ކުޅިވަރު

ކުޅުންތެރިންގެ ބައިނަލްއަގުވާމީ ކާމިޔާބީތަކަކީ ކުލަބަށްވެސް ލިބޭ ކުރިއެރުމެއް: ސިމިއޯނީ


އެތުލެޓިކޯ މެޑްރިޑަށް މި ސީޒަނަކީ ހިތްދަތި ސީޒަނެކެވެ. ސްޕެނިޝް ލީގުގައި ވާދަކޮށް ފުލުފުލުގައި ލިބުނު ނާކާމިޔާބީއާ ވިދިގެން، ޔުއެފާ ޗެމްޕިއަންސް ލީގަށް އަލްވަދާއު ކިޔަން ޖެހުމަކީ ކޯޗިން ކެރިއަރުގައި ހިތްދަތިކަން ގެނުވިކަމެއްގެ ގޮތުގައި އެ ޓީމުގެ ކޯޗު ޑިއޭގޯ ސިމިއޯނީވެސް ވަނީ ސިފަކޮށްފައެވެ.

އެހެންނަމަވެސް މި އުނދަގޫ ދަނޑިވަޅުގައި އޭނާއަށް އުންމީދުގެ އަލިކަމެއް ފެންނަން ފަށާފައިވާ ކަމަށް ސިމިއޯނީ ދާދި ފަހުން ވަނީ ބުނެފައެވެ. އޭނާ މިހެން ބުނެފަވަނީ ގައުމީ ޓީމުތަކަށް ކުޅޭ އެތުލެޓިކޯގެ ކުޅުންތެރިން ބައިނަލްއަގުވާމީ މެޗުތަކުގައި ހޯދަމުންދާ ކާމިޔާބީތައް ފާހަގަކުރަމުންނެވެ. އެތުލެޓިކޯއަށް ނިސްބަތްވާ ކުޅުންތެރިން ބައިނަލްއަގުވާމީ މެޗުތަކުގައި ހޯދަމުންދާ ގިނަގުނަ ކާމިޔާބީގެ ސަބަބުން އެތުލެޓިކޯއަށް އައު ދިރުމެއް ލިބިއްޖެ ކަމަށާއި، ކުލަބު އަލުން ހިންދެމިލައި، އައު ހިތްވަރަކާއެކު ކޮޅަށް ތެދުވަން މިކަމުގެ ސަބަބުން މަގުފަހިވެގެންދާނެ ކަމަށް ސިމިއޯނީ ވަނީ ފާހަގަކޮށްފައެވެ.

ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު، އެއްވަނައިގައި ރަސްކަންކުރަމުންދަނީ ބާސެލޯނާއެވެ. ބާސެލޯނާއަށްވުރެ ހަtް ޕޮއިންޓް މަދުން ލިބިގެން އެތުލެޓިކޯ އޮތީ ތިންވަނައިގައެވެ. ޗެމްޕިއަންސް ލީގުގެ ގަދަ 16 އިން ޕެނަލްޓީއަށްފަހު ވަކިވާން ޖެހުމާއި އަދި އޭގެ ދުވަސްކޮޅެއް ފަހުން މިމަހުގެ 16 ވަނަ ދުވަހު، ބާސެލޯނާއާ ވާދަކޮށް 4-2 ގެ ނަތިޖާއަކުން ބަލިވުމަކީ އެތުލެޓިކޯގެ ކުޅުންތެރިންނަށް މާޔޫސްކަން ގެނުވި ނާކާމިޔާބީތަކެކެވެ.

