ޤައުމީ ދިފާޢީ ބާރުން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ "ޢީދު ހަވީރު" ހަރަކާތުގައި އެމްއެންޑީއެފުން ދިން އެންމެ މުހިންމު މެސެޖަކީ މިނިވަންކަންމަތީ ޤައުމު ބޭއްވުމަށް ކޮންމެ ދިވެހި ފަރުދަކުވެސް މަސައްކަތްކުރަންޖެހޭކަންކަމަށް ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫން ވިދާޅުވެއްޖެއެވެ.
މި އަހަރުގެ ފިޠުރު ޢީދު ފާހަގަކުރުމަށް ޖުމްހޫރީ މައިދާނާއި ސަލްޓަން ޕާކް އަދި އިސްލާމީ މަރުކަޒު މައިދާނުގައި ވަނީ "ޢީދު ހަވީރު"ގެ ނަމުގައި ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައެވެ. މި ހަރަކާތުގައި ސަރުކާރުގެ އެކި މުއައްސަސާތަކުން ސްޓޯލްތައް ޤައިމްކޮށްފައި ހުއްޓެވެ.
ޢީދު ހަވީރު ހަރަކާތުގެ ތެރެއިން ޕީއެސްއެމް ނިއުސްއާ ވާހަކަފުޅުދައްކަވަމުން ދިފާޢީ ވަޒީރު މުޙައްމަދު ޣައްސާން މަޢުމޫން ވިދާޅުވީ ސަރުކާރުގެ އެކި މުއައްސަސާތައް ގުޅިގެން އިންތިޒާމުކޮށްފައިވާ މި ހަރަކާތަކީ ރައްޔިތުންނަށް ވަރަށް ބޮޑަށް އުފާވެރިކަން ގެނެސްދިން ހަރަކާތެއް ކަމަށެވެ. އަދި މި ހަރަކާތުގައި އެމްއެންޑީއެފުންވެސް ގިނަ ސްޓޯލްތަކެއް ބަހައްޓާފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ވިދާޅުވީ އެމްއެންޑީއެފްގެ ސްޓޯލްތަކުން ތުއްތު ކުދިންނަށް ދޭން ބޭނުންވާ މެސެޖަކީ މި ޤައުމު މިނިވަންކަންމަތީ ބާއްވައި، ސިޔާދަތު ދެމެހެއްޓުމަށް މަސައްކަތްކުރުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއްކަން ކަމަށެވެ.
"ކުދިންނަށް ދޭ މެސެޖަކީ މިއީ މުސްތަޤިއްލު މިނިވަން ޤައުމެއްކަން. މިނިވަންކަމާއި މުސްތަޤިއްލު ހިމާޔަތްކުރުމަކީ ދިވެހި ކޮންމެ ދަރިއެއްގެ ޒިންމާއެއްކަން. މިކަން ތުއްތު ކުދިންނަށް ވިސްނައިދިނުން މަޤުޞަދަކީ." ވަޒީރު ވިދާޅުވިއެވެ.
ޢީދު ހަވީރު ހަރަކާތުގެ ތެރެއިން ވާހަކަފުޅުދައްކަވަމުން ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ޢަލީ އިޙްސާން ވިދާޅުވީ "ޢީދު ހަވީރު" ހަރަކާތުގެ މަޤުޞަދަކީ ރައްޔިތުންނަށް އުފާވެރި ވަގުތުކޮޅެއް ޢާއިލާއާއެކީ ހޭދަކޮށްލުމުގެ ފުރުޞަތު ފަހިކޮށްދިނުން ކަމަށެވެ.
"ވަރަށް އުފާވެރި ވަގުތުކޮޅެއް ހޭދަކޮށްލުން ހަރަކާތުގެ މަޤުޞަދަކީ. އަޅުގަނޑުމެންނަށް ފާހަގަކުރެވުނު ޖާގަ ކުޑަކަން މިފަހަރު. ކުރިއަށް އޮތް ތަނުގައި ޖާގަ ފަހިކޮށް އޯގަނައިޒްކުރެވޭތޯ މަސައްކަތްކުރާނަން." ވަޒީރު ވިދާޅުވިއެވެ.
President Dr @MMuizzu, accompanied by the First Family, attends the “Eid Haveeru 1446” celebrations organised by the @MNDF_Official. pic.twitter.com/TnKsQ8GPQP
— The President's Office (@presidencymv) March 30, 2025
ޢީދު ހަވީރު ހަރަކާތުގެ ތެރެއިން ވާހަކަފުޅުދައްކަވަމުން ފަތުރުވެރިކަމާއި ތިމާވެށްޓާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވީ ޢީދު ފާހަގަކުރުމުގެ ގޮތުން މިފަދަ ހަރަކާތްތައް ބޭއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އަދި މިފަދަ ހަރަކާތެއް އިންތިޒާމުކުރެއްވީތީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަޒީރު ޝުކުރުއަދާކުރެއްވިއެވެ.
"ކުޑަކުދިންނާއެކު ޢާއިލީ ހަވީރެއް ބޭއްވުމަކީ ޙަޤީޤަތުގައި ވަރަށް މުހިންމު ކަމެއް. މިފަދަ ހަރަކާތެއް ބޭއްވުމަށް ރައީސް ނިންމެވުމަކީ ވަރަށް މުހިންމު ކަމެއް." ވަޒީރު ވިދާޅުވިއެވެ.
ޢީދު ހަވީރު ކުރިއަށްދިޔައީ މިއަދު ހަވީރު 16:00 އިން އިރުއޮއްސި 18:00 އާ ހަމައަށެވެ. މި ހަވީރުގައި ގިނަ ޢަދަދެއްގެ ކުޑަކުދިން ހިމެނޭހެން އެތައް ހާސް ރައްޔިތުންނެއް ބައިވެރިވިއެވެ.