ޚަބަރު

ނޭޕާލްގައި ކުރި މުޒާހަރާއެއް ހުއްޓުވަން ބާރުގެ ބޭނުން ކުރުމުން ދެ މީހުން މަރުވެއްޖެ


ނޭޕާލްގެ ސަރުކާރާއި ޤާނޫނު ހަދާ މަޖިލީހާ ދެކޮޅަށް ކުރަމުން ދިޔަ މުޒާހަރާއެއް ރޫޅައިލުމަށް ފުލުހުން ބާރުގެ ބޭނުން ކުރުމުން ހިނގި ހަމަނުޖެހުންތަކެއްގައި ދެ މީހުން މަރުވެއްޖެއެވެ. އެތަކެއް ހާސް ބަޔަކު ވެރިރަށް ކަތުމަންޑޫގައި މުޒާހަރާ ކޮށްފައި ވަނީ އެ ޤައުމުގެ ވެރިކަމުގެ ނިޒާމު ދުސްތޫރީ ރަސްކަމަކަށް އަލުން ރުޖޫއަ ކުރުމަށް ގޮވައިލައެވެ. މުޒާހަރާ ރޫޅައިލުމަށް ފުލުހުން ބާރުގެ ބޭނުން ކުރުމާ ގުޅިގެން ހިނގި ކުރިމަތިލުންތަކުގައި ގިނަ އަދަދެއްގެ ބަޔަކު ޒަޚަމުވިއެވެ.

މުޒާހަރާގެ ބައިވެރިން ހުއްޓުވުމަށް ނޭޕާލް ފުލުހުން ވަނީ ކަރުނަ ގޭހާއި މުގުރު ފަދަ ހަތިޔާރު ބޭނުންކޮށް، ބާރު ޕްރެޝަރުގެ ފެން ޖަހާފައެވެ. ނޭޕާލް ފުލުހުން ބުނީ، ބާރުގެ ބޭނުން ކުރަން ފަށާފައި ވަނީ، އެ ފަދަ އެއްވުންތައް މަނާ ކޮށްފައި އޮތް ސަރަޙައްދަކަށް މުޒާހަރާގެ ބައިވެރިން ވަނުމަށް މަސައްކަތް ކުރުމުން ކަމަށެވެ. މުޒާހަރާގެ ބައިވެރިން މަސައްކަތް ކޮށްފައި ވަނީ ޤާނޫނު ހަދާ މަޖިލީހުގެ އިމާރާތް ކައިރިއަށް އެއްވުމަށެވެ.

މުޒާހަރާތައް ހުއްޓުވުމުގެ ގޮތުން ސަރުކާރުން ވަނީ އެ ސަރަޙައްދުގައި ކަރފިޔު އިޢުލާނުކޮށް، އެއްވެ އުޅުމަށް ހުރަސް އަޅާފައެވެ. މުޒާހަރާގެ ބައިވެރިންނާއި ފުލުހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކުގައި މަރުވި ދެ މީހުންގެ ތެރޭގައި މުޒާހަރާގެ ބައިވެރިއަކާއި ނޫސްވެރިއަކު ހިމެނެއެވެ. ކަތުމަންޑޫ ފުލުހުންގެ ތަރުޖަމާނު ދިނޭޝް ކުމާރް އަޗާރިއާ ވިދާޅުވީ، ނޫސްވެރިޔާ މަރުވެފައި ވަނީ އޭނާ އެ ވަގުތު ހުރި ގެއެއްގައި ހުޅުޖެހުމުގެ ސަބަބުން ކަމުގައެވެ. މަރުވެފައި ވަނީ އެވެނިޔުސް ޓީވީގެ ނޫސްވެރިއެކެވެ.

ހަމަނުޖެހުން ހިންގަމުން ދިޔަ މުޒާހަރާގެ ބައިވެރިން ބައެއް އަމިއްލަ އިމާރާތްތަކާއި އެއްގަމު އުޅަނދުފަހަރުގައި ހުޅުޖަގައި، ބޮޑެތި ގެއްލުންތަކެއް ދީފައިވާ ކަމުގައި ފުލުހުންގެ އެހެން ތަރުޖަމާނެއް ކަމުގައިވާ ސޭކަރް ކޮނާލް ވިދާޅުވިއެވެ. ގެއްލުން ދީފައިވާ އިމާރާތްތަކުގެ ތެރޭގައި ޢާންމުންގެ ގެދޮރާއި، ހަސްފަތާލަކާއި، ސިޔާސީ ޕާޓީއެއްގެ އޮފީހަކާއި ފިހާރަބަރިއެއްގެ އިތުރުން މީޑިޔާއެއް ހިންގާ އޮފީސް ހިމެނެއެވެ.

