ފިތުރު އީދު ފާހަގަކުރަން މިރޭ ހުޅުމާލޭ ސެންޓްރަލް ޕާކުގައި ޑްރޯން ޝޯއަކާއި ހަވާ އެރުވުން އޮންނާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވެއްޖެއެވެ.
އެޗްޑީސީއިން ވިދާޅުވީ، މިރޭ 8:30ގައި ބައިގަޑިއިރަށް ޑްރޯން ޝޯއެއް ކުރިއަށް ގެންދާނެ ކަމަށާއި އެއަށްފަހު 9:00ގައި ހަވާ އަރުވާނެ ކަމަށެވެ.
މީގެ އިތުރުން އެޗްޑީސީން ވިދާޅުވީ މަންފާ ޖަމްއިއްޔާއާ ގުޅިގެން ސެންޓްރަލް ޕާކުގައިޚާއްސަ ކުޑަކުދިންގެ ހަވީރެއް މިއަދު 16:00 އިން 18:00އަށް ކުރިއަށްގެންދިއުމަށް ވަނީ ނިންމަވާފައެވެ.
ހުޅުމާލޭގެ އިތުރުން މާލޭގަ ވެސް ޢީދު ފާހަގަ ކުރުމަށް "ޢީދު އުފާ 1446" ނަމުގައި ތަފާތު ހަރަކާތްތައް ބޭއްވުމަށް ވަނީ ނިންމާފައެވެ.
ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތައް ގުޅިގެން ބާއްވާ "ޢީދު އުފާ 1446"ބޮޑު ހަރަކާތް މިއަދު ހަވީރު މާލޭގެ 3 ސަރަޙައްދެއްގައި ކުރިއަށްދާނެއެވެ.
ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ހަރަކާތް ކުރިއަށް ގެންދަނީ ސަރުކާރުގެ އެކި ކުންފުނިތަކާއި ކުޅިވަރާއި ބެހޭ ވުޒާރާއާއި، ޤައުމީ ދިފާޢީ ބާރާއި، ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެންނެވެ. މިހަރަކާތްތައް އޮންނާނީ ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ ކުރިމަތީގައި އާއި ޖުމްހޫރީ މައިދާން ސަރަޙައްދުގައެވެ.
ޢީދު ދުވަހުގެ ހަވީރު ކުންފުނިތަކުން ބާއްވާ ޙަރަކާތްތަކުގެ ތެރޭގައި ރާއްޖޭގެ އިހުގެ ޘަޤާފަތް ދައްކާލުމާއި، އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ދައްކާލުންވެސް ކުރިއަށްދާނެއެވެ. މީގެ އިތުރުން ޒަމާނީ ކެރެކްޓަރސްތައް ފިއުޝަންގޮތަށް ދައްކާލުންވެސް އޮންނާނެއެވެ.
މިޙަރަކާތްތަކުގައި ބައިވެރިވާ ކުންފުނިތަކުގެ ތެރޭގައި އެމްއޭސީއެލް، ވެމްކޯ، އެމްޑަބްލިއުއެސްސީ، އެސްޓީއޯ، އެޗްޑީސީ، އެމްޓީސީސީ، ސްޓެލްކޯ، އެމްޕީއެލް ހިމެނެއެވެ. ކުންފުނިތަކުގެ ހަރަކާތްތައްވެސް އިންތިޒާމްކޮށްފައިވަނީ އެހަރަކާތްތަކުގައި ކުޑަކުދިންނާއި އާންމުންނަށް ބައިވެރިވެ ހަދިޔާތައް ލިބޭގޮތަށް ކަމަށް އެކުންފުނިތަކުންވަނީ ހާމަކުރައްވާފައެވެ.