ޖަލަށް ލާން އެދެފިއެވެ.
ސްޕެއިންގެ ޕްރޮސެކިއުޓަރުން ކޯޓުގައި މިގޮތަށް އެދުނީ 2007 އިން 2017 އަށް އެންހެލް މާރިއާ ފެޑަރޭޝަނުގެ ފައިސާއިން 4.84 މިލިއަން ޑޮލަރުގެ ވައްކަން ކޮށްފައިވާކަމަށް ބުނެ އެވެ.
މި ކަމުގައި އަށް މީހަކު ހިމެނޭ ކަމަށްވެސް ޕްރޮސެކިއުޓަރުން ބުނެ އެވެ. އެންހެލް މާރިއާގެ ދަރިފުޅު ގޯކާ ހިމެނެނީ މި އަށް މީހުންގެ ތެރޭގަ އެވެ. ދެން ހިމެނޭ މަޝްހޫރު މީހަކީ ފެޑަރޭޝަނުގެ ނައިބު ރައީސްކަން ކުރި ހުއާމް ޕާޑޮން އެވެ.
ކޮރަޕްޝަނުގެ ތުހުމަތުގައި އެންހެލް މާރިއާ އެންމެ ފުރަތަމަ ސަސްޕެންޑްކުރީ 2017 ވަނަ އަހަރު އެވެ. އުމުރުން މިހާރު 75 އަހަރުގެ އެންހެލް މާރިއާ ވަނީ ސްޕެއިން ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސްކަން 29 އަހަރުކޮށްފަ އެވެ. އެއީ 1988 އިން 2017 ވަނަ އަހަރަށެވެ. އޭނާ ވަނީ ފީފާގެ ފުރަތަމަ ނައިބު ރައީސްކަން 1992 އިން 2017 އަށް އަދި ޔުއެފާގެ ވަގުތީ ރައީސްކަން 2015 އިން 2016 އަށް އަދާކޮށްފަ އެވެ.
އެންހެލް މާރިއާގެ މައްޗަށް ތުހުމަތު ކުރެވެނީ ފައިސާއަށް މަކަރު ހެދުމާއި، ފެޑަރޭޝަނުގެ ލިޔެކިއުންތައް އޮޅުވާލުމާއި، ފެޑަރޭޝަނުގެ ވިޔަފާރީގެ ކޮރަޕްޝަނާއި، ފެޑަރޭޝަނަށް ފަނޑުތައް ހިތުހުރި ގޮތަކަށް ބޭނުންކުރުމާއި، ވައްކަންކުރުމެވެ.
އޭނާއަށް މާލީ ފައިދާ ލިބުނު އެއް ކަމަކީ އޭނަ އާއި އޭނާގެ ދަރިފުޅު އިންތިޒާމްކުރި ރަހުމަތްތެރިކަމުގެ ފުޓްބޯޅަ މެޗުތަކެކެވެ. ސްޕެއިނުގެ ޔޫރޯ 2008 އާއި ވޯލްޑް ކަޕް 2010 އަދި ޔޫރޯ 2012 ހޯދި ދުވަސްވަރު އޮތް މޮޅު ކުޅުންތެރިންތަކެއް ހިމެނޭ ޓީމު ލައްވައި ކުޅުވާފައިވަނީ ޗިލީ އާއި ވެނެޒުއޭލާ އާއި ޕްރޫ އަދި ކޮލަމްބިއާ އާއި ދެކުނު ކޮރެއާއާ ދެކޮޅަށެވެ.