ނަތީޖާތައް ގޯސްވުމުގެ ސަބަބުން ބްރެޒިލްގެ ކޯޗުގެ މަގާމުން ޑޮރިވާލް ޖޫނިއަރ ވަކިކޮށްފިއެވެ. އޭނާގެ ބަދަލުގައި ކޯޗަކަށް ގެނައުމަށް މަސައްކަތްކުރަނީ ސްޕެއިންގެ ރެއާލް މެޑްރިޑުގެ ކޯޗު ކާލޯ އަންޗެލޮޓީއެވެ.
ބްރެޒިލްއިން ވަނީ މީގެ ކުރިންވެސް އަންޗެލޮޓީ ގެނައުމަށް މަސައްކަތް ކޮށްފައެވެ. އެކަމަކު އެކަން ނާކާމިޔާބުވީ އެ ގައުމުގެ ފުޓްބޯޅައިގެ ހިންގުން ދޯދިޔާވުމުންވެ. އަންޗެލޮޓީގެ އިތުރުން މެންޗެސްޓާ ސިޓީއަށް ކޯޗުކޮށްދޭ ޕެޕް ގާޑިއޯލާ އާއި ސައުދީ އަރަބިއާގެ އަލް ހިލާލްގެ ކޯޗު ޖޯޖް ޖެސޫސްވެސް ބްރެޒިލްގެ ލިސްޓުގައި ހިމެނެއެވެ. މީގެ ތެރެއިން އަންޗެލޮޓީ އާއި ގާޑިއޯލާގެ ސޮއި ނުލިބޭނަމަ ކޯޗަކަށް ގެނައުން އެންމެ ގާތީ ޖެސޫސްއެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާ ގޮތުން ޕޯޗުގަލްގެ ކޯޗު ވަނީ ފީފާ ކުލަބު ވޯލްޑް ކަޕް ނިމުމުން ބްރެޒިލްގެ ގައުމީ ޓީމާ ހަވާލުވާން އަނގަބަހުން އެއްބަސްވެފައެވެ.
2024 ވަނަ އަހަރުގެ ޖެނުއަރީ މަހު ކޯޗުކަމާ ހަވާލުވި ޑޮރިވާލްގެ ކޯޗުކަމުގައި ބްރެޒިލް ކުޅުނު 15 މެޗުގެ ތެރެއިން މޮޅުވީ އެންމެ ފަސް މެޗުންނެވެ. އޭނާ ވަކިކުރުން އަވަސް ކުރީ ވޯލްޑް ކަޕް ކޮލިފައިންގައި އެންމެ ވާދަވެރި އާޖެންޓީނާ އަތުން މިދިޔަ ހަފުތާގައި 4-1 ގެ ނަތީޖާއަކުން ބަލިވުމުންނެވެ.
މި ނަތީޖާއާއެކު ބްރެޒިލް އޮތީ ދެކުނު އެމެރިކާ ކޮލިފައިންގެ ހަތަރު ވަނައިގައެވެ. ނަތީޖާތައް ގޯސްވި ނަމަވެސް ބްރެޒިލް އަންނަ އަހަރު އެމެރިކާގައި ބާއްވާ ވޯލްޑް ކަޕް ކޮލިފައިނުވުމަކީ ވަރަށް ދުރުކަމެކެވެ. ސަބަބަކީ މުބާރާތް ކުޅޭ ގައުމުތަކުގެ 48 އަށް މަތިކޮށްފައިވާއިރު ދެކުނު އެމެރިކާއިން އެކަނިވެސް ޖުމްލަ ހަ ގައުމެއް އޮޓެމެޓިކުން ކޮލިފައިވާނެތީއެވެ. ކޮލިފައިންގައި ބާކީ ހަތަރު ބުރު އޮތްއިރު ބްރެޒިލް ކެޓުމަކީ ވަރަށް ދުރުކަމެކެވެ. ދެކުނު އެމެރިކާއިން މިހާތަނަށް ކޮލިފައިވެފައިވަނީ އާޖެންޓީނާ އެކަންޏެވެ.
ދުނިޔޭގެ އެންމެ ކާމިޔާބު ގައުމީ ޓީމަކީ ބްރެޒިލްއެވެ. ވޯލްޑް ކަޕް ފަސް ފަހަރު ހޯދާފައިވާއިރު، އެންމެ ފަހުން މި ތަށި ލިބިފައިވަނީ 2002 ވަނަ އަހަރު އެވެ. އޭގެ ފަހުން ބްރެޒިލްއަށް ދުނިޔޭގެ ފެންވަރުގައި ކާމިޔާބީ ހޯދެމުން ނުދާއިރު، އެ ގައުމުގެ ފުޓްބޯޅައިގެ ފެންވަރު ދުވަހެއް ދުވަހަކަށް ދަށްވަމުންދާ ކަމަށް ގިނަ ބަޔަކު އެއްބަސްވެއެވެ. މިކަމާ އެންމެ ބޮޑަށް ކަންބޮޑުވުން ފާޅުކޮށް ބްރެޒިލްގެ ފުޓްބޯޅަ ފެޑަރޭޝަނަށް ބަދަލުތަކެއް ގެނައުމަށް އެންމެ ބޮޑަށް މަސައްކަތް ކުރަމުންދަނީ އެ ގައުމުގެ ކުރީގެ ބައެއް ކުޅުންތެރިންނެވެ. ނަމަވެސް މަޝްހޫރު ރޮނާލްޑޯ މި ފަހަރުގެ އިންތިޚާބުގައި ވާދަކުރަން އުޅުމުން ތާއީދެއް ނުލިބުނެވެ.