ދެކުނުއިރުމަތީ އޭޝިޔާގެ ބައެއް ސަރަޙައްދުތަކަށް މާރިޗު 28ވަނަ ދުވަހު އައި ނުރައްކާތެރި ބިންހެލުމުގައި މިޔަންމާއިން މަރުވި މީހުންގެ އަދަދު 1,000އަށްވުރެ މައްޗަށް އުފުލިއްޖެއެވެ. ރިކްޓަރ މިންގަނޑުން 7.7ގައި ރެކޯޑު ކުރެވިފައިވާ ބިންހެލުމުގައި މިޔަންމާގެ އިތުރުން ތައިލެންޑަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބުނެވެ. ބިންހެލުމުގެ ލޮޅުންތަކާ އެކު މިޔަންމާއިން ވެއްޓުނު އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ ކަމަށް ބެލެވޭ ގިނަ އަދަދެއްގެ ބަޔަކު ހޯދުމަށް އެ ޤައުމުގެ އިދާރާތަކުން މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ.
ބިންހެލުމާ ގުޅިގެން މިޔަންމާގެ އަސްކަރީ ސަރުކާރުން ބޭރުގެ އެހީތެރިކަަމަށް އެދުމާ އެކު، ބޭރު ޤައުމުތަކުގެ ޓީމުތަކުން ވަނީ އިމާރާތްތަކުގެ ދަށުގައި ތާށިވެފައިވާ މީހުން ހޯދައި ސަލާމަތް ކުރުމުގެ މަސައްކަތުގައި ބައިވެރިވާން އެ ޤައުމަށް ދަތުރު ފަށައިފައެވެ. މިޔަންމާގެ އަސްކަރީ ސަރުކާރުން ފުރަތަމަ ބުނެފައި ވަނީ ބިންހެލުމާ ގުޅިގެން މަރުވެފައި ވަނީ 144 މީހުން ކަމުގައެވެ. ނަމަވެސް، ސަރުކާރުން މިހާރު ބުނީ 1,002 މީހުން މަރުވެފައިވާ ކަން ކަށަވަރު ކުރެވިފައިވާ ކަމުގައެވެ.
ބިމުގެ ސަތަހައަށް އަންނަ ލޮޅުންތައް ދިރާސާ ކުރާ ޔޫއެސް ޖިޔޮލޮޖިކަލް ސަރވޭ (ޔޫއެސްޖީއެސު)ން ބުނީ ބިންހެލުމަށް ފަހު މިޔަންމާގެ އިތުރުން ތައިލެންޑުގެ ގިނަ ސަރަޙައްދުތަކަކަށް ބޮޑެތި ލޮޅުންތަކެއް އަރާފައިވާ ކަމުގައެވެ. ލޮޅުންތަކުގެ އަސަރު ޗައިނާގެ ޔުންނާން ޕުރޮވިންސަށް ވެސް ފޯރިއެވެ. ޔޫއެސްޖީއެސުން ބުނީ، ބިންހެލުމާ ގުޅިގެން މިޔަންމާއިން މަރުވި މީހުންގެ އަދަދު 10,000އަށްވުރެ މައްޗަށް އުފުލުމުގެ ފުރުޞަތު އޮތް ކަމަށް އަންދާޒާ ކުރެވޭ ކަމުގައެވެ.
ބިންހެލުމާ ގުޅިގެން ތައިލެންޑުގެ ވެރިރަށް ބެންގކޮކުގައި ބިނާ ކުރުމުގެ މަސައްކަތް ކުރިއަށް ދިޔަ އިމާރާތެއް ވަނީ ވެއްޓިފައެވެ. ބިންހެލުމާ ގުޅިގެން އެ ޤައުމުގައި ހިނގި އެކި ހާދިސާތަކުގައި ނުވަ މީހުން މަރުވި ކަން ވަނީ ކަށަވަރު ކުރެވިފައެވެ. ވެއްޓިފައިވާ އިމާރާތުގެ ދަށުގައި 30 މީހުން ތާށިވެފައިވާ ކަމަށް ބެލެވޭއިރު، 49 މީހަކު ވީނުވީއެއް ނޭނގި ގެއްލިފައިވާ ކަމުގައި އެ ޤައުމުގެ އިދާރާތަކުން ހާމަކުރިއެވެ.
