މިއަހަރުގެ ޝައްވާލް މަހުގެ ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ މިރޭ އޮންނާނެކަމަށް އިސްލާމީ ކަންތައްތަކާބހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ އޮންނާނީ މިރޭ 8:00 ޖަހާއިރު ކަމަށެވެ. ފަލަކީ ހިސާބުތަކުން ދައްކާގޮތުގައި މިއަހަރުގެ ފިތުރު ޢީދު ދުވަހަކީ މީލާދީ ގޮތުން މާރިޗު މަހުގެ 31ވާ ހޯމަދުވަހެވެ.
ހަނދުބެލުމުގެ ކަންކަން އެހެން އަހަރުތަކުގައިވެސް ޢަމަލުކުރަމުންދާ އުސޫލުގެ ތެރެއިން ހަނދުބެލުމަށް ދިޔުމާއި ހަނދު ފެނުނުކަމަށް ހެކިބަސް ދިނުމުގެ ކަންކަން ކުރިއަށްގެންދިޔުމަށްވަނީ ނިންމާފައެވެ. އެގޮތުން އެހެން އަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ޝައްވާލްމަހުގެ ހަނދު ސާބިތުކުރުމަށްޓަކައި، ހެކިބަސްދިނުމުގެ އިންތިޒާމް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން، ޑީޖޭއޭއިން ވަނީ ހަމަޖައްސާފައެވެ.
ޑީޖޭއޭއިން ވިދާޅުވީ އެހެންއަހަރުތަކެކޭ އެއްގޮތަށް މިއަހަރުގެ ޝައްވާލްމަހުގެ ހަނދު ދުށް މީހަކު ނުވަތަ ބަޔަކު ހެކިބަސް އަދާކުރުމަށްޓަކާ، އަދި ހަނދުގެ މައްސަލަ ވަކިގޮތަކަށް ނިމެންދެން މާރިޗު 29 ވާ ހޮނިހިރު ދުވަހުގެ ހަވީރު ފަސްގަޑި ތިރީހުން ފެށިގެން ޖުޑިޝަލް އެޑްމިނިސްޓްރޭޝަނާއި، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓްތަކާއި، ރަށުކައުންސިލް އަދި އަތޮޅުކައުންސިލް އިދާރާތައް ހުޅުވިފައި ހުންނާނެކަމަށެވެ.
މާލޭގައިނަމަ ހަނދުފެންނަ ބަޔަކު ހެކިބަސް އަދާކުރުމަށް ހަމަޖެހިފައިވަނީ މާލޭގެ ކޯޓެއްގެ ގާޒީއެއްގެ ކުރިފުޅުމަތީގައިކަމަށާ، އަތޮޅުތެރޭގައިނަމަ އެރަށެއްގެ މެޖިސްޓްރޭޓުކޯޓްގެ މެޖިސްޓްރޭޓުގެ ކުރިފުޅު މަތީކަމަށް ޑީޖޭއޭއިން މަޢުލޫމާތުދެއްވައެވެ.
މެޖިސްޓްރޭޓެއް ނެތް ރަށެއްނަމަ ކައުންސިލް އިދާރާއާ ހަވާލުވެ ހުންނެވި އިސްވެރިއެއްގެ ކުރިފުޅުމަތީކަމަށް އެއިދާރާއިން މަޢުލޫމާތުދެއްވައެވެ. މިގޮތުން ހަނދުފެނިގެން އެކަމުގެ މަޢުލޫމާތުދޭއިރު، ގާތްގަނޑަކަށް ހަނދުހުރި އުސްމިނާ، މިސްރާބާއި، އަދި މިނޫންވެސް މިފަދަ މުހިންމު މަޢުލޫމާތު ދިނުމަށް ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން އެދިވަޑައިގަންނަވައެވެ.
ހަނދު ސާބިތުކުރުމަށް ބާއްވާ ޖަލްސާ ޕީއެސްއެމްގެ ޗެނަލްތަކުން ވަގުތު ގެނެސްދިނުމަށްވަނީ ހަމަޖެހިފައެވެ.