ޚަބަރު

ޤައުމީ ކުޠުބުޚާނާގެ ކަލެކްޝަން ޑިޖިޓަލް ކުރަނީ


މިއަދަކީ، ރާއްޖޭގެ ކުޠުބުޚާނާތަކުގެ ދުވަހެވެ. ރާއްޖޭގައި ކުޠުބުޚާނާ ނުވަތަ ލައިބްރަރީތަކުގެ ދުވަހެއް ފާހަގަކުރުމުގެ އެންމެބޮޑު އެއްބޭނުމަކީ ލައިބްރަރީ ޚިދުމަތާއި، މަޢުލޫމާތު ފެތުރުމުގައި ދާއިރާގައި ލައިބްރަރީ އަދާކުރާ ދައުރުގެ މުހިންމުކަން އަންގައިދިނުމެވެ.

ލައިބްރަރީ ދުވަހެއް ފާހަގަކުރަމުން އަންނައިރު ރާއްޖޭގެ ޤައުމީ ކުޠުބުޚާނާއިން ދަނީ މިދާއިރާ ތަރައްޤީކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ޤައުމީ ކުޠުބުޚާނާއަކީ ރާއްޖޭގައި ސަރުކާރުން ހިންގަވާ އެންމެ ބޮޑު ލައިބްރަރީ ކަމަށްވާތީ ކުޠުބުޚާނާއިން ދެދައުރެއް އަދާކުރަންޖެހެއެވެ. އެއީ ނެޝަނަލް ލައިބްރަރީއެއްގެ ގޮތުން ރާއްޖެއާއި ރާއްޖޭން ބޭރުގައި ރާއްޖެއާ ބެހޭގޮތުން ޝާޢިއުކުރެވޭ ތަކެތި ޖަމާކޮށް ރައްކާ ކުރުމާއި އަދި ޕަބްލިކް ލައިބްރަރީއެއްގެ ގޮތުން ލައިބްރަރީއެއްގެ ޚިދުމަތް ދިނުމުގެ ދައުރެވެ. މިގޮތުން ރާއްޖޭން ބޭރުގައި ހުރި ރާއްޖެއާ ގުޅުންހުރި ލިޔެކިއުންތައް ކުޠުބުޚާނާގެ ކަލެކްޝަނަށް ގެނެވޭތޯ މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ނޭޝަނަލް ލައިބްރަރީން ވިދާޅުވެއެވެ.

ޤައުމީ ކުޠުބުޚާނާއިން ވިދާޅުވީ މިހާރު އެ ކުޠުބުޚާނާއަށް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޖާގައިގެ ދަތިކަމާއި އަދި ލައިބްރަރީގެ ދާއިރާއިން ތަމްރީނުވެފައިވާ މީހުން ނެތުން ކަމަށެވެ. img:http://s4.psmnews.mv/images/660x400/6393.jpg|"ފިޔޯރީ ރަންގަސް" ފޮތް ދައްކާލަނީ - ފޮޓޯ: ޕީއެސްއެމް ނިއުސް ފައިލް

ކުޠުބުޚާނާގައި ހުރި މި ގޮންޖެހުންތަކާއެކުވެސް މިހާރުވެސް ކުޠުބުޚާނާގައި ހުރި ކަލެއްޝަން ވީހާވެސް ގިނަ ބަޔަކަށް ލިބޭގޮތް ހެއްދެވުމުގެ ގޮތުން ކުޠުބުޚާނާގެ ކަލެކްޝަން ޑިޖިޓަލައިޒްކުރުމުގެ މަސައްކަތް ކުރެއްވުމަށް ތައްޔާރުވެވަޑައިގަންނަވަމުން އަންނަކަމަށް ޤައުމީ ކުޠުބުޚާނާއިން ހާމަކުރައްވައެވެ.

ރާއްޖޭގެ ލައިބްރަރީތަކުގެ ފެންވަރު މަތިކުރެއްވުމަށްޓަކައިސަރުކާރުންވެސް ގެންދަވަނީ ތަފާތު މަސައްކަތްތަކެއް ކުރައްވަމުންނެވެ. މިގޮތުން ތަހްޒީބު މުޖްތަމަޢަކަށް ބޭނުންވާ ތަރުބަވީ ތަޢުލީމް ސްކޫލްތަކުން ދަރިވަރުންނަށް  ފޯރުކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ވެވަޑައިގެންނެވި ވަޞީލަތް ހަމަ، މަޤްބޫލް ސްކޫލްތައް އުފެއްދުމުގެ ވަޢުދުގެ ދަށުން 80 ސްކޫލަކަށް ސަތޭކަ ތިރީސް ހާހަށްވުރެ ގިނަ ލައިބްރަރީ ފޮތާއި ސާމާނު މިއަހަރުގެ މާރޗްމަހު ވަނީ ޙަވާލުކޮށްދެއްވާފައެވެ.

މީގެ އިތުރުން ވަޞީލަތް ހަމަ މަޤްބޫލް ސްކޫލްތައް އުފެއްދުމަށާއި، ސްކޫލްތަކުގެ ދަރިވަރުން ފޮތް ކިޔުމަށް އަހުލުވެރިކުރުވުމަށް އަދި ދަރިވަރުންގެ ބަހުގެ ފެންވަރު މަތިކުރެއްވުމަށް ރާއްޖޭގެ ހުރިހާ ސްކޫލެއްގެ ލައިބްރަރީއަށް ބޭނުންވާ ފޮތްތައް ހޯއްދެވުމަށް އިންޑިޔާގެ އޮކްސްފޯޑް ޔުނިވަރސިޓީ ޕްރެސްއާއި އެޑިއުކޭޝަން މިނިސްޓްރީއާ  ދެމެދު 9.5 މިލިޔަން ރުފިޔާގެ 3 އަހަރު ދުވަހުގެ އެއްބަސްވުމެއްގައިވެސް މިއަހަރުގެ ތެރޭގައި ވަނީ ސޮއިކުރައްވާފައެވެ.

މި އެއްބަސްވުމުގެ ދަށުން 3 ފިޔަވައްސަކަށް ބައްސަވާލައްވައިގެން ފޮތްތައް ސްކޫލްތަކާ ޙަވާލުކުރައްވާއިރު، ފުރަތަމަ ފިޔަވަހީގައި 80 ސްކޫލަކަށް 3.9 މިލިޔަން ރުފިޔާގެ ލައިބްރަރީއަށް ބޭނުންވާ ސާމާނު ވަނީ ޙަވާލުކުރައްވާފައެވެ. މިގޮތުން ކޮންމެ ސްކޫލަކަށް 1728 ފޮތާއި، ސީޑީ އަދި ޓީޗަރސް ގައިޑާއި އެހެނިހެން މުހިންމު ރީޑިންގ މެޓީރިއަލް ޙަވާލުކުރައްވާފައިވެއެވެ.