މިޔަންމާގެ އަސްކަރީ ސަރުކާރުން ބުނީ ބިންހެލުމާ ގުޅިގެން ގެދޮރާއި އުމްރާނީ ވަސީލަތްތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައެވެ. ގެއްލުންވެފައިވާ ތަންތަނުގެ ތެރޭގައި ޢާންމުންގެ ގެދޮރާއި، މަގުތަކާއި އެހެނިހެން އިމާރާތްތައް ހިމެނެއެވެ. އެ ސަރަޙައްދުގައި ހުރި 1,000 އެނދުގެ މައި ހަސްފަތާލަށް ވެސް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމުގައި ރިޕޯޓުތައް ބުންޏެވެ.
"ބިންހެލުމުގެ އަސަރު ކޮށްފައިވާ ސަރަޙައްދުތަކުގައި [ގެއްލިފައިވާ ކަމަށް ބެލެވޭ މީހުން] ހޯދައި ސަލާމަތް ކުރުމަށް މި ދަނީ މެދުކެނޑުމެއް ނެތި މަސައްކަތް ކުރަމުން،" މިޔަންމާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުންޏެވެ. އެ މަސައްކަތްތަކުގެ އެހީތެރި ކަން ފޯރުކޮށްދިނުމަށް އެންމެ ފުރަތަމަ ވެސް ޓީމެއް ފޮނުވާފައި ވަނީ ޗައިނާއިންނެވެ. މިޔަންމާގެ ވިޔަފާރީގެ ވެރިރަށް ޔެންގޯނަށް ޗައިނާގެ ޓީމުން މިހާރު ވަނީ ދަތުރު ކޮށްފައެވެ. އަދި، ބިންހެލުމުގައި އެންމެ ބޮޑަށް ގެއްލުން ލިބިފައިވާ މަންދަލީއާއި ނީޕީޓޯއަށް ދަތުރު ކުރުމަށް އެ ޓީމު މެންބަރުން ދަނީ މަސައްކަތް ކުރަމުންނެވެ.
މީގެ އިތުރުން، ބިންހެލުމާ ގުޅިގެން ގެދޮރު ނެތި، ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ބޭރު ޤައުމުތަކުން ދަނީ މަސައްކަތް ކުރަމުންނެވެ. މިޔަންމާއަށް ކާބޯތަކެއްޗާއި އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް މަސައްކަތް ފަށާފައިވާ ޤައުމުތަކުގެ ތެރޭގައި ރަޝިޔާ، އިންޑިޔާ، މެލޭޝިޔާ އަދި ސިންގަޕޫރު ހިމެނެއެވެ. އޭގެ ތެރެއިން ބައެއް ޤައުމުތަކުން ފޮނުވަން ފަށާފައިވާ އެހީގެ ބައެއް ސާމާނު ވަނީ ލިބެން ފަށާފައެވެ.
"[މިޔަންމާއަށް ކުރިމަތިވެފައިވާ] ހާލަތު އަޅުގަނޑުމެން ވަރަށް ގާތުން ބަލަމުން ދާނަން، އަދި ކުރިއަށް އޮތް ތަނުގައި އިތުރު އެހީ ފޮނުވާނަން،" އިންޑިޔާގެ ޚާރިޖީ ވަޒީރު ސުބްރަހްމަނިޔަމް ޖެއިޝަންކަރް ވިދާޅުވިއެވެ. ދެކުނު ކޮރެޔާއިން ވެސް ވަނީ މިޔަންމާއަށް 2 މިލިޔަން އެމެރިކާ ޑޮލަރުގެ އިންސާނީ އެހީގެ ސާމާނު ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާ ކަން ހާމަކޮށްފައެެވެ. މިޔަންމާގެ އަސްކަރީ ސަރުކާރާ ދެކޮޅަށް ހަރުކަށި ދަތި ކުރުމުގެ ފިޔަވަޅުތަކެއް އަޅާފައިވާ އެމެރިކާއިން ވެސް ވަނީ އެ ޤައުމަށް އެހީތެރި ކަން ފޯރުކޮށްދޭނެ ކަމުގައި ބުނެފައެވެ.