މި އަހަރުގެ ފިޠުރު ޢީދު ދުވަހަކީ މާރިޗު މަހުގެ 30ވަނަ ދުވަސް ކަމަށް ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވަނީ އިޢުލާނު ކޮށްފައެވެ. ދިވެހިރާއްޖެއަށް ޝައްވާލް މަހުގެ ހަނދު ނުފެނުނުކަމުގައި ވިޔަސް ސަޢުދީ ޢަރަބިއްޔާއަށް ހަނދު ފެނިފައިވާތީ ޢާންމު ކޮށް ޢަމަލު ކުރާ އުސޫލާ އެއްގޮތަށް ދިވެހިރާއްޖޭގައި ޝައްވާލް މަހުގެ 1ވަނަ ދުވަހުގެ ގޮތުގައި ކަނޑައަޅާފައި ވަނީ އާދީއްތަ ދުވަހެވެ. ޢަރަބި ޤައުމުތަކުގެ ތެރެއިން ސަޢުދީ ޢަރަބިއްޔާގެ އިތުރުން އެކުވެރި ޢަރަބި އިމާރާތާއި ޤަޠަރުން ވެސް ވަނީ އާދިއްތަ ދުވަހަކީ ޝައްވާލް މަހުގެ ފުރަތަމަ ދުވަސް ކަމަށް ކަނޑައަޅައިފައެވެ.
ނަމަވެސް ދިވެހިރާއްޖޭގެ އަވަށްޓެރި ޤައުމުތަކުން ޢީދު ފާހަގަ ކުރާނީ ހޯމަ ދުވަހުއެވެ. އޭގެ ތެރޭގައި އިންޑިޔާއާއި ޕާކިސްތާނާއި ބަންގްލަދޭޝް ވެސް ހިމެނެއެވެ. އޭގެ އިތުރުން އިންޑޮނޭޝިޔާއާއި މެލޭޝިޔާގައި ވެސް ޢީދު ފާހަގަ ކުރާނީ ހޯމަ ދުވަހުއެވެ. ނަމަވެސް ދިވެހިރާއްޖެއާ ޚިލާފަށް މުސްލިމުންގެ އާބާދީ ބޮޑު މި ޤައުމުތަކުގައި ރަމަޟާން މަސް ފަށާފައި ވަނީ މާރިޗު މަހުގެ 2ވަނަ ދުވަހުއެވެ. އެހެންކަމުން މާރިޗު މަހުގެ 30ވަނަ ދުވަހު އެ ޤައުމުތަކުގައި ހިފާނީ ރަމަޟާން މަހުގެ 29ވަނަ ރޯދައެވެ.
މެދުއިރުމަތީގެ ޤައުމުތަކުގެ ތެރެއިން އީރާނާއި ޢުމާނުން ވެސް ޢީދު ފާހަގަ ކުރާނީ އޭޕްރިލް މަހުގެ 1ވަނަ ދުވަހުއެވެ.