ޚަބަރު

ޢީދު ފާހަގަކުރުމުގައި ގުޅުންތައް ވަރުގަދަކޮށް ދަމަހައްޓަމާ!


  • ޢީދު ފާހަގަކުރުމަށް ރާއްޖޭގެ 64 ރަށެއް ވަނީ ދިއްލާލާފައި

  • ފިޠުރު ޢީދު މާލެއާއި އަތޮޅުތަކުގައި މިއަހަރު ކުލަގަދަކޮށް ފާހަގަކުރާނެ

ފިޠުރު ޢީދަކީ ރަމަޟާން މަހުގެ ރޯދައިގެ އަޅުކަން އަދާކޮށް އެ މަސް ނިމުމާއެކު މުސްލިމުން ފާހަގަކުރާ އުފާވެރިކަމުގެ މުނާސަބަތެކެވެ. މިއަދަކީ 1446 ވަނަ އަހަރުގެ ބަރަކާތްތެރި ފިޠުރު ޢީދު ދުވަހެވެ.

ޢީދު ފާހަގަކުރާއިރު ރަމަޟާން މަސް ނިމުނުނަމަވެސް އަޅުކަން ކުރުން މަތީ ދެމިތިބުމަށް ސަމާލުކަން ދޭންޖެހެއެވެ. އަދި ރޯދަމަހު ލިބިގަތް ފިލާވަޅުތަކުން އިތުރުވި އިމާންކަން ދެމެހެއްޓުމަށް މަަސައްކަތް ކުރުމަށާއި ޝައްވާލު މަހުގެ 6 ރޯދައަށް ސަމާލުކަންދިނުން މުހިންމެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅޭ މުސްލިމުން ފިޠުރު ޢީދު ފާހަގަކުރަނީ އެކި ގޮތަށެވެ. އެހެންނަމަވެސް ޢީދުން ކޮންމެ މުސްލިމު މުޖުތަމަޢަކަށް ވެސް ގެނެސްދެނީ އެއް ކަމެކެވެ. އެއީ އެއްބައިވަންތަކަމާއި އެކުވެރިކަމެވެ.

ޢީދު ދުވަސް މުސްލިމުން ފަށަނީ ޢީދު ނަމާދުންނެވެ. މިއީ ބޮޑު ޖަމާޢަތުގައި ކުރެވޭ ނަމާދެވެ. ޢީދު ނަމާދު ނިންމުމުން އެކަކު އަނެކަކާ ސަލާންގަލާންކުރާ ކުރުމުން މުސްލިމުންގެ އެކުވެރިކަމާއި އުޚުއްވަތްތެރިކަން ދައްކުވައިދެއެވެ. ޢީދު ނަމާދަށްފަހު ޢީދު ސައެއް އޮވެއެވެ. ޢީދު ސައިންވެސް އެކަކު އަނެކަކާ ބައްދަލުވެ އަނެއްކާވެސް އުފައްދައިދެނީ އެއްބައިވަންތަކަމުގެ ރޫޙެވެ.

ޢީދަކީ އުފާވެރިކަމާއި ހިނިތުންވުމުގެ މުނާސަބަތެކެވެ. ދުނިޔޭގެ ކޮންމެ ޤައުމެއްގައި އުޅޭ މުސްލިމުން ކުލަގަދަކޮށް ފާހަގަކުރާ އިސްލާމީވަންތަ މުނާސަބަތެކެވެ. ހަމައެހެންމެ ޢީދަކީ އަރުހުށި މާތް ﷲ އަށް ތަކުބީރު ކިޔުމާއި ތަހުލީލު ކިޔުމުގެ ދުވަހެއްވެސް މެއެވެ.

ޢީދާ ދިމާކޮށް ކެއްކުންތައް ކައްކާ ރައްޓެހިންނަށާއި ގާތްތިމާގެ މީހުންނަށް ކެއުމުގެ ދަޢުވަތުދިނުމަކީ ދިވެހިންގެ ޢީދު ފާހަގަކުރުމުގެ ސަގާފަތުގައި އޮންނަ ކަމެކެވެ. މިއީ އާއިލީ ލޯތްބާއި ގާތްތިމާގެ ގުޅުންވެސް އިތުރަށް ބަދަހިކޮށްދޭ ކަމެކެވެ. މީގެ އިތުރުން ޢީދު ފާހަގަކުރުމަށް މުނިފޫހިފިލުވުމުގެ އެކި ހަރަކާތްތަކާއި ކުޅިވަރުގެ އެކި ހަރަކާތްތައްވެސް ކުރިއަށްގެންދެއެވެ.

އެހެންނަމަވެސް މިފަދަ ހަރަކާތްތައް ކުރިއަށްގެންދާއިރުވެސް އިސްލާމްދީނުގައި އޮންނަ އުޞޫލުން އެކަން ކުރަންޖެހެއެވެ.

މިއަހަރުގެ ފިޠުރު ޢީދު ދުވަސް އަޅުގަނޑުމެންނާ ބައްދަލުކޮށްފައިވާއިރު، މިފަހަރުގެ ފިޠުރު ޢީދު މިދިޔަ އަހަރެކޭ އެގޮތަށް ކުލަގަދަކޮށް ފާހަގަކުރުމަށް ވަނީ ހަމަޖެހިފައެވެ.

އެގޮތުން ޢީދު އަލި ހަރަކާތުގެ ތެރެއިން 64 ރަށެއްގައި ގިޑިގެތައް ދިއްލާ އިސްލާމީ ޝިޢާރުތައް ރަމްޒުކޮށްދޭ ކުލަ ބޮކިތަކުން މުޅި ރާއްޖެ ވަނީ ޖަރީކޮށްފައެވެ. މިއީ ރާއްޖޭގެ އަބާދީގެ %80 އެވެ. ހަމަމިއާއެކު އެކި އިދާރާތްތައް ގުޅިގެން އެކި ހަރަކާތްތައްވެސް ކުރިއަށްގެންދަން ވަނީ ނިންމާފައެވެ.

ޢީދާއެކު އަޅުގަނޑުމެން ވިސްނަންވީ ކަމަކީ ދޭދޭ ފަރުދުންގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުމަށެވެ. މުޖުތަމަޢުން ރުޅިވެރިކަމާއި ބައިބައިވުން ނައްތާލާ، މުޖުތަމަޢުގައި އެކުވެރިކަން ހަރުލެއްވުމަށެވެ. އަޅުގަނޑުމެންގެ މާތްވެގެންވާ އިސްލާމްދީންވެސް އެންމެ ބޮޑަށް ބާރު އަޅާ ކަންކަމަކީ އެއީއެވެ.