ކުރިމަތިލުންތަކުގައި 17 މީހަކު ޒަޚަމުވި ކަމަށާއި، އޭގެ ތެރޭގައި ތިން ފުލުހުން ހިމެނޭ ކަމުގައި ވެސް ކޮނާލް ވިދާޅުވިއެވެ. ހަމަނުޖެހުން ހިންގައި މުދަލަށް ގެއްލުން ދިނުމުގައި ބައިވެރިވި ތިން މީހަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

2008ވަނަ އަހަރު ވެރިކަމުގެ ނިޒާމަށް ބޮޑު ބަދަލެއް

ނޭޕާލްގައި ވެރިކަން ކުރަމުން ދިޔަ ރަސްކަން އުވައިލާފައި ވަނީ 2008ވަނަ އަހަރުއެވެ. ނޭޕާލްގެ ވެރިކަމުގެ ނިޒާމު ރަސްކަމަކުން ޖުމްހޫރީ ވެރިކަމަކަށް ބަދަލު ކުރުމަށް ފާސްކުރުމާ އެކު، 239 އަހަރަށް ދެމިގެންދިޔަ ރަސްކަމަށް ވަނީ ނިމުމެއް އައިސްފައެެވެ. ނޭޕާލްގައި އެންމެ ފަހުން ރަސްކަން ކުރައްވާފައި ވަނީ އުމުރުން 77 އަހަރުގެ ރަސްގެފާނު ގްޔަނެންދްރައެވެ. އޭނާގެ ރަސްކަން ނިމުމަކަށް ގެނައުމާ އެކު، އޭނާ މިހާރު ދިރިއުޅުއްވަމުން ގެންދަވަނީ ކަތުމަންޑޫގައި ހުރި އަމިއްލަ ގެއެއްގައި ޢާންމު ރައްޔިތެއްގެ ގޮތުގައެވެ.

ނޭޕާލްގެ ރަސްކަން ޖުމްހޫރީ ވެރިކަމަކަށް ބަދަލު ކުރުމާ އެކު، އެ ޤައުމުގެ ސަރުކާރު ވައްޓައިލުމަށް ލޭއޮހޮރުވުން ބޮޑު ހަނގުރާމައެއް ކުރަމުން ދިޔަ މައޮއިސްޓުންގެ ހަމަނުޖެހުންތަކަށް ވެސް ނިމުމެއް އައެވެ. 1996ން 2006އަށް މައޮއިސްޓުން ހިންގާފައިވާ ހަމަނުޖެހުންތަކާއި ދީފައިވާ ޙަމަލާާތަކުގައި 17,000އަށްވުރެ ގިނަ މީހުން މަރުވިއެވެ.

ނޭޕާލަކީ ދުނިޔޭގެ އެންމެ ފަގީރު ޤައުމުތަކުގެ ލިސްޓުގައި ހިމެނޭ ޤައުމެކެވެ. 2008ވަނަ އަހަރު އެ ޤައުމުގެ ވެރިކަމުގެ ނިޒާމު ބަދަލު ކުރި ފަހުން ފާއިތުވި 16 އަހަރުގެ ތެރޭގައި އެ ޤައުމުގައި ތަފާތު 14 ސަރުކާރެއް އެކުލަވައިލާފައިވެއެވެ. އަދި، ސިޔާސީ ހަލަބޮލިކަމާ ގުޅިގެން ފަތުރުވެރިކަމާއި ބޭރުގެ އެހީއަށް ބަރޯސާވެފައިވާ ނޭޕާލްގެ އިޤުތިޞާދު ވަނީ އަޑިގަނޑަކަށް ވެއްޓިފައެވެ. އެ ކަމާ ގުޅިގެން، ޤުދުރަތީ ޚާއްޞަ ސިފަތަކެއް ލިބިފައިވާ ނޭޕާލްގެ ޒުވާން އުމުރު ފުރައިގެ އެތަކެއް މިލިޔަން ބަޔަކު ވަނީ ޤައުމު ދޫކޮށް މެދުއިރުމަތީގެ ޤައުމުތަކާއި ދެކުނު ކޮރެޔާ އަދި މެލޭޝިޔާ ފަދަ ޤައުމުތަކަށް ހިޖުރަ ކޮށްފައެވެ. ދުނިޔޭގެ އެންމެ އުސް ފަރުބަދަ، މައުންޓް އެވަރެސްޓް ހުންނަނީ ނޭޕާލުގައެވެ.