ޚަބަރު

ޓީވީއެމްގެ 47 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސް ފޮނުއްވައިފި


  • ރައީސްވަނީ ދިވެހިރާއްޖޭގެ ޤައުމީ މީޑިއާއަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދިވަޑައިގަންނަވާފައި

ޓެލެވިޜަން މޯލްޑިވްސްގެ 47 ވަނަ އަހަރީ ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ފޮނުއްވައިފިއެވެ.

ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ ދިވެހިރާއްޖޭގެ ޤައުމީ މީޑިއާއަށް އިތުރު ކުރިއެރުމާއި ކާމިޔާބީއަށް އެދެމުން،ޓީވީ މޯލްޑިވްސްގެ އަހަރީ ދުވަހުގެ ތަހުނިޔާ ޓީވީއެމްއަށް ޚިދުމަތް ކުރައްވާފައިވާ އަދި މިހާރު ޚިދުމަތުގައި ދެމި ތިބި މުވައްޒަފުންނަށް ފޮނުވާފައެވެ.

ދިވެހިރާއްޖޭގެ އެންމެ ފުރަތަމަ ޓީވީ ޗެނަލް، ޓެލެވިޜަން މޯލްޑިވްސްގެ ޚިދުމަތް ފަށާފައިވަނީ 1978 ވަނަ އަހަރުގެ މާރިޗު މަހުގެ 29 ވަނަ ދުވަހުއެވެ.

މިވީ 47 އަހަރުތެރޭގައި ޓލެވިޜަން މޯލްޑިވްސް، ޓީވީއެމްއިން ވަނީ ބްރޮޑްކާސްޓިން ދާއިރާއިން ގިނަ ކުރިއެރުންތަކެއް ހޯދާފައެވެ. އެގޮތުން ޒަމާނީ ވަސީލަތްތަކާއި އެކު ބެލުންތެރިން ގަޔާވާނެފަދަ އުފެއްދުންތަކެއް ޓީވީއެމްއިން ދަނީ ގެނެސްދެމުންނެވެ.

ހަމައެހެންމެ ރިޔާސީ އިންތިޚާބުތަކާއި ރައްޔިތުންގެ މަޖިލިސް އިންތިޚާބުތައް ފަދަ ޤައުމީ ފެންވަރުގައި ބާއްވާ ބޮޑެތި އިންތިޚާބުތަކާއި، އެކި އެކި ޤައުމީ މުނާސަބާތަކާއި، ބޮޑެތި ޙާދިސާތަކާއި ކާރިސާތަކުގެ ވަގުތުތަކުގައިވެސް އެކަންކަމުގެ މަޢުލޫމާތު އެންމެ ތަފްޞީލާއެކު އާންމުންނާއި ހަމައަށް ގެނެސްދިނުމަށް ދައުލަތުގެ މީޑިއާގެ ހައިސިއްޔަތުން ކުރަމުންދާ މަސައްކަތްތަކަކީވެސް ފާހަގަކޮށްލެވޭ މަސައްކަތެކެވެ.