ކޮންމެ ޤައުމެއްގެވެސް ފުލުހުންގެ ޚިދުމަތަކީ، އެ ޤައުމެއްގެ ދާޚިލީ ހަމަޖެހުމާއި ގުޅިފައިވާ މުހިންމު ޚިދުމަތެކެވެ. ޤައުމުގެ އިޖްތިމާޢީ އަދުލު ރައްކާތެރިކޮށް ކަށަވަރުކުރަނީ އެ ޚިދުމަތުގެ ތެރެއިން ކުރާ މަސައްކަތުންނެވެ.
ދިވެހި ފުލުހުންގެ ޚިދުމަތަށް މިއަދު 92 އަހަރު ފުރޭއިރު، އެޚިދުމަތަކީ ދިވެހިންގެ ތެރޭގައި އޮތް އެންމެ ދުވަސްވީ އެއް މުޢައްސަސާއޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ޝަރަފުވެރި ތާރީޚެއް އޮތް މިޚިދުމަތަށް، މިއަހަރު 92 އަހަރު ފުރޭ އެޚިދުމަތުގެ އަސްލަކަށް ވަނީ 1932 ވަނަ އަހަރު އެކުލަވާލި ދިވެހިންގެ ފުރަތަމަ ޤާނޫނު އަސާސީއެވެ. އެ ޤާނޫނު އަސާސީގެ ދަށުން "ފުލުހުން މީހުންގެ ޤާނޫނު" ވުޖޫދު ކުރެވި، 1933 ވަނަ އަހަރު 120 މީހުންނާއި އެކު މާލެ 4 އަވަށަށް ބަހާލައި ޚިދުމަތް ފެށިގެން ދިޔައެވެ.
މިއަދު ޒަމާނީ އެތައް ވަސީލަތެއް ލިބި ދުނިޔޭގެ ފެންވަރުގައި ބަލައިގަނެފައިވާ މުޢައްސަސާއަކަށް ފުލުހުން ޚިދުމަތްވީ ނަމަވެސް، މިއީ ހުދު ލިބާހަކާއި މުންޑެއް އަނދެގެން ފެށި ޚިދުމަތެކެވެ. މަސައްކަތް ފެށިއިރު، އަވަށު ވެރިޔާއާއި ހަމައަށް މައްސަލަތައް ގެންދިއުމުން ވެރިޔާއަށް ފެންނަ މައްސަލަތައް ބަލާ ގޮތަށް އިންތިޒާމު ވެފައިވީ ނަމަވެސް، މިއަދު ކޮންމެ ރައްޔިތެއްގެ ޝަކުވާތައްވެސް ފުލުހުން އަޑު އަހައެވެ. މައްސަލަތައް ބަލާނެ އުސޫލަތަކެއް އޮވެއެވެ.
ދިވެހިންނަށް މި ޚިދުމަތް ތަޢާރަފްވިއިރު ފުލުހުންނާއި ސިފައިންނަކީ އެއް ބައެކެވެ. މި ދެ ޚިދުމަތް ވަކިވީ 1960 ވަނަ އަހަރުގެ އޯގަސްޓު މަހު ފަހުކޮޅު "ސިފައިންގެ އޮފީސް / ތަހުޤީޤާއި ބެހޭ ބައި" އުފެދުމާއެކުއެވެ. މިއީ ސިފައިން ކުރަން ޖެހޭ ފުލުހުންގެ މަސައްކަތް ވަކިވި ހިސާބެވެ. އޭގެ ފަހުން ފުލުހުންގެ ތާރީޚުގައި ފާހަގަކޮށްލެވޭ އަހަރަކީ 1972 ވަނަ އަހަރު ސިފައިންގެ 12 މީހެއް ސިފައިންގެ ރަޖިސްޓްރީން އުނިކޮށް ފުލުހުންގެ ގޮތުގައި ކަނޑައެޅި ހިސާބެވެ.
ކަން މިހެން އޮތަސް، ފާހަގަކޮށްލެވޭ ކަމަކީ އެދުވަސްވަރު ހިނގި އެތައް ހާދިސާއެއްގެ ތަހުޤީޤު ކާމިޔާބުކޮށް ހިންގާފައިވަނީ ސިފައިންގެ ތެރޭގައި ތިބި ފުލުހުންކަމެވެ. މީގެ ތެރޭގައި އުތުރު ގަޑުބަޑާއި، ބޮޑުހުޅުގެ ހާދިސާ އާއި ތިނަދޫ ބަޢާވާތުގެ އިތުރުން ދިވެހިރާއްޖޭގައި ބޭއްވުނު ފުރަތަމަ ސާކްސަމިޓާއި ދިމާކޮށް 1990ވަނަ އަހަރުގެ ސެޕްޓެންބަރު 2 ވަނަ ދުވަހުގެރޭގެ ދަންވަރުގެ ވަގުތެއްގައި ދިވެހިންގެ ބަޔަކު މާލެތެރޭގައި ބޮންގޮއްވި ހާދިސާތަކާއި، 1988 ވަނަ އަހަރުގެ ނޮވެންބަރު ތިނެއްގެ އުދުވާނީ ޙަމަލާފަދަ ހާދިސާތައް ހިމެނެއެވެ.
