ފަލަސްޠީނުގެ ޣައްޒާއިން ތާޒާ ކާބޯތަކެތި ހުސްވެ، ދަޅުގައި ބަންދުކޮށްފައި ހުރި ކާބޯތަކެއްޗަށް ބަރޯސާ ވާން ޖެހިފައިވާ ކަން ހާމަކޮށް، އެ ސަހަރުގެ ރައްޔިތުން ހައިހޫނުގައި ޖެހުމަށް ހުށަހެޅިފައިވާ ކަމުގެ އިންޒާރު އެކުވެރި ދައުލަތްތައް (އދ)ން ކޮށްފިއެވެ. ޣައްޒާއިން ތާޒާ ތަރުކާރިއާއި މޭވާގެ އިތުރުން އެއްގަމު މަހުގެ ބާވަތްތައް ހުސްވެފައި މި ވަނީ، އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުމަށް ޔަހޫދީ ފައުޖުން ހުރަސް އަޅަމުން ދިޔުމުގެ ސަބަބުންނެވެ.
ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ހިންގަމުންދާ ޤަތުލުޢާންމުގެ ދަށުން ޔަހޫދީ ފައުޖުން ދަނީ ބައިނަލްއަޤުވާމީ ޤާނޫތަކާ ޚިލާފަށް ކާބޯތަކެއްޗަކީ ހަތިޔާރަކަށް ހަދައި، ގަސްދުގައި ޣައްޒާގެ ރައްޔިތުން ހައިހޫނުގައި ޖެއްސުމަށް ލާއިންސާނީ ޖަރީމާއެއް ހިންގަމުންނެވެ.
ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ޤަތުލުޢާންމެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އަރާއިރު، އިތުރު 111,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތި ކޮށް ބިމާ ހަމަކޮށްލާފައެވެ.
ޙަމާސާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 900އަށްވުރެ މައްޗަށް އުފުލިފައިވާ ކަމުގައި ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ. އަދި، 1,980ށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ.
އދގެ އިންސާނީ އެހީގެ ކަންކަން ވިލަރެސް ކުރާ އިދާރާ (އޯސީއެޗްއޭ)ގެ ވެރިޔާ ޓޮމް ފްލެޗަރ ވިދާޅުވީ ޣައްޒާގެ ރައްޔިތުން މި ވަގުތު ބަނޑުފުރާނަ މުއްތިކުރުމަށް ބަރޯސާވަމުން ދަނީ ދަޅުގައި ބަންދު ކޮށްފައިވާ ކާބޯތަކެއްޗަަށް ކަމުގައެވެ. އޭނާ މި ކަން ހާމަ ކުރައްވާފައި ވަނީ، ޣައްޒާގެ ރައްޔިތުންނަށް ޔަހޫދީ ފައުޖުން ޖައްސަމުންދާ ލާއިންސާނީ ހާލަތުގެ އެންމެ ފަހުގެ މަޢުލޫމާތު އދގެ ސަލާމަތީ މަޖިލީހާ ހިއްސާ ކުރައްވަމުންނެވެ. ދަޅުގައި ބަންދު ކޮށްފައި ހުރި ކާބޯތަކެތި ހުސްވަމުންދާ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، މީގެ 10 ދުވަސް ކުރިން ޔަހޫދީ ފައުޖުން ޣައްޒާގެ ސަރަޙައްދީ ރޮނގުތައް ބަންދު ކުރުމާ އެކު، އެ ސަހަރަށް ކާބޯތަކެތި އެތެރެ ކުރުން ހުއްޓުމަކަށް އައިސްފައިވާ ކަމުގައެވެ. އަދި، އެ ސަހަރަށް ގެންދިޔުމަށް މަސައްކަތް ކުރަމުން ދިޔަ ގިނަ އަދަދެއްގެ ތާޒާ ކާބޯތަކެތި، ސަރަޙައްދީ ރޮނގު ކައިރީގައި ތާށިވެ، ހަލާކުވެ، ކުނިވަމުންދާ ކަމުގައެވެ. މީގެ އިތުރުން، ޣައްޒާގެ ބަލިމީހުންނާއި ޢުދުވާނުގައި ޒަޚަމު ކޮށްލާފައިވާ މީހުންނަށް ޞިއްޙީ ފަރުވާ ދިނުމަށް އެތެރެ ކުރުމަށް މަސައްކަތް ކުރަމުންދާ ބޭހުގެ ބައެއް ބާވަތްތަކުގެ މުއްދަތު ހަމަވެފައިވާ ކަމުގައި ވެސް އޭނާ ހާމަކުރެއްވިއެވެ.
"ކުށެއް ނެތް ޢާންމުންނަށް ޙަމަލާ ދިނުމާއި، ފުރާނަ ސަލާމަތް ކުރުމަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ހުރަސް އެޅުމާއި، ޢާންމުން ބޭނުން ކުރާ އުމްރާނީ ވަސީލަތްތަކަށް ގަސްދުގައި ޙަމަލާ ދިނުމަކީ އިންސާނިއްޔަތާ ބެހޭ ބައިނަލްއަޤުވާމީ ޤާނޫނާ ޚިލާފު ޖަރީމާއެއް. އިންސާނިއްޔަތާ ބެހޭ ޤާނޫނުގެ އެއްވެސް އަގެއް ހުރި ނަމަ، އެ ޤާނޫނު ތަންފީޒު ކުރަން ބައިނަލްއަޤުވާމީ މުޖުތަމަޢުން ވަގުތުންވަގުތަށް ފިޔަވަޅު އަޅަންޖެހޭ،" ފްލެޗަރ ވިދާޅުވިއެވެ.
ޔަހޫދީންގެ ލާއިންސާނީ ޖަރީމާތައް ކުށްވެރިކޮށް ފްލެޗަރ ވާހަކަފުޅު ދައްކަވާފައިވާއިރު، އދގެ އިދާރާއެއް ކަމުގައިވާ ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޕުރޮގުރާމު (ޑަބްލިޔުއެފްޕީ)ން ބުނީ، ޣައްޒާގައި މި ވަގުތު ދެ ހަފުތާއަށް ބޭނުންވާ މިންވަރަށް ވެސް ކާބޯތަކެތި ނެތް ކަމުގައެވެ. މި ގޮތުން، ޣައްޒާގައި މި ވަގުތު ހުރީ އެންމެ 5,700 ޓަނުގެ ކާބޯތަކެތި ކަން ހާމަކޮށް، އެ އިދާރާއިން ވަނީ ޣައްޒާއިން އިތުރު ބަޔަކު ހައިހޫނުގައި ޖެހިދާނެ ކަމުގެ އިންޒާރު ކޮށްފައެވެ.
ޔަހޫދީންގެ ލާއިންސާނީ ޢުދުވާނާ އެކު ޣައްޒާއިން ކާބޯތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވާ ކަން ވެސް ޑަބްލިޔުއެފްޕީން ހާމަކުރިއެވެ. މި ގޮތުން، 25 ކިލޯގެ ގޮދަންފުށް ބަސްތާއެއްގެ އަގު %400އަށް އުފުލި، އޭގެ އަގު 50 އެމެރިކާ ޑޮލަރަށް އުފުލިފައިވާ ކަން އެ އިދާރާއިން ހާމަކުރިއެވެ. ކާބޯތަކެތީގެ އެހެން ބާވަތްތަކުގެ އަގުތައް ވެސް ޢާންމު ގޮތެއްގައި ތިންގުނަ ބޮޑުވެފައިވާ ކަމުގައި މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުންޏެވެ.