ޚަބަރު

ކުންފުނިތަކުން ގުޅިގެން ޢީދު ފާހަގަކުރުމަށް ބާއްވާ ބޮޑު ހަރަކާތް މިއަދު ހަވީރު


  • މާލޭގެ 3 ސަރަޙައްދެއްގައި ހަރަކާތް ބާއްވާނެ

  • މިހަރަކާތްތައް އޮންނާނީ މިއަދު ހަވީރު 4 އިން 6 އަކަށް

މިއަހަރުގެ ފިޠުރު ޢީދު ފާހަގަކުރުމަށް ސަރުކާރުގެ ކުންފުނިތަކާއި މުއައްސަސާތައް ގުޅިގެން ބާއްވާ ބޮޑު ހަރަކާތް މިއަދު ހަވީރު ބޭއްވުމަށް ތައްޔާރުވެއްޖެއެވެ. މި ހަރަކާތް މާލޭގެ 3 ސަރަހައްދެއްގެ އިތުރުން ރާއްޖޭގެ އެކިކަންކޮޅުތަކުގައި ކުރިއަށްދާނެއެވެ.

ޢީދު ކުލަގަދަކޮށް ފާހަގަކުރުމުގެ ހަރަކާތް ކުރިއަށް ގެންދަނީ ދިފާޢީ ވުޒާރާއިން ސަރުކާރުގެ އެކި ކުންފުނިތަކާއި ކުޅިވަރާއި ބެހޭ ވުޒާރާއާއި، ޤައުމީ ދިފާޢީ ބާރާއި، ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެންނެވެ. މިހަރަކާތްތައް އޮންނާނީ މިއަދު ހަވީރު 4 އިން 6 އަކަށެވެ.

މާލޭގެ 3 ސަރަޙައްދެއްގައި ބާއްވާ މިހަރަކާތްތައް އޮންނާނީ ސަލްޓަން ޕާކާއި، ޝަހީދުންގެ ބިނާ ކުރިމަތީގައި އާއި ޖުމްހޫރީ މައިދާން ސަރަޙައްދުގައެވެ.

މިއަދު ހަވީރު ކުންފުނިތަކުން ބާއްވާ ޙަރަކާތްތަކުގެ ތެރޭގައި ރާއްޖޭގެ އިހުގެ ސަގާފަތް ދައްކާލުމާއި، އިހުގައި ދިވެހީން ކުޅެއުޅުނު ކުޅިވަރުތައް ދައްކާލުންވެސް ކުރިއަށްދާނެއެވެ. އަދި ޒަމާނީ ކެރެކްޓަރތައް ފިއުޝަންގޮތަށް ދައްކާލުންވެސް އޮންނާނެއެވެ.

އެމްއެންޑީއެފާއި ފުލުހުން ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރޭގައި ފުލުހުންގެ އުޅަނދުތައްކަށް އެރުމާއި އުޅަނދުތަކުގައި ފޮޓޯ ނެގުމުގެ އިތުރުން ކުދިކުދި އުޅަނދުތައް ދުއްވާލުމުގެ ފުރުސަތު އޮންނާނެކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އެމްއެންޑީއެފުން ބާއްވާ ހަރަކާތްތައް އަމާޒުކޮށްފައިވަނީ ތުއްތުކުދިންނަށެވެ.

މީގެއިތުރުން އެމްއެންޑީއެފްގެ ބަރު ހަރިޔާރުތައް ދައްކާލުމާއި، ޑްރިލްތަކުގައި ކުރިއަށްދާ ބައެއް ހަރަކާތްތަކުގައި ބައިވެރިވުމުގެ ފުރުސަތުވެސް އޮންނާނެއެވެ. ހަމައެއާއެކު ބޭންޑުގެ ހަރަކާތްތަކާއި ސައިލެންޓް ޑްރިލްއެއްވެސް ކުރިއަށްގެންދިޔުމަށްވަނީ ހަމަޖެހިފައެވެ.

ކުޅިވަރާއި ބެހޭ ވުޒާރާއިން ބާއްވާ ހަރަކާތްތަކުގެ ތެރޭގައި ގޭމިންގ ސްޓޯލްތަކާއި ފިއުޝަން ޝޯވއެއް ދައްކާލުމަށްވެސްވަނީ ހަމަޖެހިފައެވެ. އަދި ޖުމްހޫރީ މައިދާނުގައި ފެނުގެ އެކި ކުޅިވަރުތައް ކުރިއަށްދާނެކަމަށްވެސް އެމްއެންޑީއެފުން ވިދާޅުވެއެވެ.

ފިޠުރު ޢީދު ދުވަހު އެޗްޑީސީން ހުޅުމާލޭގައި ކުރިއަށްގެންދާ ހަރަކާތްތަކުގެ ތެރޭގައި ކުޑަކުދިންގެ ހަވީރެއްގެ އިތުރުން ހަވާ އެރުވުމާއި ޑްރޯން ޝޯއެއްވެސް ބޭއްވުމަށްވަނީ ހަމަޖެހިފައެވެ.

މިޙަރަކާތްތަކުގައި ބައިވެރިވާ ކުންފުނިތަކުގެ ތެރޭގައި އެމްއޭސީއެލް، ވެމްކޯ، އެމްޑަބްލިއުއެސްސީ، އެސްޓީއޯ، އެޗްޑީސީ، އެމްޓީސީސީ، ސްޓެލްކޯ، އެމްޕީއެލް ހިމެނެއެވެ.