ޚަބަރު

ރެޑް ކްރޮސްގެ ނުވަ މުވައްޒަފުން ޣައްޒާއިން ގެއްލިގެން ހޯދަނީ


ފަލަސްޠީނުގެ ޣައްޒާގެ މުުސްލިމުންނަށް ޞިއްޙީ ފަރުވާގެ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުން ދިޔަ ރެޑް ކްރޮސްގެ ނުވަ މުވައްޒަފުން ގެއްލިފައިވާ ކަމަށް ބުނެ، އެ ޖަމުޢިއްޔާއިން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާ، ރެޑް ކްރޮސުން ބުނީ، ގެއްލިފައިވާ މުވައްޒަފުންނަކީ އެމްބިޔުލާންސްގެ ޚިދުމަތް ފޯރުދިނުމަށް މަސައްކަތް ކުރަމުން ދިޔަ ޞިއްޙީ ޚިދުމަތްތެރިން ކަމުގައެވެ.

އެ މީހުން ގެއްލިގެން ހޯދަމުންދާތާ ހަތް ދުވަސް ފާއިތުވެއްޖެ ކަން ވެސް އެ ޖަމާޢަތުން ހާމަކުރިއެވެ. އެ މީހުން ގެއްލިފައި މި ވަނީ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތައް ފުޅާ ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އަރާއިރު، އިތުރު 111,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތި ކޮށް ބިމާ ހަމަކޮށްލާފައެވެ.

ޙަމާސާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 900އަށްވުރެ މައްޗަށް އުފުލިފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.

ރެޑް ކްރޮސުން ބުނީ، އެ ޖަމާޢަތުގެ ނުވަ މުވައްޒަފުން ގެއްލިފައި ވަނީ މާރިޗު 23ވަނަ ދުވަހު، ޣައްޒާގެ އެންމެ ދެކުނުގައި އޮތް ރަފަޙްގައި ހަރަކާތްތެރިވަމުން ދަނިކޮށް ކަމުގައެވެ. އެ ވަގުތު އެ މީހުން ހަރަކާތްތެރިވެފައި ވަނީ، ޔަހޫދީ ފައުޖުގެ ޙަމަލާތައް އަމާޒު ކުރަމުން ދިޔަ މީހުންނަށް ޞިއްޙީ ފަރުވާ ފޯރުކޮށްދިނުމަށެވެ. އެ މީހުން ގެއްލުމުގެ ކުރިން، ޔަހޫދީ ފައުޖުން އެ މީހުންނަށް އަމާޒުކޮށް ނިރުބަވެރި ޙަމަލާތަކެއް ދެމުންދާ ކަމުގެ މަޢުލޫމާތު ލިބުނު ކަން ވެސް ރެޑް ކްރޮސުން ހާމަކުރިއެވެ. އެ މީހުން އަނބުރާ އެ މީހުންގެ ޢާއިލާތަކާ ޙަވާލު ކޮށްދިނުމަށް ވެސް އެ ޖަމުޢިއްޔާއިން ވަނީ ގޮވައިލާފައެވެ.

އދން ބުނީ، ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކުގެ ތެރެއިން ޝަހީދު ކޮށްލާފައިވާ މީހުންގެ ތެރޭގައި ޞިއްޙީ ޚިދުމަތްތެރިންގެ 1,060އަށްވުރެ ގިނަ މީހުން ހިމެނޭ ކަން ކަށަވަރު ކުރެވިފައިވާ ކަމުގައެވެ. އެެއީ ވެސް، ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން ގަސްދުގައި ދީފައިވާ ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ ބަޔެކެވެ. ޣައްޒާގެ ޢާންމު ރައްޔިތުންނާއި އިންސާނިއްޔަތަށް ޓަކައި މަސައްކަތް ކުރާ ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުގެ މުވައްޒަފުންނަށް އަމާޒުކޮށް ރަޙުމު ކުޑަ ޙަމަލާތައް އަމާޒު ކުރަމުން ދަނީ ޔަހޫދީންގެ އެންމެ ބޮޑު މަދަދުގާރު، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ ރުހުމާއި ވާތްގާ އެކުގައެވެ. ޓްރަމްޕް ފޮނުއްވަމުން ގެންދަވާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރުތައް ބޭނުން ކޮށްގެންނެވެ.