އެތުލެޓިކޯގެ އަރުގައި ކާމިޔާބީގެ ރަހަ މިފަހުން ނުލިޔަސް، ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި އެތުލެޓިކޯއަށް ނިސްބަތްވާ ކުޅުންތެރިން ވަނީ އެމީހުންގެ ގައުމީ ޓީމުތަކުގެ އަރުގައި ކާމިޔާބީގެ ރަހަ ލައްވާލައި، ގައުމު ހެއްވާލާފައެވެ. މިގޮތުން ކޯޗުގެ ދަރިފުޅު ޖިއުލިއާނޯ ސިމިއޯނީ ވަނީ ބްރެޒިލް އަތުން 4-1 އިން އާޖެންޓީނާ މޮޅުކޮށްދީފައެވެ. އޭގެ އިތުރުން ނޯވޭއަށް އެލެގްޒެންޑާ ސޯލޯތު ޖަހައިދީފައިވާ ދެ ލަނޑަކީވެސް އެތުލެޓިކޯއަށް ލިބުނު ޝަރަފެއްކަމަށް ސިމިއޯނީ ވަނީ ބުނެފައެވެ.

"ޓީމުގެ ކުޅުންތެރިން ބައިނަލްއަގުވާމީ މެޗުތަކުގައި ދައްކަމުންދަނީ ވަރަށް ޕޮޒިޓިވް އެނާޖީއެއް" ސިމިއޯނީ ބުންޏެވެ.

އެތުލެޓިކޯއަށް ދެފަހަރުގެ މަތިން ލަލީގާ ހޯދަދީފައިވާ ކޯޗު ބުނީ އަދި މާޔޫސްވާން ނުޖެހޭކަމަށާ، މުބާރާތް އަދި ކުރިއަށް އޮތީ ކަމަށެވެ. ސްޕެނިޝް ލަލީގާގައި އެތުލެޓީކޯއަށް އަދި ކުރިއަށް 10 މެޗު އެބައޮތް ކަމަށާ ޓީމުގެ އަސްލު ކުޅުން ކުރިއަށް އޮތްތާ ފެނިގެންދާނެކަމަށް ސިމިއޯނީ ބުންޏެވެ. މުބާރާތުގައި ކުރިއަށް ވާނެ ގޮތެއް ލަފާކުރަން އަދި މާއަވަސްކަން ފާހަގަކުރަމުން ސިމިއޯނީ ބުނީ މުބާރާތުގެ އެންމެ ފަހު ފަސްމެޗާ ހިސާބުން އެކަން ކުރަން އިހަށް މަޑުކޮށްލުމަށެވެ. މުބާރާތުގެ ފަހުގެ ފަސް މެޗަކީ ސީޒަން ކަށަވަރުވެގެންދާނެ މެޗުތައްކަމަށް ބުނަމުން އޭނާ ބުނީ ކޮންމެ ޓީމަކުންވެސް ނުކުންނާނީ ކާމިޔާބީ ހޯދާ ތަށި އުފުލާލުމަށްޓަކާ ކަމަށެވެ.

ލަލީގާއަކީ އެއްޗެއް ބުނަން އުނދަގޫ މުބާރާތެއްކަމަށް ސިފަކުރަމުން ސިމިއޯނީ ބުނީ ކޮންމެ ކުޅުންތެރިއެއްގެ ފަރާތުންވެސް ފެނުނީ ޖޯޝާ ފޯރިއާ ހުނަރުވެރިކަންކަމަށެވެ. މިވެނި ކުޅުންތެރިއަކު ދަށޭ ބުނެ އިނގިލިދިއްކޮށްލާނެ ފުރުސަތު އެއްވެސް ޓީމަކުން ނުދޭކަމަށާ އެހެން ނަމަވެސް ކާމިޔާބު ލިބޭނީ ކޮންމެވެސް އެއްޓިމަކަށްކަމަށް އޭނާ ފާހަގަކުރިއެވެ. މިގޮތުން މިވަގުތު އެންމެ ގަދައަށް ފިޔަޖަހަނީ ބާސެލޯނާގެ ތަރިކަމަށާ އެޓީމާ ދެކޮޅަށް ނިކުންނާނީ އުނދަގޫ މެޗެއްކަން އެނގިތިބެ، އެހެންނަމަވެސް ކާމިޔާބީގެ އަޒުމުގަ ކަމަށް ސިމިއޯނީ ބުންޏެވެ.