މޯލްޑިވްސް ސޮކަރ މޭޓްސްއިން އިންތިޒާމުކޮށްގެން ކުރިއަށްގެންދިޔަ ރަމަޟާން 7ވީ7 ލީގު 2025 ގެ ވެޓެރަންސް ކެޓެގަރީގެ ޗެމްޕިއަންކަން އެމްއެސް މޭޓްސް އަދި މާސްޓަރސް ކެޓެގަރީގެ ޗެމްޕިއަންކަން ސޮކަރ ވެޓެރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން ހޯދައިފިއެވެ.
ހެންވޭރު ދަނޑުގައި ކުރިއަށްދިޔަ މި މުބާރާތުގައި ދެ ޑިވިޝަނެއް ހިމެނުނެވެ. އެގޮތުން 40 އަހަރުން މަތީގެ ވެޓެރަންސް ކެޓެގަރީގައި 9 ޓީމެއް އަދި 50 އަހަރުން މަތީގެ މާސްޓަރސް ކެޓެގަރީގައި 8 ޓީމެއް ވަނީ ވާދަކޮށްފައެވެ.
މި މުބާރާތުގެ ފައިނަލް މެޗުތައް މިއަދު ކުޅުނުއިރު، ފުރަތަމަ ފައިނަލުގައި ވާދަކުރީ ވެޓެރަންސް ކެޓެގަރީން އެމްއެސް މޭޓްސް އާއި މުއިވެޔޮ ފްރެންޑްސް ކުލަބެވެ. މި މެޗު އެމްސް މޭޓްސްއިން ކާމިޔާބުކުރީ 3-0 ލަނޑުންނެވެ. މި މެޗުގެ ފުރަތަމަ ލަނޑާއި ފަހު ލަނޑު އެމްއެސް މޭޓްސްއަށް ކާމިޔާބުކޮށްދިނީ އަބްދުﷲ ހަނީފެވެ. އަދި އެ ޓީމުން ޖެހި އަނެއް ލަނޑު ކާމިޔާބުކޮށްދިނީ ހަސަން ސުޖާއުއެވެ.
މި މުބާރާތުގެ މާސްޓަރސް ކެޓެގަރީގެ ފައިނަލް މެޗު ސޮކަރ ވެޓެރަންސްއިން ކާމިޔާބުކުރީ އެމްއެސް މޭޓްސްއާ ވާދަކޮށް 1-0 ގެ ނަތީޖާއަކުންނެވެ. ފޯރގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗުގައި އެމްއެސް މޭޓްސްގެ ގޯލު ބެލެހެއްޓި އަސްލަމް އަބްދުރަހީމް ވަނީ މޮޅު ކުޅުމެއްދައްކާފައެވެ.
މުބާރާތުގެ ދެ ކެޓެގަރީއަށް ދިޔަ ޗެމްޕިއަން ޓީމަށް މެޑެލް އާއި ޓްރޮފީ ހަވާލުކޮށްދެއްވީ ފައިނަލް މެޗުގެ ޝަރަފުވެރި މެހުމާން ކުޅިވަރާ ބެހޭ ވަޒީރު ޢަބްދުﷲ ރާފިޢުއެވެ. މުބާރާތުގެ ދެ ކެޓެގަރީން އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ އަސްމާޢީލް އީސާ އާއި އަލީ ޝަމީމެވެ.
ދެ ކެޓެގަރީއަކަށް ބަހާލައިގެން ކުރިއަށްދިޔަ މި މުބާރާތް ޚާއްސަކޮށްފަވަނީ ރާއްޖޭގެ ފުޓްބޯޅަ ލެޖެންޑް އަލްމަރްހޫމް މުޙައްމަދު އާރިފް (ބަކާ) އަށެވެ.