ޚަބަރު

އޮސަސޫނާއާ ދެކޮޅަށް އިނީގޯ މާޓިނޭޒް ކުޅުނު މައްސަލަ ބަލަނީ


ސްޕެނިޝް ލީގުގައި މިދިޔަ ބުރާސްފަތި ދުވަހު އޮސަސޫނާއާ ދެކޮޅަށް ކުޅުނު މެޗުގައި ބާސެލޯނާގެ ޑިފެންޑަރު އިނީގޯ މާޓިނޭޒް ކުޅުނު މައްސަލަ ސްޕެއިންގެ ފުޓްބޯޅަ ފެޑަރޭޝަނަށް ހުށަހަޅައިފިއެވެ.

އިނީގޯ މާޓިނޭޒް މި މެޗުގައި ކުޅެފައިވަނީ މިދިޔަ ހަފުތާގައި ޔުއެފާ ނޭޝަންސް ލީގުގައި ނެދަލަންޑްސްއާ ދެކޮޅަށް ސްޕެއިން ކުޅުނު މެޗު ނިމުނުތާ ހަތަރު ދުވަސް ފަހުންނެވެ. އަދި ނޭޝަންސް ލީގުގެ މެޗުތަކަށް ސްޕެއިންއިން އެކުލަވާލި ސްކޮޑުގައި އޭނާ ހިމެނުނު ނަމަވެސް، ބަލިވުމުގެ ސަބަބުން ކަމަށް ބުނެ އޭނާ ގައުމީ ޓީމުގެ ސްކޮޑުގައި ހިމެނިފައެއް ނުވެއެވެ.

ނަމަވެސް ފީފާގެ ގަވާއިދު ބުނާ ގޮތުން ކުޅުންތެރިއަކު ގައުމީ ޓީމަށް ނެގުމަށްފަހު ކޮންމެ ސަބަބަކާ ހުރެ ނަމަވެސް ޓީމުން ވަކިވެއްޖެ ނަމަ, އެ ޓީމެއް އެންމެ ފަހުން ކުޅޭ މެޗުގެ ފަސް ދުވަސް ފަހުން ނޫން ގޮތަކަށް ކުލަބަށް ނުކުޅެވޭނެއެވެ. އަދި އެ މުއްދަތުގެ ތެރޭގައި ކުލަބަށް މެޗެއް ކުޅޭނަމަ އެ ގައުމެއްގެ ފުޓްބޯޅަ ފެޑަރޭޝަނުން ޚާއްސަ ހުއްދައެއް ނަގަން ޖެހޭނެއެވެ.

އޮސަސޫނާ އަތުން 3-0 ގެ ނަތީޖާއަކުން ބާސެލޯނާ މޮޅުވެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ހޯދި މި މެޗުގެ ފުރިހަމަ 90 މިނެޓުގައި އިނީގޯ މާޓިނޭޒް ވަނީ ކުޅެފައެވެ. އޮސަސޫނާއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިނީގޯ މާޓިނޭޒް ގައުމީ ޓީމުން ވަކިވީ މެޑިކަލް ސަބަބަކާ ހުރެ ކަމަށް ބުނެފައިވާއިރު، އޭނާ މި މެޗު ކުޅެފައިވަނީ ފީފާއިން ކަނޑައަޅާފައިވާ އުސޫލުތަކާ ހޚިލާފަށް ކަމަށެވެ.

"ކުޅުންތެރިޔާ ގައުމީ ޓީމުން ވަކިވީ މެޑިކަލް ސަބަބަކާއިހުރެ ކަމަށް ބުނެފައިވާއިރު ނެދަލޭންޑްސް އާއި ދެކޮޅަށް ސްޕެއިން ކުޅުނު މެޗު ނިމުނުތާ ހަތަރު ދުވަހުގެ ތެރޭގައި މެޗު ކުޅުމަކީ މައްސަލައެއް. އެހެންކަމުން މި މައްސަލަ މި ކްލަބުން ވަނީ ފެޑަރޭޝަނަށް ހުށައަޅާފައި. އެއީ ހުރިހާ އެންމެންގެވެސް ފައިދާއަށް ކުރި ކަމެއް." އޮސަސޫނާގެ ބަޔާނުގައި ބުނެފައިވެއެވެ.

މި މެޗަކީ މި މަހުގެ އަށްވަނަ ދުވަހު ކުޅެން އޮތް މެޗެއް ނަމަވެސް، އެ މެޗު ފެށެން ވަގުތު ކުޑަވެފައިވަނިކޮށް ބާސެލޯނާގެ ޓީމު ޑޮކްޓަރު ކުއްލި ގޮތަކަށް މަރުވުމާ ގުޅިގެން މެޗު ވަނީ ފަސްކޮށްފައެވެ. އަދި ގައުމީ ޓީމުގެ މެޗުތަކަށްފަހު އެކަށީގެންވާ މުއްދަތެއް ނުލިބޭ ގޮތަށް މި މެޗު ކުޅެން އަލުން ހަމަޖެއްސުމާ ގުޅިގެން ބާސެލޯނާގެ ކޯޗު ހެންސީ ފްލިކް ވަނީ އެކަމަށް ފާޑު ކިޔާފައެވެ.