އެންމެ ފުރަތަމަ މި ޚިދުމަތް އަތޮޅުތެރެއަށް ފުޅާވެގެން ދިޔައީ 1993 ގައި ސ. ގަމުއި ފުލުހުންގެ ޚިދުމަތް ޤާއިމް ކުރެވިގެން ދިޔުމާއެކުއެވެ. އަދި ކޮމިއުނިޓީ އޮރިއެންޓެޑް ފުލުހުން ނުވަތަ އިޖްތިމާޢީ ފުލުހުންގެ ޚިދުމަތް ފެށިގެންދިޔައީ 1997 ވަނަ އަހަރު ޤާއިމް ކުރެވިގެން ދިޔަ ވިލީ ފުލުހާއި ހަމައިންނެވެ.
މި ދިގު ތާރީޚުގެ ތެރެއިން 2004 ވަނަ އަހަރު ފުލުހުންނާއި ސިފައިން ވަކިވެ، ފުލުހުންގެ ޚިދުމަތް ވަކި ޚިދުމަތެއްގެ ގޮތުގައި ޤާއިމްވިއެވެ. ދާޚިލީ ވުޒާރާގެ ދަށަށް ފުލުހުންގެ ޚިދުމަތް ބަދަލުވެ، އޭގެ ފަހުން ޤާނޫނީ އެތަކެއް ކުރިއެރުންތަކެއް ހޯދާފައިވެއެވެ. މީގެ ތެރެއިން ހޯދި އެއް ކުރިއެރުމަކީ ފުލުހުންގެ ޚިދުމަތަށް ފުރަތަމަ ފަހަރަށް އަންހެން ކޮމިޝަން އޮފިސަރުން އައްޔަން ވެގެން ދިއުމެވެ. އަދި ޒަމާނީ ގިނަ ބަދަލުތަކެއް އިދާރާގެ ހިންގުމުގެ އޮނިގަނޑަށް ގެނެވި، ފުލުހުންގެ ތަމްރީނުތަކަށް ހަރުދަނާ ބަދަލުތަކެއް އައިސްފައިވެއެވެ.
މިއަދު ފުލުހުންގެ ޚިދުމަތް ކުރިއަރުވައި ތަރައްޤީ ކުރުމަށް ސަރުކާރުން ދަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާ ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައިވެސް ފުލުހުން ޚިދުމަތް ދިނުމަށް މަސައްކަތް ފަށާފައިވާއިރު، ބަދަލުވަމުންދާ ކުށުގެ ވެއްޓަށް އަހުލުވެރި ފުލުހުން ދަނީ ބިނާ ކުރަމުންނެވެ.
ގޭންގުތަކާއި ޑްރަގް މައްސަލަތަކަށް ޚާއްސަ ބަހާއެއް އުފައްދަވާފައިވާއިރު، މި ފަހަކަށް އައިސް އެންމެ ގިނަ ބަޔެއްގެ ކަންބޮޑުވުން އޮތް ސްކޭމް މައްސަލަތައް ހުއްޓުވުމަށް ސްކޭމް ސެންޓަރެއް ވަނީ ޤާއިމްކޮށްފައެވެ. ނުފޫޒުން އެއްކިބާވެ ރައްޔިތުންނާއި ގާތުން ޚިދުމަތް ދޭ މުޢައްސަސާއެއްގެ ގޮތުގައި މިޚިދުމަތް މިއަދު ފެނިގެންދާއިރު، ފުރިހަމަ ޚިދުމަތަކަށް ހެދުމަށް ކުރަންޖެހޭ ގިނަ މަސައްކަތް އަދިވެސް ހުންނާނެކަން ޔަޤީނެވެ.
ފުލުހުންގެ 92 އަހަރުގެ ތާރީޚުގައި ހޯދުނު އެންމެ ބޮޑު ކުރިއެރުމަކީ ރައްޔިތުންގެ އިތުބާރުކަމީ ޝައްކެއް އޮތް ކަމެއް ނޫނެނެވެ.